05 ޖޫން 2017 - 18:24

ގަތަރާއެކު ރާއްޖޭން ޒަމާންތަކެއް ވަންދެން ގާއިމުކޮށްފައި އޮތް ގުޅުން ރާއްޖޭން ކަނޑާލުމުން ރައްޔިތުންނަށް ގެއްލުން ލިބޭނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ގަތަރަކީ އިގްތިސާދީ ގޮތުންނާއި އުމްރާނީ ތަރައްގީ އާއި ތައުލީމާއި ސިއްހަތާއި އެހެނިހެން ދާއިރާތަކުން ދިވެހި ރައްޔިތުންނަށް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދީފައިވާ އެކުވެރި އިސްލާމީ ގައުމެކެވެ.
ގަތަރުން މިހާރު ވެސް ރާއްޖެ އަށް އެހީތެރިވަމުން އަންނަ ދަނޑިވަޅެއްގައި ދެ ގައުމު ދެމެދު އޮތް ގުޅުން ކަނޑާލުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވިސްނުންތެރި ކަމެއް ނެތް އަމަލެއްގެ ގޮތުގައި އަދާލަތު ޕާޓީން ވަނީ ސިފަކޮށްފަ އެވެ. އަދި މި އަމަލުގެ ސަބަބުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުން ފޯރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އަދާލަތު ޕާޓީން ބުނީ އިސްލާމީ ދުނިޔެ އާއި ސަރަހައްދީ ފެންވަރުގައި އާއި ބައިނަލްއަގުވާމީ ސިޔާސަތުގެ ދާއިރާގައި ރާއްޖެ އިން ޒަމާނުއްސުރެ ހިފަހައްޓަމުން އަންނަ ބެލެންސްޑް ހާރިޖީ ސިޔާސަތު ބަދަލުކޮށް، ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިނގާ ދިވެހިންނާ އެއްވެސް ގުޅުމެއް ނެތް ހަމަނުޖެހުންތަކުގެ ތެރެއަށް ވަނުމުގެ ސަބަބުން ރާއްޖެ އެކަހެރިވަމުންދާ ކަމަށެވެ.
ވިޔަފާރި އާއި އެހެނިހެން ގޮތް ގޮތުން ރާއްޖެ ނިކަމެތިވަމުން އަންނަ ދަނޑިވަޅެއްގައި އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކުގެ ތެރެއަށް ވަދެ، އިސްލާމީ އުންމަތް އިތުރަށް ބައިބައިކޮށް ނިކަމެތި ކުރަން މަސައްކަތް ކުރުމަކީ އިންތިހާ އަށް ނުރައްކާތެރި އަދި ބިރުވެރި ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
އެހެންވެ، އަދާލަތު ޕާޓީން ވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ކަމަށް ފެންނަން ހުރި އުޒުރުތަކުގެ މައްޗަށް ބިނާކޮށް އިސްލާމީ ގައުމުތަކުގެ މެދުގައި ފިތުނަވެރި ކުރުމަށް ކުރަމުންދާ ކަންކަމުން އެއްކިބާވެ އޮތުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ނިންމުންތަކަކީ މިނިވަންކަމާއި ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރާނެ ފަދަ ހަރުދަނާ ނިންމުންތަކަކަށް ވާން ޖެހޭނެ ކަމަށް ބަޔާނުގައިވެ އެވެ.
"ބައިނަލްއަގުވާމީ އަރައިރުންތަކުގެ ތެރެއަށް ވަދެ، ދިވެހި ގައުމު އިތުރަށް ނިކަމެތި ކުރުމުގެ ބަދަލުގައި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓޭނެ ހެން ރާއްޖޭގެ ހާރިޖީ ސިޔާސަތު އަލުން ބައްޓަންކޮށް، މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅުމަށް ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ގަތަރާއެކު އޮތް ގުޅުން ރާއްޖޭން ކަނޑާލުމާ ގުޅިގެން އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީން ބުނީ ރޯދަ މަހަކީ މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރަން ޖެހޭ ބަރަކާތްތެރި ދުވަސްވަރެއް ކަމަށެވެ. ގަތަރާއި ދިވެހި ދައުލަތާ ދެމެދު ދިގު ޒަމާންތަކެއް ވަންދެން ގާއިމުވެފައިވާ އުހުއްވަތްތެރިކަމުގެ ބަދަހި ގުޅުން ކަނޑާލީ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލިހުގެ ރައުޔެއް ނެތި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދާލަތު ޕާޓީން ސިފަ ކުރި ގޮތުގައި މިއީ ސަރުކާރުން ކުރަމުން އަންނަ ނޭއްގާނީ ކަންކަމަށް އިތުރުވި ބޮޅެކެވެ.
ދިވެހި ސަރުކާރުން ނެރުނު ކުރު ބަޔާނެއްގައި ބުނީ މެއި 26، 1984 ގައި ގަތަރާ އެކު ގާއިމުކުރި ސިޔާސީ ގުޅުން މިއަދުން ފެށިގެން ކަނޑާލަން ނިންމީ ޓެރަރިޒަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ. ސިޔާސީ ބޮޑު ހަމަނުޖެހުމަކަށް ފަހު ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިއާ އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.