ބާންސާލީ އާއި މަނީ ރަތުނަމް އައިޝްވަރިޔާގެ ރުހުން ހޯދައިފި
ބާންސާލީ އާއި މަނީ ރަތުނަމް އައިޝްވަރިޔާގެ ރުހުން ހޯދައިފި

ދަރިއަކު ލިބި އުމުރުން 40 އަށް ވުރެ މައްޗަށް ދިޔަޔަސް މިހާރުގެ އެންމެ ޒުވާން ބަތަލާއިންނަށް ލިބޭ ވަރަށް ނުވަތަ އެއަށް ވުރެ ވެސް ގިނައިން އަދިވެސް އައިޝްވަރިޔާ ރާއީ އަށް ފިލްމު ކުޅުމުގެ ފުރުސަތުތައް ލިބެ އެވެ.

މިހާރު އައިޝްވަރިޔާ ކުޅެން ސޮއިކޮށްފައިވާ ފިލްމެއް ނެތަސް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އޭނާ އަންނަނީ ބައެއް ފިލްމުގެ ސްކްރިޕްޓްތައް ކިޔަމުންނެވެ. އަދި މިތަނުން ދެ ފިލްމެއް ކުޅެދޭން އޭނާ މިހާރު ވަނީ އެއްބަސްވެފަ އެވެ.

އެއީ މަނީ ރަތުނަމްގެ ފިލްމަކާއި ސަންޖޭ ލީލާ ބާންސާލީގެ ފިލްމެކެވެ. ދާދިފަހުން ބާންސާލީ އާއި އައިޝްވަރިޔާ ވަނީ "ޕަދްމާވަތީ" ސެޓުގައި ސިއްރު ބައްދަލުވުމެއް ބާއްވާފަ އެވެ. ބާންސާލީގެ ފިލްމު ކުޅެން އައިޝްވަރިޔާ އެއްބަސްވީ މި ބައްދަލުވުމަށް ފަހުގަ އެވެ.

މި ދެ ފިލްމަށް އާނ ބަސް ދީފައިވާ ކަމަށް އައިޝްވަރިޔާ ވަނީ ޔަގީން ކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި މި ދެ ޑައިރެކްޓަރުންނަކީ އޭނާ އެ ބަޔަކާ އެކު ވަރަށް ކުރިއްސުރެ މަސައްކަތް ކޮށްފައިވާ ދެ ޑައިރެކްޓަރުންނެވެ.

މީގެ އިތުރުން އަނިލް ކަޕޫރާ އެކު "ފެނީ ޚާން" ކިޔާ ފިލްމެއް ކުޅެން އައިޝްވަރިޔާ އެއްބަސް ވެފައިވާ ކަމުގެ ޚަބަރުތަކެއް ވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ. އެ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ އަރްޖުން އެން ކަޕޫރާއި ރާކޭޝް އޯމްޕްރަކާޝް މެހެރާ މުމްބައި މިރާ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ އެ މީހުންގެ ފިލްމުގެ ޝޫޓިން ފެށޭ ގޮތް ވެފައިވާ ކަމަށާއި ފިލްމު ކުޅެދޭން އައިޝްވަރިޔާ އެއްބަސް ވެފައިވާ ކަމަށެވެ. އަދި މިއަހަރު ނިމޭ ހިސާބުގައި ފިލްމުގެ މަސައްކަތް ފަށަން ތައްޔާރީތައް ފަށާފައިވާ ކަމަށް ވެސް ޕްރޮޑިއުސަރުން ބުނެފައިވެ އެވެ.

އަނުރާގް ކަޝޭޕް ވެސް އައިޝްވަރިޔާ އާއި ފިރިމީހާ އަބީޝެކް ބައިވެރިކޮށްގެން "ގުލާބު ޖާމުން" ކިޔާ ފިލްމެއް އުފައްދަން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މި ފިލްމަށް އައިޝްވަރިޔާ ވަނީ ނޫނެކޭ ބުނެފަ އެވެ.

އަދި ޕްރަހާދް ކައްކަރް ވެސް ވަނީ އައިޝްވަރިޔާ އާއި އަމީތާބު ބައްޗަން އަދި އަބީޝެކް ބައްޗަން ބައިވެރިކޮށްގެން ފިލްމެއް އުފެއްދުމަށް ޝައުގުވެރިވާކަން ފާޅުކޮށްފަ އެވެ. ނަމަވެސް ކައިވެނީގެ މައްސަލަތަކަކާ ގުޅޭ މި ފިލްމު ވެސް ނުކުޅެން އައިޝްވަރިޔާ ވަނީ ނިންމާފަ އެވެ.