05 ޖޫން 2017 - 00:03

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދިދަ އާއި ނިޝާން ބޭނުންކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަނާކުރި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން މިރޭ ނިންމައިފި އެވެ.

ޖޭޕީގެ ދިދަ އާއި ނިޝާން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ދިދައާ އެއްގޮތް ކަމަށް ބުނެ، ޖޭޕީގެ ދިދަ އާއި ނިޝާން މިއަދުން ފެށިގެން ބޭނުންކުރުން އީސީން މަނާކުރުމާ ގުޅިގެން ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ، ދިދަ އާއި ނިޝާން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލުމަށެވެ. އަދި އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށްޓަކައި ކޯޓަށް ދިއުމަށް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ގައުމީ ހިންގާ ކޮމެޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

"އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ގަބޫލުކުރާ ނިންމުމެއް ނޫން އިލެކްޝަންސް ކޮމިޝަނުން ނިންމީކީ. އެއީ އެއްވެސް އުސޫލަކީ ގާނޫނު ދަންނަ އެއްޗެއް ނޫން. ގަވައިދެއް ވެސް މިހެދެނީ ގާނޫނަކުން ބާރު ލިބިގެން. ގައުމީ ދިދަ ބޭނުންކުރަންޖެހޭ އުސޫލެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުން ނުކުރަން އެންގުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. ދެން އަޅުގަނޑުމެން މި މައްސަލާގައި ފަރުވާ ހޯދާނީ ޝަރުއީ މަރުހަލާގެ ތެރެއިން،" ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ މާދަމާ ކޯޓަށް ހުށަހަޅަން ޖޭޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަލީ ސޯލިހް ވިދާޅުވީ ދިވެހި ގައުމީ ދިދަ ބޭނުންކުރާ އުސޫލު ގާނޫނަށް ފެތޭތޯ އިލެކްޝަންސް ކޮމިޝަނުން ބެލުމެއް ނެތި، ޖޭޕީގެ ދިދަ އާއި ނިޝާން މަނާކުރުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ. އަދި އެކަމާ ޖޭޕީން ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ދެން އިލެކްޝަންސް ކޮމިޝަނާ މި މައްސަލާގައި ދައްކާނެ ވާހަކަތަކެއް ހުރި ކަމަކަށް ޖުމްހޫރީ ޕާޓީން ގަބޫލެއް ނުކުރޭ. ކޯޓު އަމުރެއް ހޯދަން ޖެހިއްޖިއްޔާ އެކަމަށް ވެސް އެދޭނެ. ކޯޓުން ދެން މިކަމަށް ގޮތެއް ނިންމާނީ،" އަލީ ސޯލިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖޭޕީގެ ދިދަ އާއި ނިޝާނަކީ 2008 ގައި އެ ޕާޓީ އުފެދުނީއްސުރެ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ އެއްޗެހިތަކެކެވެ. އެހެންވެ ދިދަ އާއި ނިޝާން މަނާކުރާއިރު ގާނޫނުގައި ބަޔާންކުރާ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ރިއާޔަތް ކުރަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
ޖޭޕީ އަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ނިޝާނާއި ދިދައިން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ދިދަ ރަމްޒުކޮށްދޭ ކަމަށެވެ.
"...'ދިވެހި ދިދަ ބޭނުން ގުޅޭ އުސޫލް' ގެ ދަށުން މިއަދުން ފެށިގެން ތިޔަ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން ހުއްޓާލުމަށް ދަންނަވަމެވެ،" އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ސޮއިކުރައްވާފައިވާ ސިޓީގައިވެ އެވެ.
ޖޭޕީގެ ދިދަ އާއި ނިޝާން ބޭނުން ނުކުރުމަށް ދެ ފަހަރެއްގެ މަތިން އިލެކްޝަންސް އިން އެންގި ކަމަށްވެ އެވެ.
މިދިޔަ މާޗްމަހު އެކުލަވާލާފައިވާ ދިވެހި ދިދަ ބޭނުންކުރުމުގެ އުސޫލުގައި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް ބުނެފައި ވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. މިއީ ރައީސަށް ހާއްސަ ދިދައަކަށް ވާތީ، އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ.
ރައީސްގެ ދިދައާ ވައްތަރު ދިދަ ބޭނުންކުރުން މި އުސޫލުގެ ދަށުން މަނާކުރިިއިރު، ޖުމްހޫރީ ޕާޓީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅި އަކާއި ތަރިއެއް ހިމެނެ އެވެ.
ޖޭޕީގެ ދިދަ އާއި ނިޝާން ފާސް ކުރީ އެ ޕާޓީގެ ގައުމީ ޖަލްސާގަ އެވެ. އަދި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ގައުމީ ޖަލްސާ ބާއްވަން ޖެހޭއިރު، ދިދައާ މެދު ގޮތެއް ނިންމޭނީ އެ ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ޖޭޕީން މިދިޔަ ހަފުތާގައި ނިންމާފައިވާ ގޮތުން އެ ޕާޓީގެ ގައުމީ ޖަލްސާ ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީމަހު އެވެ.