ހަބޭސްގެ "ޒަމާން" މަދަހަ ސީޑީއަށް ތަރުހީބު ބޮޑު
ހަބޭސްގެ "ޒަމާން" މަދަހަ ސީޑީއަށް ތަރުހީބު ބޮޑު

ރޯދަ މަހާ ދިމާކޮށް ހަބޭސް ބޮޑުބެރު ބޭންޑުން ނެރުނު "މަދަހަ" ސީޑީ ވަރަށް ކާމިޔާބު ކަމާށާއި ހީނުކުރާ ވަރުގެ ތަރުހީބެއް އެއަށް ލިބެމުން އަންނަ ކަމަށް ހަބޭސް އިން ބުނެފި އެވެ.

ހަބޭސްގެ "ޒަމާން" މަދަހަ ސީޑީއަށް ތަރުހީބު ބޮޑު
ހަބޭސްގެ "ޒަމާން" މަދަހަ ސީޑީއަށް ތަރުހީބު ބޮޑު

އަމިއްލަ ރާގުގެ ހަތް މަދަހައާ އެކު ހަބޭސް އިން ނެރުނީ ވީޑީއޯ މަދަހަ ސީޑީއެކެވެ.

ހަބޭސްގެ "ޒަމާން" މަދަހަ ސީޑީއަށް ތަރުހީބު ބޮޑު
ހަބޭސްގެ "ޒަމާން" މަދަހަ ސީޑީއަށް ތަރުހީބު ބޮޑު

އެއްވެސް މިއުޒިކަކާ ނުލައި ކިޔާފައިވާ މަދަހަތަކުގެ ތެރޭގައި ހިމެނެނީ ވަރަށް އަސަރުގަދަ ޅެންތަކަށް ހަދާފައިވާ މަދަހަތެކެވެ. ޅެންތައް ހަދާފައި ވަނީ ވެސް ހަބޭސްގެ މެމްބަރުންނެވެ.

ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ ހިލޭ އާންމުންނަށް ދޭ މަދަހަ ވީޑީއޯ ސީޑީއަށް ލިބެމުން އަންނަ ތަރުހީބު ބޮޑު ކަމަށާއި ނެރުނުތާ ދެ ދުވަހުގެ ތެރޭގައި އެކަނި ވެސް 1،500 އަށް ވުރެ ކޮޕީ ހުސްވި ކަމަށެވެ.

އޭނާ ބުނީ މަދަހަ ވީޑިއޯ ސީޑީ ބޭނުންވާ މީހުންނަށް ހަބޭސް ސްޓޫޑިއޯ އިން ސީޑީ ދޫކުރަމުން އަންނަ ކަމަށާއި ޕެން ޑްރައިވެއް ނުވަތަ ހާޑެއް ގެންދިއުމުން ޕީއެސްއެމްގެ މަލްދީބް ޝޮޕުން މަދަހަތައް ހިލޭ އަޅައި ދޭނެ ކަމަށެވެެ.

ރާއްޖޭގެ ބޮޑުބެރު ބޭންޑަކުން ނެރުނު ފުރަތަމަ މަދަހަ ސީޑީއާ ބެހޭ ގޮތުން އައްޔަ ބުނީ ސީޑީގައި ހިމެނޭ ހުރިހާ މަދަހެއް ވެސް ގިނަ ބަޔަކަށް ކަމުގޮސްފައިވާ ކަމަށާއި ހާއްސަކޮށް އިބްރާހީމް މަމްދޫހް (މަންޑޭ) ކިޔާފައިވާ "މަންމަ" މަދަހަ އާއި އެންމެން އެކީގައި ކިޔާފައިވާ މަދަހަ "ކަލިމަ" ވަކިން ފާހަގަކޮށްލެވޭ ކަމަށެވެ.

ވީޑިއޯ އާ ވެސް އެކު ނެރުނު "ޒަމާން" މަދަހަ ސީޑީއަކީ އެޗްޑީ ކޮލިޓީގައި ނެރުނު ފުރަތަމަ މަދަހަ ސީޑީ އެވެ. މަދަހަތައް މިހާރު ޔޫޓިއުބުން ވެސް ބަލައިލެވޭނެ އެވެ.

"ޒަމާން" މަދަހަ ވީޑިއޯ ސީޑީގެ މަދަހަތައް ކިޔާފައި ވަނީ ހަބޭސްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އިބްރާހީމް ވަހީދު (ބޮޑުބެ)، އަހުމަދު ސައްޔާހް، މުއައްޒިން، ހަސަން ތޮލާގް، ޝާރިމް ހުސައިންގެ އިތުރުން "ހަރުބީ" ބޮޑުބެރު ގްރޫޕްގެ އެންމެ ވިދުން ގަދަ އަޑު ކަމަށްވާ އިބްރާހީމް މަމްދޫހް (މަންޑޭ) ގެ އިތުރުން އޭނާގެ ކޮއްކޮ ނަސްރު އެވެ.

އައްޔަ ބުނީ ހަބޭސް ނޫން ގްރޫޕެއްގެ ބައެއްގެ އަޑު މަދަހަ ސީޑީގައި ހިމެނީ މަންޑޭ އާއި ނަސްރުއަކީ ރާއްޖޭގައި ވަރަށް ފާހަގަކޮށްލެވޭ ދެ ހުނަރުވެރިން ކަމަށްވާތީ ކަމަށެވެ.

"ބައެއް މީހުންނަށް ހީވެފައި އޮންނަ އެއްޗެއް ހަބޭސް އާއި ހަރުބީގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް ވެސް އޮވެޔޭ. އެކަމަކު އެހެނެއް ނޫން،" އޭނާ ބުންޏެވެ. "މި ފަންނު ކުރިއަރުވަން ކުރާ މަސައްކަތުގައި އަހަރެމެން އެންމެން ތިބޭނީ އެކުގައި. މަންޑޭ އާއި ނަސްރުއަކީ އަބަދު ވެސް ހަބޭސްއާ ވަރަށް ބޮޑު ގާތް ކަމެއް ބާއްވަމުން އަންނަ ދެ މީހުން. އެހެންވެ މަދަހަ ސީޑީން އެ މީހުންނަށް ފުރުސަތު ދިނީ."

"ޒަމާން" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު ހަބޭސް އިން މިހާރު ވަނީ ކޮންމެ އަހަރެއްގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި މަދަހަ ސީޑީއެއް ނެރެން ނިންމައިފަ އެވެ.

"މިއީ މަދަހަތައް އިތުރަށް ނެރެން ލިބުނު ވަަރަށް ބޮޑު ހިތްވަރެއް،" އައްޔަ ބުންޏެވެ. "ދެން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ފެންވަރު ރަނގަޅު އަމިއްލަ މަދަހަ ސީޑީތަކެއް އަހަރެމެން ނެރޭނަން."