06 ޖޫން 2017 - 07:47

ގަޑި ސޯނާވި އަޑާއެކު ނިދިން ހޭލެވުނެވެ. ހަތެއް ޖެހީއެވެ. އަހަރެން ފުރަތަމަ ވަނީ ފާޚާނާއަށެވެ. މޫނު ދޮވެލައިގެން ނިކުތްއިރު ބަދިގޭގައި މަންމަ އުޅެއެވެ. ކޮފީ ޖޯޑެއް ހިފައިގެން ނިކުމެ ފޯނު ނެގީމެވެ. ދުވަހުގެ ޚަބަރުތައް ފޭސްބުކުން ފެންނަން ހުއްޓެވެ. އިރުކޮޅަކުން ބައްޕަ އާއި ދޮންބެ ވެސް ކަސްރަތަށް ދުވެފައި ގެއަށް އަތުވެއްޖެއެވެ. ބައްޕަ ޖޫސް ބޯން އިށީނދެލީ އަހަރެންނާ ކުރިމަތިވާ ގޮތަށް ހުރި ސޯފާގައެވެ. ދޮންބެ ވަދެގެން ދިޔައީ ފެންވަރާށެވެ. އިރުކޮޅަކުން މަންމަ އައިސް އޮފީހަށް ނުދަނީހެއްޔޭ އެހިއެވެ. އަހަރެން ދެފަރާތަށް ބޯ ހޫރައިލީމެވެ. ހުސް ޖޯޑު ހިފައިގެން ދާން ވެގެން ތެދުވިތަނާ ގޭގެ ބެލް ޖެހިއެވެ.
ދޮރު ހުޅުވަން ދިޔައީ މަންމައެވެ. އަހަރެން ހުރީ ހުއްޓި ބަލާށެވެ. މަންމަ ގޮސް ދޮރު ހުޅުވާލައިފައި ތެޅިގަތް ގޮތުން އެދިމާއަށް ދެވުނެވެ. ކައިރިއަށް ގޮސް ބޭރަށް ބޯއްދިއްކޮށްލުމުން އަހަރެންނަށް ވެސް ވީ މަންމައަށް ވީ ކަހަލަ ގޮތެކެވެ. ގޭގެ އޮޅިން ބޭރުވާ ހިސާބުގައި ކުޑަ ވަށިގަނޑެއްގެ ތެރޭގައި، ވިހައިގެން އެއްދުވަސް ވެސް ނުވާ ޅަ ކުއްޖަކު އޮތެވެ.
އަހަރެން އަވަހަށް ނިކުމެ ސަރައްކާލި ތެރެ ހޯދާލިއިރު މީހެއްގެ ލަކުނުވެސް ނެތެވެ. ދެން އެތެރެއަށް ވަދެފައި އަހަރެން ލަފާ ދިނީ އިހަށް ކުއްޖާ އެތެރެއަށް ވެއްދުމަށެވެ. މަންމަ އަތް ނުލާން ހުރުމުން އެކަންވެސް ކުރީ އަހަންނެވެ. އޭރު ބައްޕަ ވެސް ތެދުވެގެން ނިކަން ހަރުކޮށް އަތުވެއްޖެއެވެ. ތުއްތު ކުއްޖާ ފެނުނުހާއިރުން ބައްޕަ ހުރީ ރުޅިއައިސް ރަތްވެފައެވެ. ކާކު ކޮށްގެން އުޅޭ ނުބައި ސަމާސައެއްހޭ ކިޔާފައި އުޅުނީ ނިކުމެގެން އަވަށްޓެރިންނާ ދިމާއަށް ދާށެވެ. ބައްޕަ ހުއްޓުވީ އަހަންނެވެ.
އެހާލަތުގައި ދެން ވާނެ ގޮތް އަހަރެންނަށް އެނގެއެވެ. ވަށިގަނޑު ތެރޭ ކޮންމެވެސް ސިޓީއެއް ނަމަވެސް އޮންނާނެއެވެ. އަހަރެން ބެލި ސީރީސް އަދި ފިލްމްތަކުގައި ވެފައި ހުރީ އެހެންނެވެ. ތިރީގައި ކުޑަކަކޫ ޖަހާލައިގެން އިނދެ ވަށިގަނޑު ތެރެ ހޯދައިލުމާއެކު ފަތްޖަހާފައި އޮތް ހުދު ކަރުދާސްގަނޑެއް ފެނިއްޖެއެވެ. އެ ނިއުޅާލިއިރު ކުރު ނޯޓެކެވެ. ލިޔެފައި އޮތީ ދަރިފުޅު ގެނައީ އެހެން ގޮތެއް ނެތިގެން ކަމަށާއި ދަރިފުޅު ދެން ބަލަންޖެހޭ މީހާ ހުރީ އަހަރުމެން އާއިލާގައި ކަމަށެވެ.
