ކަރަންގެ "ސައިރަތު" އިން ޖާންވީ އާއި އިޝާން ބޮލީވުޑަށް
ކަރަންގެ "ސައިރަތު" އިން ޖާންވީ އާއި އިޝާން ބޮލީވުޑަށް

ޝްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތަރު ބޮލީވުޑަށް ތައާރަފުވާނީ ކަރަން ޖޯހަރް އުފައްދާ "ސައިރަތު" އިން ކަން ޔަގީން ވެއްޖެ އެވެ. "ސައިރަތު" އަކީ މަރާޓީ ބަހުން އުފައްދާފައިވާ ވަރަށް މޮޅު ފިލްމެއްގެ ރިމޭކް އެކެވެ.

މި ފިލްމު ދޭނީ ޖާންވީއަށްތޯ ނުވަތަ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގުގެ ދަރިފުޅު ސާރާ އަލީ ޚާނަށްތޯ ނުނިންމިގެން ކަރަން ވަނީ ވަރަށް ގިނަ ދުވަހު ދެ ފިކުރުގައި ހުރެފަ އެވެ. ސަބަބަކީ ސާރާ އާއި ޖާންވީ އަކީ ކަރަންގެ ވަރަށް އެކުވެރި ފިލްމީ ތަރިންތަކެއްގެ ދަރިންނަށް ވާތީ އޭނާއަށް ވަކި ގޮތެއް ނިންމަން އުނދަގޫވެގެންނެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މިފިލްމު މިހާރު ވަނީ ޖާންވީއަށް ލިބިފަ އެވެ. އަދި ސާރާ އަށް ވެސް އެކަށީގެންވާ ޕްރޮޖެކްޓެއް ހޯދަން ކަރަން ވައުދުވެފައިވާ ކަމަށްވެ އެވެ.

ޖާންވީ އާއި އިޝާން ތައާރަފްވާ ފިލްމު ޑައިރެކްޓްކުރުމުގެ ޒިންމާއާ ހަވާލުވެފައިވަނީ "ބަދްރީނާތު ކީ ދުލްހަނިޔާ"ގެ ޑައިރެކްޓަރު ޝަޝާންކް ޚައިތާންއާ އެވެ.

މަރާޓީ ފިލްމު ހިންދީ ފިލްމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ފިލްމު ވެގެން ދާނީ ކަރަން ޖޯހަރްގެ ފިލްމުތަކުގައި ހުންނަ ކަހަލަ ހަގީގަތަށް ވުރެ ޚިޔާލީކަން ބޮޑު މޮޅު ފިލްމަކަށެވެ.

ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރު ނިމޭ ހިސާބުގައި ކަމަށްވާތީ ފިލްމު ފެށުމުގެ ކުރިން ދެ މީހުންގެ ކެމިސްޓްރީ ރަނގަޅުކުރުމަށް ތަންތަނަށް އެކުގައި ގޮސް ބައްދަލުކޮށް ގިނަގިނައިން ވާހަކަ ދައްކާ އެކީގައި ގިނަ ވަގުތު ހޭދަކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ. ސަބަބަކީ ޖާންވީ އަކީ އޭނާގެ މަންމަ ޝްރީދޭވީ ފަދައިން އަނގަމަޑު މީހަކަށް ވާތީ އިޝާން އާއި އޭނާގެ އެކުވެރިކަން ބަދަހިވެގެން ނޫނީ ފިލްމުގައި ދައްކަން ބޭނުންވާ ކެމިސްޓްރީ ނުދެއްކޭނެތީ އެވެ.