05 ޖޫން 2017 - 12:11

ބާސެލޯނާ (ޖޫން 5) – ބާސެލޯނާ އިން ޕީއެސްޖީގެ އާޖެންޓީނާ ވިންގާ އެންހެލް ޑި މަރިއާ އާއި އެތުލެޓިކޯ މެޑްރިޑުގެ ސްޕެއިން މިޑްފީލްޑަރު ސައުލް ނިގުއޭޒް ގެންދަން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ސައުލް އަކީ ބާސެލޯނާގެ އާ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ފުރަތަމަ އޮޕްޝަން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާ ގެންނަން ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ވެސް ބޭނުންވާ ކަމަށްވެ އެވެ.
އެކަމަކު އެތުލެޓިކޯ މެޑްރިޑަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ދީފައިވާ އަދަބުގެ ސަބަބުން އެ ކްލަބުން ކުޅުންތެރިއަކު ވިއްކާނެ ކަމަށް ނުބެލެވެ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމަށް އަޑުއެރި ފޯވާޑް އެންޓޮއިން ގްރިޒްމަން ވެސް ވަނީ އެތުލެޓިކޯގައި މަޑުކުރަން ނިންމައިފަ އެވެ.
މެސީއާ އެކު އާޖެންޓީނާ ގައުމީ ޓީމަށް ކުޅޭ ޑި މަރިއާ އަށް ވެސް ބާސެލޯނާ އިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނާއިރު އޭނާ އަކީ ވާދަވެރި ރެއާލް މެޑްރިޑަށް ކުރިން ކުޅުންތެރިއެކެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނެވެ. ބެލެވޭ ގޮތުގައި އެ ޓީމުން ޑި މަރިއާ ގެންނަނީ ތުރުކީ މިޑްފީލްޑަރު އާޓާ ޓުރާންގެ ބަދަލުގަ އެވެ.
އާ ކޯޗާ އެކު ބާސެލޯނާ އިން އާ ސީޒަނަށް ތައްޔާރުވަމުން އަންނައިރު މިދިޔަ ސީޒަން ނިންމާނީ އެންމެ ތަށްޓަކާ އެކު އެވެ. ސްޕެނިޝް ކަޕް ހޯދިއިރު ސްޕެނިޝް ލީގުގައި ލިބުނީ ދެ ވަނަ އެވެ. އަދި ޗެމްޕިއަންސް ލީގުން ކެޓީ ކުއާޓާ ފައިނަލުންނެވެ.