06 ޖޫން 2017 - 10:43

ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަކީ ގްރީން ސްޓްރީޓްސް އިން މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގައި ހިއްސާ ބޮޑު ކުޅުންތެރިއެކެވެ. ގައުމީ ޓީމުން މި ފަހަރު އެކުލަވާލި ސްކޮޑުން އައްމަޑޭ އަށް ޖާގަދިނުމުން އެކަމުގައި ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށް ގައުމީ ކޯޗު ޑަރެން ސްޓެވާޓް ވެސް ވަނީ ބުނެފަ އެވެ.

ކުރިން މާޒިޔާ އާއި އީގަލްސް އަށް ކުޅުނު އައްމަޑޭ މި ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ބަދަލުވުމުން އޭރު އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ތަޖުރިބާ އާއި މަސައްކަތްކުރާ މިންވަރަށް ބަލާއިރު އައްމަޑޭ އަކީ އަދިވެސް ތަފާތު ދެއްކޭނެ ކުޅުންތެރިއެކެވެ. ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައިވަނީ އެ މަންޒަރު ފެނިފަ އެވެ.
ލީގުގައި މިހާތަނަށް އުމުރުން 31 އަހަރުގެ އައްމަޑޭ ވަނީ ތިން ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުން އެ ޓީމު ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވި މެޗުގައި ކާމިޔާބުކުރި ދެ ލަނޑު ހިމެނެ އެވެ.
"އަހުމަދު ރަޝީދު (އައްމަޑޭ) އަކީ ކޮލިޓީ ސްޓްރައިކަރެއް. ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި އޭނާ ފެނިއްޖެ. ފޯވާޑެއްގެ ޒިންމާ އޭނާ އަންނަނީ ވަރަށް ރަނގަޅަށް އަދާކުރަމުން. މެޗުތަކުގައި ވެސް ފެންނާނެ އޭނާ އަކީ އޭރިއާ ތެރޭގައި ނުރައްކާ ކުޅުންތެރިއެއްކަން. ހަލުވި އަދި ގޯލު ކުރިމަތީގައި ވިސްނުން ތޫނު ކުޅުންތެރިއެއް އެއީ،" އައްމަޑޭއާ ބެހޭގޮތުން ސްޓެވާޓް ބުންޏެވެ.
ސްޓެވާޓް ބުނީ އައްމަޑޭ މިހާރު ދައްކަމުން އަންނަ ކުޅުމާ އެކު ލިބުނު ހިތްހަމަ ޖެހުމަކީ ޓީމަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ތަފާތު ދެއްކޭނެ އިތުރު ކުޅުންތެރިއަކު ލިބުން ކަމަށެވެ.
"އަސަދުﷲ ނެތް ހާލަތެއްގައި ރަޝީދު (އައްމަޑޭ)ގެ ބޭނުން ޓީމަށް ވަރަށް ބޮޑު. ކޮންމެ މަގާމަކަށް ވެސް ރަނގަޅު ދެ ކުޅުންތެރިއަކު މަދުވެގެން އެބަ ބޭނުންވޭ،" ސްޓެވާޓް ބުންޏެވެ.
މިރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އައްމަޑޭ އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. އެއީ މި ވަގުތު މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ގެ ފިޓްނަސް އެންމެ ރަނގަޅުނުވުމުންނެވެ.
އައްމަޑޭ ގައުމީ ޓީމުން ފެނުނީ 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުންނެވެ. އޭގެ ފަހުން އޭނާ ދެން ފެނުނީ 2012 ވަނަ އަހަރުގެ ނެހްރޫ ކަޕުންނެވެ. ނެހްރޫ ކަޕުގައި ސީރިއާ އަތުން 2-1 އިން ރާއްޖެ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ޖެހީ އައްމަޑޭ އެވެ.