އަހަރެންނަށް ނޯޓްކޮޅު ކިޔައި ނިންމާލެވުނީ ކިރިޔާއެވެ. ބައްޕަ އެޖަހައިގެންފައި ކިޔައިފިއެވެ. ދެން ފެނުނީ މުށުތެރޭ ބޮނޑިކޮށްލި ތަނެވެ. ބައްޕަ ދޮންބެގެ ނަމުން ހަޅޭތްލަވައިގަތް އަޑަށް ތުއްތު ކުއްޖާވެސް ހޭލައިފިއެވެ. އަހަރެން އެކުއްޖާ މަސަލަސް ކުރެވޭތޯ ނާނާ ކިޔައިލުމާއެކު ނިދައިފިއެވެ. އިރުކޮޅަކުން ދޮންބެ ނިކުމެގެން އައީ އުނުގައި އޮތް ތުވާއްޔާއި އެކުގައެވެ. ފެން ވެސް ނުހިއްކައެވެ. ގޭގައި ދެން ތިބެނީ ދެ އަންހެން ކުދީންނެވެ. އަހަރެންގެ ކޮއްކޮ އާއި އަހަންނެވެ. ސިޓީ ކިޔާފައި އެއިން ދޭހަވާ އެއްޗަކަށް ބަލާއިރު ރައްދުވަނީ ފިރިހެނެކެވެ.
ބައްޕަ ސުވާލު ކުރަން ފެށުމުން މަންމަ ކުއްލިއަކަށް ވާހަކަ މެދުކަނޑާލިއެވެ. އެހުރިހާއިރު ހިމޭނުން ހުރެފައި މަންމަ ބުނެލީ އެންމެ ހީނުކުރާ ވާހަކައެވެ. ގޭގައި ދެ ފިރިހެނުން އުޅޭއިރު އެންމެ މީހަކާ ސުވާލު އަމާޒުވެގެން ނުވާނެ ކަމުގައެވެ. އަހަރެންނަށް އަތް އަޅައިލެވުނީ އަނގަމަތީގައެވެ. މަންމަ ބައްޕައަށް ޝައްކު ކޮށްފާނެ ކަމަކަށް ހިއެއް ނުކުރަމެވެ. ބައްޕަ އިތުރަށް ހޫނުވީ ދެނެވެ. ކުރިމަތީގައި ދަރިން ތިބިކަން ހަނދާން ނައްތާލައިފައި ދެމީހުން ޒުވާބު ކުރަން ފެށިއެވެ. މަންމަ ދެއްކީ ހަމަސް ކުރިން ބައްޕަ ގުޅުން ބޭއްވި އަންހެނެއްގެ ވާހަކައެވެ. އެގުޅުން ކެނޑުނުކަން މަންމައަށް މިހާރު އަނެއްކާވެސް ޔަޤީން ނުވާ ކަމުގައި ބުނެލިއެވެ. ބައްޕަ އައި ރުޅިން މަންމަ ގައިގައި ނުޖެހީ ކިރިޔާއެވެ. އެދެމެދަށް ވަނީ ދޮންބެއެވެ. ދޮންބެ އޭރު ވެސް ހުރީ ވާނުވާ ނޭނގިފައެވެ. ތުއްތު ކުއްޖާއަށް އުދަނގޫ ވެދާނެތީ އަހަރެން އެކުއްޖާ އޮތް ވަށިގަނޑު ގެންގޮސް ދުރުގައި ބެހެއްޓީމެވެ.
