ކޯޗުގެ ތައުރީފު: މިއީ އަކްރަމްގެ ބުރަ މަސައްކަތް!
ކޯޗުގެ ތައުރީފު: މިއީ އަކްރަމްގެ ބުރަ މަސައްކަތް!

މި ފަހަރުގެ ގައުމީ ފުޓްބޯޅަ ސްކޮޑުން އަލުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ނިއު ރޭޑިއަންޓުގެ އަކްރަމް އަބްދުލް ގަނީ (އަކޫ) އެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ އަކޫ އަށް ޓީމުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. ގައުމީ ކޯޗު ސްޓެވާޓް ބުނީ މިއީ އަކޫ އަމިއްލަ މަސައްކަތުން ހޯދި ފުރުސަތެއް ކަމަށެވެ.

ކޯޗުގެ ތައުރީފު: މިއީ އަކްރަމްގެ ބުރަ މަސައްކަތް!
ކޯޗުގެ ތައުރީފު: މިއީ އަކްރަމްގެ ބުރަ މަސައްކަތް!

އަކޫ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު އޮކްޓޫބަރު މަހު ގަތަރާ އެކު ކުޅުނު މެޗެވެ. އޭގެ ފަހުން އަކޫ އަށް ވަނީ ގައުމީ ޓީމުން ފުރުސަތު ގެއްލިފަ އެވެ. މިދިޔަ އަަހަރު ވެލެންސިއާ އަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަކޫގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ މި އަހަރު ނިއު އަށް ބަދަލުވި ހިސާބުންނެވެ.

ފަލަސްތީނާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު ކޮލިފައިން ފުރަތަމަ މެޗުގެ ސްކޮޑުން އަކޫ އަށް ފުރުސަތު ނުލިބުމުން ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ މި ވަގުތު މާލޭ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާ މިޑްފީލްޑަރަކީ އަކޫ ކަމަށެވެ.

މި ފަހަރު އަކޫ އަށް ޓީމުން ފުރުސަތު ދީފައިވާއިރު، ގައުމީ ކޯޗު ޑަރެން ސްޓެވާޓް ވަނީ އަކޫ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"ފަލަސްތީން މެޗުން ފެށިގެން އަހަރެން ބުނިން އަކުރަމް ގާތުގައި އޭނާގެ ކުޅުން ވަރަށް ރަނގަޅު ކަމަށް. އަކުރަމް ޓީމުން ފުރުސަތު ހޯދީ އަމިއްލަ އަށް ކުރި މަސައްކަތުން. އަދިވެސް މި ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވެވޭނެ ކަން އޭނާ ދަނީ ސާބިތުކޮށްދެމުން، އޭނާ އަކީ ލީޑާޝިޕް ރަނގަޅު ކުޅުންތެރިއެއް. ޓީމުން އަލުން ޖާގަ ލިބުމުން އޭނާ ހުރި ވަރަށް ހިތްހަމަ ޖެހިފައި،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ދެ ޑިފެންޑަރުން ކަމަށްވާ އައްސަދު އަބްދުލްގަނީ އާއި އަންވަރު އަބްދުލްގަނީގެ ކޮއްކޮގެ ކުޅުން ވަރަށް ގާތުން ބަލަމުން އައި ކަމަށެވެ.

"އަހަރެމެން ދިޔައީ އަކޫގެ ކުޅުން ވަރަށް ގާތުން ބަލަމުން ވަރަށް ހިތްހަމަ ޖެހޭ އޭނާގެ މަސައްކަތުގެ ރޭޓާ މެދު. އަހަރެން ދެކޭ ގޮތުގައި ލީގުގައި އެންމެ ރަނގަޅަށް ކުޅޭ ތިން ކުޅުންތެރިންގެ ތެރޭގައި އަކޫ ހިމެނޭ،" ސްޓެވާޓް ބުންޏެވެ.