ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އަކަށް، ތަފާތު ކަމެއް
ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އަކަށް، ތަފާތު ކަމެއް

ހޮޓް އެއާ ބެލޫން އަށް މީހުން އަރައިގެން މަޖާކުރާ ތަން ޓީވީތަކުން ފެނުނު ނަމަވެސް އެކަން އަމިއްލަ ގައުމުގައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ. ޚާއްސަކޮށް އެކަން ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބުނު މަދު ދިވެހިންގެ ތެރޭގައި ހިމެނުމަކީ ވެސް ވަކި ކުޑަ އުފަލެއް ނޫނެވެ. މި ފިތުރު އީދާ ގުޅުވައިގެން ޔުނިކްސް ސްޕޯޓިން އިން ހޯދައި ދިން މި ފުރުސަތުގެ ބޭނުން ހިފުމަށް އެދިއެކި ތިބި މީހުންގެ އަދަދުން އެކަނި ވެސް މިކަން ވަޒަން ކޮށްލެވޭނެ އެވެ.

ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އަކަށް، ތަފާތު ކަމެއް
ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އަކަށް، ތަފާތު ކަމެއް

"ދުވަހަކު ވެސް އުންމީދު ކުރި ކަމެއް ނޫން. ވަރަށް ފަހުރުވެރިވެ ހުރެ ބެލޫނުން ފައިބައިގެން މިއައީ. އެއީ ބެލޫން އަށް އެރުނު ފުރަތަމަ ދިވެހިންގެ ތެރޭގައި ހިމެނުނީމަ،" ހުޅުމާލޭގައި ބޭއްވި ހޮޓް އެއާ ބެލޫން ފެސްޓިވަލްގައި ބައިވެރިވެ، ބެލޫން އަށް އެރި މީހުންގެ ތެރެއިން އެކަކު ބުންޏެވެ.

ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އަކަށް، ތަފާތު ކަމެއް
ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އަކަށް، ތަފާތު ކަމެއް

މޫސުން ތަން ނުދޭތީ ދެ ދުވަސް ވަންދެން ކުރި މަސައްކަތަށް ފަހު، ފެސްޓިވަލް އިއްޔެ ނިންމާލީ ތިން ހޮޓް އެއާ ބެލޫން އެއްފަހަރާ ވައިގެ ތެރެއަށް އަރުވައި، ފެސްޓިވަލްގައި ބައިވެރިވި ބައެއް މީހުންނަށް އެ ބެލޫން އަށް އެރުމުގެ ފުރުސަތު ދިނުމަށް ފަހު އެވެ.

ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އަކަށް، ތަފާތު ކަމެއް
ފުރަތަމަ ފަހަރަށް ހޮޓް އެއާ ބެލޫން އަކަށް، ތަފާތު ކަމެއް

މޫސުން ތަން ނުދިނުމުގެ ސަބަބުން، އިންޑިއާގެ ތަޖުރިބާކާރުންނަށް ބެލޫން އެރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ޚާއްސަކޮށް ވައިގަދަވުމުގެ ސަބަބުން ބެލޫން މައްޗަށް އެރުވުން ވީ ބޮޑު ބުރައަކަށެވެ. އެހެންވެ، ބެލޫންތަކަށް އަރައިގެން ހިތްހަމަޖައްސާލުމުގެ ފުރުސަތު ލިބުނީ މަދު ދިވެހިންތަކަކަށެވެ.

ގޭސް ނުވަތަ އަލިފާނުގެ ވައިން ފުއްޕައިގެން މައްޗަށް އަރުވާ ބެލޫންތަކަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރި ކުޅިވަރެކެވެ. އެކަމަކު ދުނިޔޭގެ ބައެއް ގައުމުތަކުގައި މިއީ ފޯރިއާއެކު ދޭތެރެދޭތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ޔުނިކްސް ސްޕޯޓިން ވަނީ ދިވެހިންނަށް ދީފަ އެވެ.

