05 ޖޫން 2017 - 17:59

ދޯހާ (ޖޫން 5) - ސައުދީ އަރަބިއާ އަށް ކުރާ ހުރިހާ ދަތުރުތަކެއް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ގަތަރު އެއާވޭސް އިން ބުނެފި އެވެ.
ގަތަރު އެއާވޭސް އިން މި ގޮތަށް ނިންމާފައި ވަނީ ސައުދީ އަރަބިއާ އިން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެ ގައުމުގެ ސަރަހައްދު ގަތަރަށް ބަންދު ކުރުމުންނެވެ. އޭގެ ތެރޭގައި ސައުދީ ބޯޑަރު ބަންދު ކުރުމާއި ބަނދަރުތަކާއި ވައިގެ ސަރަހައްދު ބަންދު ކުރުން ވެސް ހިމެނެ އެވެ. ސައުދީއާ އެކު ބަހުރޭން، ޔޫއޭއީ، މިސްރު، ލީބިއާ، ޔަމަން އަދި ދިވެހި ރާއްޖެ އިން ވެސް މިއަދު ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.
ސައުދީގެ ނުވަ ސިޓީއަކަށް ގަތަރު އެއާވޭސް އިން ދަތުރު ކުރެ އެވެ. ސިޔާސީ ގުޅުން ކަނޑާލުމާ އެކު ޔޫއޭއީގެ އެމިރޭޓްސް، އިއްތިހާދު، ފްލައިދުބާއީ އަދި އެއާ އަރަބިއާ އާއި ސައުދީ އެއާލައިންސް އިން ގަތަރަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.
ގަތަރާ ގުޅުން ކަނޑާލި ސަބަބެއް ކަމަށް ބުނެފައި ވަނީ އެ ގައުމަށް ޓެރަރިޒަމަށް ވާގިވެރިވެ ހައްދުފަހަނަޅާ ދިއުމަށް ތާއީދުކުރާތީ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު ވަނީ ހަމާސް އާއި ހިޒްބުﷲ އަދި މުސްލިމް ބުރަދަހުޑަކީ ޓެރަރިސްޓް ޖަމާއަތްތައް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގަތަރުން ބުނެފައި ވަނީ އަމީރު ވިދާޅުވި ވާހަކަތަކެއް ކަމަށް ބުނެ އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީގައި އެ ވާހަކަތައް ލިޔެފައިވަނީ ވެބްސައިޓް ހެކްކޮށްގެން ކަމަށެވެ. މި ވާހަކަތަކާއި ގުޅިގެން އެ ގައުމުތަކުން ވަނީ ގަތަރުގެ މީޑިއާ ބަންދުކޮށްފަ އެވެ.
ސައުދީން ވަނީ އެ ގައުމުގައި ތިބި ގަތަރު މީހުން 14 ދުވަހުގެ ތެރޭގައި ފޭބުމަށް އަންގައިފަ އެވެ. ނަމަވެސް އުމްރާ އަށް ގޮސް ތިބި މީހުން އޭގެ ތެރޭގައި ނުހިމެނެ އެވެ. އަދި ގަތަރުގައި ތިބި ސައުދީ މީހުން ވެސް 14 ދުވަސް ތެރޭ އެ ގައުމުން ފޭބުމަށް ވަނީ އަންގައިފަ އެވެ.
ގަތަރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލީ ނާއިންސާފުން ކަމަށާއި ބޭނުމަކީ އެ ގައުމުތަކުގެ ކޮންޓްރޯލް ގަތަރުގެ މައްޗަށް ހިންގުން ކަމަށެވެ.