06 ޖޫން 2017 - 11:14

ލަންޑަން (ޖޫން 6) - އިނގިރޭސި ވިލާތުގެ ލަންޑަނުގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަންޑަނުގެ މޭޔަރު ސޯދިގު ޚާން އަށް ފާޑުވިދާޅުވެ ދެއްވާ ބަހުގެ ހަމަލާތައް އަނެއްކާވެސް ހޫނުވެއްޖެ އެވެ.
ޓްރަމްޕުގެ ޓްވީޓުތަކަށް ރައްދު ދެއްވާ ސޯދިގު ޚާން ވިދާޅުވީ ޓްރަމްޕް އުޅުއްވަނީ އިނގިރޭސިވިލާތް ބައިބައި ކުރައްވަން ކަމަށެވެ. އަދި އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ބައެއް މީހުން އެބަ މަސައްކަތް ކުރޭ ބައިބައިވުން އުފައްދަން. އެކަމަކު އިނގިރޭސި ވިލާތުގެ މުޖްތަމައުތައް ބައިބައި ކުރުމުގެ ފުރުސަތު ޑޮނަލްޑް ޓްރަމްޕަށް ނުދޭނަން،" ބީބީސީގައި ވާހަކަ ދައްކަވަމުން ޚާން ވިދާޅުވި އެވެ.
ސްކައި ނިއުސްގައި ވާހަކަ ދައްކަވަމުން ޚާން ވިދާޅުވީ ޓްރަމްޕް ކުރައްވާ ޓްވީޓްތަކަށް ރައްދު ދޭނެ ވަގުތެއް ނެތް ކަމަށެވެ. އަދި އެއަށް ވުރެ މާ މުހިންމު މަސައްކަތްތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ލަންޑަނުގައި ދިން ހަމަލާ އަށް ފަހު ޓްރަމްޕް ވަނީ އެއީ ހަރުކަށިި ވިސްނުމުގެ މުސްލިމުންނާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅަން ޖެހޭ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ލަންޑަނުގެ ފުރަތަމަ މުސްލިމް މޭޔަރު ގެންދަވަނީ ސަލާމަތީ ގޮތުން އަޅުއްވަން ޖެހޭ ފިޔަވަޅުތަކާ މެދު އިހުމާލުވަމުން ކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ލަންޑަނުގައި ދިން ހަމަލާ އަށް ފަހު ޚާން ނެރުއްވި ބަޔާނެއްގައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެކަމާ ކަންބޮޑުނުވުމަށް އެދިވަޑައިގެންފަ އެވެ. މި ބަޔާނަށް ރައްދު ދެއްވާ ޓްރަމްޕް ވަނީ ހަތް މީހުން މަރުވެ 48 މީހުން ޒަޚަމްވީމަ ވެސް ލަންޑަނުގެ މޭޔަރު ވިދާޅުވަނީ ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.
ޓްރަމްޕުގެ ފާޑު ވިދާޅުވުމުން ސޯދިގު ޚާން އަށް އަމާޒުވި ނަމަވެސް އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ ވަނީ ޚާންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އެކަމަނާ ވިދާޅުވީ ސޯދިގު ޚާން ކުރައްވަމުން ގެންދަވަނީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި އެ ނޫން ގޮތަކަށް އެކަން ބަލައިގަތުމަކީ ގޯހެއް ކަމަށެވެ.