ޕެރިސް އެއްބަސްވުމުގައި އިންޑިއާ ސޮއިކުރީ ފައިސާއަކަށް ނޫން، ތިމާވެއްޓަށް
ޕެރިސް އެއްބަސްވުމުގައި އިންޑިއާ ސޮއިކުރީ ފައިސާއަކަށް ނޫން، ތިމާވެއްޓަށް

ނިއު ދިއްލީ (ޖޫން 5) - ޕެރިސް ތިމާވެށި އެއްބަސްވުމުގައި އިންޑިއާ އިން ސޮއިކުރީ ފައިސާ އަށް ނޫން ކަމަށާއި އެއީ ހަމައެކަނި ތިމާވެއްޓަށް ޓަކައި ކުރި ކަމެއް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން މިހެން ބުނެފައި ވަނީ ޕެރިސް އެއްބަސްވުމުން ވަކިވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެމުންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އިންޑިއާ އާއި ޗައިނާ އަކީ އެންމެ ގިނައިން ޖައްވު ކިލަނބު ކުރާ ދެ ގައުމު ކަމަށާއި އެކަމަކު އެމެރިކާ އަށް ވުރެ ބޮޑަށް އެ ދެ ގައުމަށް ޕެރިސް އެއްބަސްވުމުން މާލީ މަންފާތައް ލިބޭ ކަމަށެވެ.

ޚާރިޖީ ވަޒީރު ސުވަރާޖް ވިދާޅުވީ އެމެރިކާ އިން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އިންޑިއާ އިން ޕެރިސް އެއްބަސްވުން ގަބޫލް ކުރީ ދުނިޔެ ހޫނުވުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމަށެވެ.

"ޕެރިސް އެއްބަސްވުމުގައި އިންޑިއާ އިން ސޮއިކުރީ އެއްވެސް ޕްރެޝަރެއް އައިސްގެން ނުވަތަ ފައިސާގެ ބޭނުމުގައެއް ނޫން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސުވަރާޖް ވިދާޅުވި އެވެ. "އިންޑިއާ އިން ޕެރިސް އެއްބަސްވުމުގައި ސޮއިކުރީ ފައިސާ އަށް ކަމަށް ބުނާ ބުނުމާ ކަނޑައެޅިގެން ދެކޮޅު ހަދަން."

އިންޑިއާ އިން ވަނީ ޕެރިސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ވެސް ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.