"ބޫމީ"ގެ ސެޓުގައި ރޯވެ އަދިތީގެ ފުރާނަ ސަލާމަތްވީ ކިރިޔާ
"ބޫމީ"ގެ ސެޓުގައި ރޯވެ އަދިތީގެ ފުރާނަ ސަލާމަތްވީ ކިރިޔާ

ސަންޖޭ ދަތު އެނބުރި އައުން ފާހަގަކުރާ ފިލްމު "ބޫމީ"ގެ ސެޓުގައި އަލިފާން ރޯވެ ފިލްމުގެ ބަތަލާ އަދިތީ ރާއޯ ހައިދްރީގެ ފުރާނަ ހަނި ގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

އަލިފާން ރޯވިއިރު އަދިތީ ދިޔައީ ކައިވެނީގެ މަންޒަރުތައް ދައްކާ ލަވައެއް ޝޫޓް ކުރަމުންނެވެ. އެތަނުގައި އަލިފާން ރޯވެ އަނދަން ފެށީ ކުއްލިއަކަށް ވަރަށް ބާރު ސްޕީޑްގައި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ ސަލާމަތްވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި ހާދިސާ ހިނގާފައި ވަނީ މުމްބައީގެ އާރް.ކޭ ސްޓޫޑިއޯގައި ހަދާފައިވާ ސެޓެއްގަ އެވެ. މި ހާދިސާގެ ސަބަބުން ފިލްމު ޝޫޓިން ހުއްޓާލަން ޖެހުނެވެ.

އަލުން ޝޫޓިން ފަށާއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން "ބޫމީ"ގެ ކުރޫ ގައި ހިމެނޭ ޕްރޮޑިއުސަރުން ކަމަށްވާ ބޫޝަން ކުމާރާއި ސަންދީޕް ސިންގް އަދި ޑައިރެކްޓަރު އޮމަންގް ކުމާރު ބޭނުންވެގެން ޝޫޓިން މެދުކަނޑާލީ ކަމަށް އެމީހުން ބުނެފައިވެ އެވެ.

އަދިތީ ބުނި ގޮތުގައި އަލިފާން ރޯވިއިރު އެމީހުން ދިޔައީ ޑާންސް މާސްޓަރު ގަނޭޝް އަޗާރިޔާއާ އެކު ލަވައެއްގެ މަންޒަރުތަކެއް ޝޫޓް ކުރަމުންނެވެ. އަދި އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ވެސް އޭނާ ބުންޏެވެ. ނެށުންތެރިންނާއި ފިލްމުގައި ހަރަކާތްތެރިވާ އެހެން އެކްޓަރުންނާއި ކުރޫންނާއެކު 300 އެއްހާ މީހުން އެވަގުތު އެ ތަނުގައި ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އަދިތީ ބުންޏެވެ.

"ބޫމީ" އަކީ ވަރަށް ޖަޒުބާތީ އަދި އެހާމެ ސެންސިޓިވް ބަދަލުހިފުމުގެ ޑްރާމާ އެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ބައްޕަ އަކާއި ދަރިފުޅުގެ ގުޅުންތަކުގައި ޖެހޭ މައްސަލަ ތަކެކެވެ. ބައްޕަގެ ރޯލު ސަންޖޭ ދަތު އަދާކުރާއިރު އަދިތީ އަދާކުރަނީ ދަރިފުޅުގެ ރޯލެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ.