ޕޮގްބާ އަކީ މުސްތަގުބަލުގައި ޔުނައިޓެޑްގެ ކެޕްޓަން: ރޮބްސަން
ޕޮގްބާ އަކީ މުސްތަގުބަލުގައި ޔުނައިޓެޑްގެ ކެޕްޓަން: ރޮބްސަން

މެންޗެސްޓާ (ޖޫން 5) - ޕައުލް ޕޮގްބާ އަކީ މުސްތަގުބަލުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރަން އެންމެ ރަނގަޅު ކުޅުންތެރިއާ ކަމަށް އެ ޓީމުގެ ކުރީގެ ތަރި ބްރަޔަން ރޮބްސަން ބުނެފި އެވެ.

މިދިޔަ އަހަރު ޔުވެންޓަސް ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕޮގްބާ ޔުނައިޓެޑާ ގުޅުނީ 89 މިލިއަން ޕައުންޑަށެވެ. ޕޮގްބާ ޔުނައިޓެޑާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ޓީމު ލީގުގެ ހަ ވަނައިގައި ނިންމާލި ނަމަވެސް ލީގު ކަޕާއި ޔޫރޮޕާ ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ފާއިތުވި ސީޒަނުގައި ޔުނައިޓެޑަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ތެރޭގައި އުމުރުން 24 އަހަރުގެ ޕޮގްބާ ހިމެނެ އެވެ. ރޮބްސަން ބުނީ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރެވޭނެ ފެންވަރު ޕޮގްބާގެ އެބަހުރި ކަމަށެވެ.

"ޔުނައިޓެޑަށް ޕޮގްބާ ގެނެސްދިން ތަފާތު ވަރަށް ރަނގަޅަށް ފެނިއްޖެ. ފުޓްބޯޅަ ދިރާސާކުރާ ފަރާތްކަށް ޔަގީނުންވެސް ބުނަން އެނގޭނެ ޕޮގްބާ އަށް ޔުނައިޓެޑުން ދެއްކި އަގުގެ ބަދަލު އޭނަ ދީފިކަން. މުސްތަގުބަލު އޮތް ކުޅުންތެރިއެއް ޕޮގްބާ އަކީ. އަހަރެންގެ ދެކޭ ގޮތުގައި އޭނާ އަށް އަދި ޔުނައިޓެޑް ކެޕްޓަންކަން ކުރެވޭނެ. އެ ފެންވަރު އެބަހުރި،" ރޮބްސަން ބުންޏެވެ.

ރޮބްސަން ބުނީ އަހަރަކަށް ފަހު އަހަރެއް ޕޮގްބާގެ ކުޅުން އަންނާނީ ރަނގަޅު ވަމުން ކަމަށާއި ޔުނައިޓެޑްގެ ތާރީހުގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށްވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.

ޔުނައިޓެޑްގެ މިހާރުގެ ކެޕްޓަން ވޭން ރޫނީގެ މުސްތަގުބަލާ ގުޅޭގޮތުން މީޑީއާގައި އެކިގޮތަށް ވާހަކަ ދެކެވޭއިރު، އަންނަ ސީޒަނުގައި ޔުނައިޓެޑުން ރޫނީ ފެނުމުގެ ފުރުސަތު ކުޑަ އެވެެ. ރޮބްސަން ބުނީ ރޫނީ އަކީ އަދިވެސް ޔުނައިޓެޑްގެ މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

"ރޫނީ އަކީ އަދިވެސް މުހިއްމު ކުޅުންތެރިއެއް. މި ސީޒަނުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ރޫނީ އަށް މަދުން ފުރުސަތު ލިބުނަސް އޭގެ މާނަ އަކީ ޔުނައިޓެޑުން އޭނާ އަށް ފުރުސަތު ގެއްލުނީއެކޭ ނޫން. މަސައްކަތްކޮށްފިނަމަ އަދިވެސް ރޫނީ އަށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ކުޅެވޭނެ،" ރޮބްސަން ބުންޏެވެ.

އޭނާ ބުނީ އަންނަ ސީޒަނަށް ޔުނައިޓެޑް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި ފެންވަރު ރަނގަޅު އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށެވެ.