26 ޖޫން 2016 - 09:16

މިއީ ވަރަށް އާދަޔާ ހިލާފު ވާހަކަ އަކަށް ވެދާނެ އެވެ. އޮރިޖިނަލް ބްރޭންޑެއްގެ ރަނގަޅު ކޮލިޓީއެއްގެ ޖިންސެއް ނަމަ ދޮންނާކަށް ނުޖެހޭނެ އެވެ. މަޝްހޫރު ބްރޭންޑް ލިވައި ޖިންސުގެ ސީއީއޯ ޗިޕް ބުނެފައިވާ އޭނާގެ ޖިންސުގައި ކިލާ ލައްގަނޑެއް ޖެހިއްޖެ ނަމަ އެތަނެއް ވަކިން ދޮވެލަނީ އެވެ.
ޖިންސު އުފައްދާ މީހުން ބުނާގޮތުގައި ޖިންސު ނުދޮންނަނީ އޭގައި ހުންނަ ނޫ ޑައި ފޭދި ޖިންސެއްގައި ހުންނަންޖެހޭ އަސްލު ސިފަ ގެއްލޭނެތީ އެވެ. އަދި ދޮންނަ މެޝިނުގައި ޖިންސު ދޮވުމުން އޭގެ ފިޓު ތަފާތުވެ، ފަޔަށް ދޫވެ ނުވަތަ ބާރުވެދާނެތީވެ އެވެ. ޖިންސަކީ އޭގެ ޒާތުގައި ކޮންމެ މޫސުމެއްގައި ވެސް ލެވޭނެ، ނުބައި ވަސް ފަސޭހައިން ނުހިފާ ވައްތަރުގެ އަންނައުނެކެެވެ. ނަަމަވެސް، ޖިންސު މާބޮޑަށް ހަޑިވެއްޖެ ނަމަ ދޮންނަ މެޝިނަށް ނުލައި ވެސް ސާފު ކޮށްލެވިދާނެ އެވެ.
* ވިނިގާ އިން ދޮވުން: ދޮންނަ ކުނޑި ނުވަތަ ޑިޓާޖެންޓުން ޖިންސުގެ ކުލަ ފަސޭހައިން ފޭދޭނެ އެވެ. ނަމަވެސް، ވިނިގާއިން ޖިންސުގެ ކުލަ ނުފޭދި ހިފަހައްޓަ އެވެ. ފިނި ފެނާއި އެއް ޖޯޑު ވިނިގާ އެއްކޮށްލުމަށް ފަހު އޭގެ ތެރޭގައި ޖިންސު ފޯކޮށްލަން ބާއްވާށެވެ. އިރުކޮޅަކުން ނަގައި ހިއްކާލަން އަޅާލާށެވެ.
* އައިސް އަލަމާރިއަށް: ޖިންސު ކޮތަޅަކަށް ލައި ރަނގަޅަށް ބަންދުކޮށްލުމަށް ފަހު، އައިސް އަލަމާރީގެ ގަނޑުކުރާ ބަޔަށް ލުމުން ޖިންސުގައި ހުރި ޖަރާސީމާއި ނުބައި ވަސް ނައްތާލާނެ އެވެ.
* އަވީލުން: ދެ ހަފުތާއިން އެއްފަހަރު ޖިންސު އަވީގައި ބާއްވާށެވެ. ސީދާ އަވީގަ ނުޖެހޭ ގޮތަށް ބަހައްޓާށެވެ. ނުބައި ވަސް އަދި ޖަރާސީމު ނައްތާލާނެ އެވެ.