ހޮޓް އެއާ ބެލޫން އަށް އެރުމުގެ ނަސީބު ލިބުނު އެކަކަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތް ކުރަމުން އަންނަ ހަސަން ޝަހީދު އެވެ. އުމުރުން 25 އަހަރުގެ ޝަހީދު ބުނި ގޮތުގައި ހޮޓް އެއާ ބެލޫން އަށް އަރަން ދިޔައިރު، އެއްވެސް ހާސްކަމެއް ކުރިމައްޗެއް ނުވެ އެވެ. އޭނާގެ މި ތަޖުރިބާ ސިފަ ކުރަނީ ވަރަށް ސަޅި އަދި ހަނދާނުން ފޮހެލަން ދަތި ކަމެއްގެ ގޮތުގަ އެވެ.

"ދިވެހި ޕައިލެޓެއް ހުރި ނަމަ ބިރުގަތީސް. މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް. އިމާރާތަކަށް ނާރައި މުޅި ހުޅުމާލެ ބަލާލަން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިއްޖެ،" ޝަހީދު ބުންޏެވެ.

ޖެހެމުން ދިޔަ ގަދަ ވައިގައި ބެލޫން ތިރިވިޔަ ނުދީ އެހާ ގިނައިރު ހިފެހެއްޓުމަކީ ޕައިލެޓްގެ ކުޅަދާނަކަން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ބެލޫން އަށް އެރުމުގެ ތަޖުރިބާ ލިބުނު މީހުންނަށް ވެސް އެންމެ ބޮޑަށް އެރުނީ 65 ފޫޓެއްހާ މައްޗަށެވެ. އެކަމަކު މިއީ އާންމުކޮށް 150 ފޫޓަށް އެރުވޭ ވަރުގެ ބޮޑެތި ބެލޫންތަކެކެވެ.

"ބެލޫންގެ ބާސްކެޓް ތެރޭގައި ހުންނައިރު، މުޅި ހުޅުމާލެ ގާތްގަނޑަކަށް ފެނޭ. ދުވަހަކު ވެސް އުންމީދުކޮށްގެން ހުރި ކަމެއް ނޫން މިވީކީ،" ޝަހީދު ބުންޏެވެ.

"ޕައިލެޓުން އަސްލު ހަގީގަތުގައި ވަރަށް މޮޅޭ ބުނާނީ. މުޅި ބެލޫން ކޮންޓްރޯލް އެބަ ކުރޭ އެހާ ވައިގަދައިރު ވެސް. މިއީ އެކަމަކު ވައިގަދައިރު އެރުވޭނެ އެއްޗެއް ވެސް ނޫން،"

ބެލޫން އަށް އަރަން ފުރުސަތު ލިބުނު ކޮންމެ މީހަކަށް ވެސް، އޭގައި މަޑުކޮށްލެވުނީ 10 މިނެޓެއް ހާއިރު އެވެ. ބެލޫން މައްޗަށް އަރައިގެން ދިޔަ ނުދިނުމަށް ލޮރީތައް ބޭނުންކޮށްގެން ހުރީ ވާ އައްސައިފަ އެވެ. ޔުނިކްސް ސްޕޯޓިން އިން އެކަން ސިފަ ކުރަނީ ސަލާމަތީ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.

ބެލޫން އަށް އެރުމުގެ ނަސީބު ލިބުނު ޔުމްނާ ވަހީދު ބުނި ގޮތުގައި މިއީ އެކަހަލަ ތަޖުރިބާއެއް ކުރަން ލިބުނު ފުރަތަމަ ފަހަރެވެ. ބެލޫން އަކަށް އަރައިގެން މަޖާކޮށްލުމަކީ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެކަން ފުރިހަމަވުމުން ވަރަށް ހިތްހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ޕައިލެޓް ބާސްކެޓް ތެރޭގައި ހުރެފައި ދޭތެރެ ދޭތެރެއިން މަޖާކޮށްލާނެ. އެއްވެސް ވަރަކަށް ބިރެއް ނުގަނޭ. މިކަހަލަ އެކްސްޓްރީމް ސްޕޯޓްސް އަދިވެސް ބޭނުންވޭ،" އުމުރުން 25 އަހަރުގެ ޔުމްނާ ބުންޏެވެ.

