05 ޖޫން 2017 - 12:00

ލަންޑަން (ޖޫން 5) - ހޮނިހިރު ދުވަހުގެ ރޭ ލަންޑަނުގައި ހަމަލާ ދިނީ ކޮން ބައެއްކަން، އެ ހާދިސާ ތަހުގީގުކުރާ ފުލުހުން ދެނެގެންފި ކަމަށް މެޓްރޯޕޮލިޓަން ޕޮލިހުން ބުނެފި އެވެ. އަދި އެ ނަންތައް ހާމަކުރެވޭ ގޮތްވީހާ އަވަހަކަށް ހާމަކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވޭނެއްގައި ދަތުރުކޮށްފައި ގޮސް ލަންޑަން ބްރިޖް މަތިން ބައެއް މީހުންގެ ގައިގައި ޖައްސާ އަދި ބަރޯ މާކެޓަށް ވަދެ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ވަނީ ހަތް މީހުން މަރުވެ 48 މީހުން ޒަޚަމްވެފަ އެވެ. ހަމަލާ ދިން ތިން މީހުން ފުލުހުން ބަޑިޖަހާ ވަނީ މަރާލައިފަ އެވެ.
ލަންޑަނުގައި ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އުފުލައިފަ އެވެ.
ފުލުހުން ބުނީ ހަމަލާއާ ގުޅިގެން 12 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހަމަލާ ދިން ކަމަށް ބެލެވޭ މީހުން އުޅުނު ގޭތައް ފާސް ކުރުމަށް ފަހު، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މެޓްރޯޕޮލިޓަން ޕޮލިސް އެސިސްޓެންޓް ކޮމިޝަނާ މާކް ރޯލޭ ވިދާޅުވީ ހަމަލާގައި ޒަޚަމްވެގެން 36 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. މީގެ ތެރޭން 21 މީހެއްގެ ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހަމަލާ ހުއްޓުވަން މަސައްކަތް ކުރި ފުލުހުންގެ ހަތަރު އޮފިސަރުން ވެސް ހިމެނެ އެވެ. މީގެ ތެރޭން ދެ އޮފިސަރެއްގެ ހާލު ސީރިއަސް ކަމަށްވެ އެވެ.
މިއީ ތިން މަސް ތެރޭ އިނގިރޭސި ވިލާތުގައި ދިން ތިން ވަނަ ހަމަލާ އެވެ. ވެސްޓްމިންސްޓާ ބްރިޖުގައި މާޗު މަހު ދިން ހަމަލާގައި ވަނީ ފަސް މީހުން މަރުވެފަ އެވެ. އަދި ދެ ހަފުތާ ކުރިން މެންޗެސްޓާގައި ދިން ބޮމުގެ ހަމަލާގައި 22 މީހުން ވަނީ މަރުވެފަ އެވެ.