ސިޔާސީ ގުޅުން ކަނޑާލިޔަސް ގަތަރާ އެކު އޮތް ވިޔަފާރީގެ ގުޅުމަށް ބަދަލެއް ނުގެންނާނެ: ސަރުކާރު
ސިޔާސީ ގުޅުން ކަނޑާލިޔަސް ގަތަރާ އެކު އޮތް ވިޔަފާރީގެ ގުޅުމަށް ބަދަލެއް ނުގެންނާނެ: ސަރުކާރު

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ރާއްޖެ އިން ކަނޑާލިޔަސް ވިޔަފާރީގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އަރަބި ފަސް ގައުމަކުން ގަތަރާ ސިޔާސީ ގުޅުން މިއަދު ކުއްލިއަކަށް ކަނޑާލުމާ އެކު، މާ ދުރުގައި އޮތް ރާއްޖެ އިން ވެސް އެ މަގުން ހިނގިކަން ސަރުކާރުން އިއުލާންކުރި އެވެ.

ސަރުކާރުން ބުނި ގޮތުގައި ގަތަރާ ސިޔާސީ ގުޅުން ކަނޑާލަން ނިންމީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގުޅުން ކަނޑާލިޔަސް އެ ގައުމާ އެކު އޮންނަ ވިޔަފާރީގެ އެއްވެސް ގުޅުމަކަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައި ނުވާ ކަމަށެވެ.

ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެއި 26، 1984 ގައި ގަތަރާ އެކު ގާއިމްކުރި ސިޔާސީ ގުޅުން މިއަދުން ފެށިގެން ކަނޑާލަން ނިންމީ ޓެރަރިޒަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

ރާއްޖޭން އަބަދުވެސް ގެންގުޅެނީ މެދުއިރުމަތީގައި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ތާއީދު ކުރާ ސިޔާސަތެއް ކަމަށާއި، ސުލްހައަށް މަސައްކަތް ކުރާ ގައުމުތަކަށް އެއްބާރުލުން ދީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ގަތަރާ އެކު އޮތް 33 އަހަރު ވީ ސިޔާސީ ގުޅުން ރާއްޖޭން ކަނޑާލުމުން އާންމުންގެ ގިނަ ބަޔަކާއި ބައެއް ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދެމުން އަންނަ ގައުމަކާ އޮތް ގުޅުން ރާއްޖޭން ކަނޑާލުމުގެ ނޭދެވޭ އަސަރު ރާއްޖެ އަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.