ދޮންބެ ސުވާލު ކުރަން ފެށުމުން ބައްޕަ އަތުން ނޯޓު އަތުލާފައި ދިނީމެވެ. އެ ކިޔާފައި ދޮންބެ އަތް ކާއްތައިލީ ބޮލުގައެވެ. އެދަރިފުޅު އެއީ ދޮންބެގެ ކުއްޖަކަށް ނުވާނެ ކަމުގައި ބުނާކަށް ނުކެރުނެވެ. ދޮންބެއަށް ޔަޤީނެއް ނޫނެވެ. ރުޅިގަނޑު ފިލުވާލަން ބޭނުންވެފައި ހުރި ބައްޕަ ދެން އައީ ދޮންބެއާ ދިމާއަށެވެ. އަހަރެމެން މީހަކަށް ނުހުއްޓުވިގެން އުޅެނިކޮށް ދޮންބެ މޫނުގައި އެތިފަހަރެއް އަޅައިފިއެވެ. ވަގުތުން މަންމަ ރޮއިގަތެވެ. ކުށްވެރިވެފައި ނޫން ނަމަ ދޮންބެވެސް ޖެހީހެވެ.
ގޭތެރެއަށް ވެރިވެފައި އޮތް ހޫނުގަނޑު ހަނދާން ނައްތާލަން މަޖުބޫރު ކުރީ ތުއްތު ކުއްޖާގެ ރުއިމުގެ އަޑެވެ. ކައިރިއަށް ގޮސް ނާނާ ކިޔައި ހަދައިގެން ހުއްޓައެއް ނުލިއެވެ. ބޭނުން ނުވެ ހުރެ ވެސް މަންމަ އެކުއްޖާ ނަގައި އަތުތެރެއަށް ލައިގެން މަސައްކަތް ފެށިއެވެ. ވީކަމެއް ހަރާމެވެ. ކުއްޖާގެ ބަނޑުހައިކަން ފިލުވައިދޭން ހަދާނެ ގޮތަކާ މެދު މަންމައާއި އަހަރެން ހިޔާލު ބަދަލު ކުރީމެވެ. ބައްޕަ އަދިވެސް ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ދޮންބެ އިނީ ސޯފާގެ އެއް ކަނެއްގައި ފޯނު ކަންފަތުގައި ޖަހައިގެންނެވެ. ދޮންބެ ނީމާއަށް ގުޅޭތޯ މަސައްކަތް ކުރަނީއެވެ. އެކުއްޖާ އެއީ ދޮންބެގެ ކުއްޖެއްކަން ޔަޤީން ވާނީ އެއިރުންނެވެ. ނީމާ އެއީ ދޮންބެ އަހަރެއްހާ ދުވަސް ކުރިން ރުޅިވި ލޯބިވެރިޔާއެވެ. އެމީހުން ރުޅިވިފަހުން ނީމާ މާލެ ދޫކޮށްފައި ގޮސް އުޅެނީ ލަންކާގައެވެ.
ނިދާފައި އޮތް ކޮއްކޮއަށް ގޮވައި ގެނެސް މަންމައާ އެކު ތުއްތު ކުއްޖާ ބަލަން ހަވާލު ކުރީމެވެ. މަންމަ ކައިރީ ލަފާ އަހައިގެން ހެދި ލިސްޓް ހިފައިގެން އަހަރެން ނިކުތީ ފިހާރައަށް ދާށެވެ. ކިރު ދަޅުތައް ބަލަން ހުއްޓާ އަވަށްޓެރިއަކާ ދިމާވިއެވެ. ޝަރީފާ ފެނުމުން އަހަރެން ޖެހިލުންވިއެވެ. ޝަރީފާގެ ކަންފަތަށް އިވޭ ޚަބަރަކީ ހިކި ހުއިތަކެއްގައި އަލިފާން ރޯކޮށްލުމަށްވުރެ އަވަހަށް ފެތުރިދާ އެއްޗެކެވެ. މުޅި ހިސާބުގަނޑުގެ ޚަބަރުދަބަރު ބަލަހައްޓާ މީހަކީ އެއީއެވެ. ޝަރީފާއަށް އޮޅުވާލަން އަހަރެން ދޮގެއް ހަދައިލީމެވެ. އެނބުރި އައިއިރު ތުއްތު ކުއްޖާ އޮތީ އަނެއްކާވެސް ނިދިފައެވެ. ބައްޕަ އޭރު ފެންނާކަށް ނެތެވެ. ދޮންބެ ނީމާއަށް ގުޅައިގެން ވާހަކަދެއްކޭތޯ މަސައްކަތް ކުރަނީއެވެ. ނީމާ ފޯނު ނެގީވެސް ދޮންބެ އެތަކެއް ފަހަރު ގުޅައިގެން ކަމަށް ވެއެވެ.
