ބުފޮންގެ ޖާގަ ފުރާނީ ޝެޒްނީ؟
ބުފޮންގެ ޖާގަ ފުރާނީ ޝެޒްނީ؟

ރޯމް (ޖޫން 6) – އާސެނަލްގެ ޕޮލެންޑް ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ އަށް ޔުވެންޓަސް އިން ކުރި 14 މިލިއަން ޔޫރޯގެ ބިޑް އެ ކްލަބުން ގަބޫލުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުވެންޓަސް އިން ޝެޒްނީ ގެންނަނީ އެ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ރިޓަޔާކުރަން ކައިރިވެފައިވާތީ އޭނާގެ ބަދަލުގަ އެވެ. އަންނަ ސީޒަނަށް ފަހު ބުފޮން ކުޅުން ހުއްޓާލާނެ ކަމަށް ބެލެވެ އެވެ. ޝެޒްނީ ގެނައި ނަމަވެސް އަންނަ ސީޒަނުގައި އޭނާ ހުންނާނީ ދެ ނަމްބަރު ކީޕަރުގެ ގޮތުގައި ކަމަށް ލަފާކުރެވެ އެވެ.

ޝެޒްނީ މިދިޔަ ދެ ސީޒަން ހޭދަކުރީ އާސެނަލްގެ ލޯނެއްގެ ދަށުން އިޓަލީގެ އޭއެސް ރޯމާގަ އެވެ. މި ސީޒަނުގެ އިޓާލިއަން ލީގުގެ ދެ ވަނަ މަގާމް ރޯމާ ހޯދިއިރު ޝެޒްނީ މުހިއްމު ދައުރެއް އަދާކުރި އެވެ. އެކަމަކު ލޯނުގެ މުއްދަތަށް ފަހު އޭނާގެ ގަތުމުގެ ސީދާ ފުރުސަތެއް ރޯމާ އަށް ނެތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝެޒްނީ ވަނީ ޔުވެންޓަސްއާ އެކު، އަހަރަކު ހަތަރު މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ހަދަން އެއްބަސްވެފަ އެވެ.

އުމުރުން 27 އަހަރުގެ ޝެޒްނީ އަކީ އާސެނަލްގެ އެކަޑަމީން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމާ 2009 ވަނަ އަހަރު ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ޕޮލެންޑް ގައުމީ ޓީމަށް 28 މެޗު ކުޅެދީފަ އެވެ.