ސީޒަނުގެ ކުރީކޮޅު ހަޒާޑް ހުންނަން ޖެހޭނީ ކުޅިބަލަން
ސީޒަނުގެ ކުރީކޮޅު ހަޒާޑް ހުންނަން ޖެހޭނީ ކުޅިބަލަން

ލަންޑަން (ޖޫން 6) - އަންނަ ސީޒަނުގެ ކުރީކޮޅުގައި ޗެލްސީ ކުޅޭ މެޗުތައް އެޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ގެއްލޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ހަޒާޑްގެ ކުޑަހުޅަށް އަނިޔާވީ ބެލްޖިއަމް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ބެލްޖިއަމް ގައުމީ ޓީމުގެ ޑޮކްޓަރު ކްރިސް ވޭން ކްރޮމްބްރޫޖްގެ ބެލުމުގެ ދަށުން ހަޒާޑްގެ އޮފަރޭޝަން ކޮށްފައިވާއިރު، އަނިޔާއިން ރަނގަޅުވެ އޭނާ އަލުން ކުޅުމަށް އެނބުރި އަންނަން ތިން މަސް ދުވަސް ނަގާނެ ކަމަށް ވަނީ ބުނެފަ އެވެ.

"އަނިޔާ ހީކުރި ވަރަށް ވުރެ ގޯހެއް ނޫން. ހަޒާޑް ތިން މަސް ދުވަހުގެ ތެރޭގައި ކުޅުމަށް އެނބުރި އަންނާނެ،" ކްރޮމްބްރޫޖް ބުންޏެވެ.

ހަޒާޑް ނުލައި ރޭ ބެލްޖިއަމުން ވަނީ ރަހުމަތްތެރިކަމުގެ މެޗެއްގައި ޗެކް ރިޕަބްލިކް އަތުން 2-1 އިން މޮޅުވެފަ އެވެ. މިޝީ ބަޓްޝުއާޔީ ބެލްޖިއަމަށް ލީޑުނަގައިދީފައިވަނިކޮށް ޗެކަށް އެއްވަރުކޮށްދިނީ މައިކަލް މައިކަލް ކްރެމެންސިކް އެވެ. ބެލްޖިއަމް މޮޅުކޮށްދިނީ މަރުއާން ފެލައިނީ އެވެ. ބެލްޖިއަމް ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ނުކުންނާނީ އެސްޓޯނިއާއާ ދެކޮޅަށެވެ.

ހަޒާޑަކީ ނިމިދިޔަ އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިދިޔަ އަހަރު ފޯމު ދަށްވުމުގެ ސަބަބުން އެންމެ ރަނގަޅު ކުޅުމެއް ހަޒާޑްގެ ފަރާތުން ނުފެނުނު ނަމަވެސް މި ސީޒަނުގައި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ހަޒާޑްގެ މޮޅު ކުޅުން އަލުން ވަނީ ފެނިފަ އެވެ.

އަންނަ އޮގަސްޓް މަހު އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށާއިރު، ސީޒަން ހުޅުވުމަށް އާސެނަލާ ދެކޮޅަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗު ހަޒާޑަށް ގެއްލޭނެ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގައި ޗެލްސީ ކުޅޭ ފުރަތަމަ ހަތަރު ވަރަކަށް މެޗުން ހަޒާޑް ނުފެނުމުގެ ފުރުސަތު ބޮޑެވެ.

ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ހަޒާޑަށް ފާރަލަމުން އަންނަ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.