ފޯނު ނިންމާލައިފައި އައިއިރު ދޮންބެ ހުރީ ހަމަޖެހިފައެވެ. އެއީ ނީމާގެ ކުއްޖެއް ނޫންކަން ކަށަވަރު ކޮށްދިން ހިސާބުން ނުތަނަވަސްކަން ގޭގެ މާހައުލު ފުރައިލިއެވެ. އަނެއްކާވެސް ސުވާލުތައް އެންމެންގެ ސިކުނޑީގައި އުފުލުނެވެ. މަންމަ ރުޅި އައިސްގެން ދިމާކޮށްގަތީ ބައްޕައާއެވެ. ދެމީހުން ތަޅައިފޮޅައިގެންފައި މަންމަ ގުޅައަކަށް ޖެހުނީ މުށިގަނޑު މައްޗަށެވެ. ނިތްކުރި ޖެހުނުތަން ފެޅި، ލޭތައް އޮހިގަތެވެ.
ރޮއިރޮއި ހުރި ކޮއްކޮ އައިސް އަހަރުމެން އެންމެން ކުރިމަތީ ކުޑަކަކޫ ޖަހާފައި މަޢާފަށް އެދެން ފެށިއެވެ. ސުވާލު އުފެދިފައި އެންމެންނަށް ބަލައިލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. ކުށްވެރިއަކީ އޭނަ ކަމުގައި ކޮއްކޮ އެއްބަސްވިއެވެ. އޭނާ އެގޮތަށް ކަންތައް ކުރިއިރު ގޭތެރޭގެ ހާލަތު އެހާ ގޯސްވާނެކަން ކުރިން އެނގުނުނަމަ ހަޤީޤަތް ކިޔައިދިނީމުސް ކަމުގައި ބުނަން ފެށިއެވެ. ހަޤީޤަތަކީ އެ ތުއްތު ކުއްޖާ އެއީ ކޮއްކޮގެ ދަރިއަކަށް ވީ ކަމެވެ. އަހަރެމެން އެކަކަށްވެސް ޤަބޫލު ނުކުރެވުމުން ކޮއްކޮ ކިޔައިދިނެވެ. ކޮއްކޮ ބަލިވެ އިނީ ލަންކާގައި ކިޔަވަން ހުއްޓައެވެ. ވިހެއީ ޗުއްޓީއަށް ރަށަށް އައުމުގެ ތިން ދުވަސް ކުރިންނެވެ. ކަންތައް ކުރަންވީ ގޮތް އެކުވެރިއަކަށް ކިޔައިދީފައި ގެއަށް އައީ ފަޅާ ނާރާނެ ގޮތަށެވެ. އަހަރު ދުވަސް ވަންދެން ޗުއްޓީއަށް ނައިސް ހުރުމުން ފަޅާ ނޭރީއެވެ. އަނެއްކޮޅުން ކޮއްކޮ އަބަދުވެސް ހުންނަނީ ފަލަކޮށް ބަނޑެއް ލައިފައެވެ. ހަޤީޤަތް އެނގުނު ނަމަވެސް މަންމަ އާއި ބައްޕަގެ ގުޅުން އޮތީ ވާނެ ވަރަކަށް ހީނަރުވެފައެވެ. މަންމަ ކަންތައް ކުރި ގޮތާއި ކީ އެއްޗެހީގެ ސަބަބުން އެމޫނަށް ބަލައިލާކަށް ވެސް ބައްޕަ ބޭނުމެއް ނުވިއެވެ. އަނެއްކޮޅުން ބައްޕަ އާއި ދޮންބެ ތިބީ ޖެހިފައެވެ. ދެން ހުރީ ކޮއްކޮއެވެ. ސާދަ އަހަރުގައި މަންމައަކަށް ވިއެއް ކަމަކު ދަރިއަކު ބަލާނެ އެއްވެސް ހުނަރެއް ނެތެވެ. ހުރިހާ ބުރައެއް މަންމައަށެވެ. މައިންބަފައިން ފައިސާ ދީގެން ކިޔަވަން ފޮނުވުމުން އުޅެން އެނގުނު ގޮތަކީ އެއީއެވެ. ކުރަން އެނގުނު ކަމަކީ އެއީ އެވެ. އެމީހުން ކޮށްދޭ ހެޔޮކަންތަކުގެ އިނާމު ދިނީ އެންމެ ނުބައި ކޮށެވެ. -- ނިނުމީ --