ޔުމްނާ އާއި ޝަހީދު ވެސް ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ކުޅިވަރުތައް ރާއްޖެ އަށް ތައާރަފްވެގެން ދިއުމަށް ބޭނުންވެ އެވެ. މިފަދަ ކުޅިވަރުތައް ތައާރަފް ކުރުމަކީ ޒުވާނުން މުނިފޫހިފިލުވުމަށް ލިބޭނެ އިތުރު ފުރުސަތެއް ކަމަށް ވެސް އެމީހުން ދެކެ އެވެ.

ދިވެހިންގެ އިތުރުން ބައެއް ބިދޭސީންނަށް ވެސް ހޮޓް އެއާ ބެލޫން އަށް އެރުމުގެ ފުރުސަތު ލިބުނެވެ. އެމީހުން ވެސް ބުނީ މިވަރުގެ މަޖާކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށެވެ. އަދި މަތީގައި ހުރެ ހުޅުމާލޭގެ ހިތްގައިމު މާހައުލު ބަލައިލުމުގެ ފުރުސަތު ލިބުނު ކަމަށް ވެސް އެމީހުން ބުންޏެވެ.

ޔުނިކްސް ސްޕޯޓިންގެ މެނޭޖިން ޑިރެކްޓަރު ރޭޝަން ޝަރީފް ވިދާޅުވި ގޮތުގައި ތިން ބެލޫން އެރުވުނީ ވައި މަޑުވި ވަގުތު ބަލާފަ އެވެ. ބެލޫންތައް ވައިގެ ތެރެއަށް އެރުވުނީ، އެ އަރުވަން މަސައްކަތް ކުރިތާ ތިން ގަޑިއިރަށް ވުރެ ފަހުން ވަރަށް އުނދަގުލުން ކަމަށް ވެސް ރޭޝަން ވިދާޅުވި އެވެ.

"ބަލަން ތިބި މީހުންނަށް ވެސް ފެންނާނެ، ފުދޭ ވަރަކަށް އުނދަގުލުން ބެލޫން އެރުވީ. ބެލޫން އަރުވާފައި އެވަގުތުކޮޅު ފުރުސަތު ދެވުނު އެންމެންނަށް ބެލޫނަށް އަރަން. ފުރުސަތު ދިނިން އަރާލައި ތަޖުރިބާކޮށްލަން. އެކަމަކު ފަހުން ވައިގަދަވީމަ ނިންމާލީ،" ރޭޝަން ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހޮޓް އެއާ ބެލޫން ފެސްޓިވަލް ވަރަށް ކާމިޔާބެވެ. ފެސްޓިވަލްގައި ކުރިއަށް ގެންދިޔަ އެހެން ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް މުޅިން އާ ކަމެއް ތައާރަފް ކުރުމުގައި ބައިވެރިވި ޓީމާ މެދު ފަހުރުވެރިވާ ކަމަށެވެ.

މި ހަރަކާތުގައި ބެލޫން އަކަށް އަރަން ޓިކެޓެއް ވިއްކީ މީހަކަށް 700ރ. އަށެވެ. އުމުރުން 2-12 އަހަރާ ދެމެދުގެ ކުދިންނަށް ޓިކެޓު ވިއްކީ ކުއްޖަކަށް 300ރ. އަށެވެ. އެކަމަކު ޓިކެޓު ނެގި މީހުންނަށް ރީފަންޑު ދިނުމަށް ޔުނިކްސް ސްޕޯޓިން އިން މިހާރު ވަނީ ނިންމައިފަ އެވެ. ނޫނީ ކުރިއަށް ހުރި އިވެންޓުތަކުގައި ބައިވެރިވާން ބޭނުންނަމަ، ގަތް ޓިކެޓު ބޭނުން ހިފިދާނެ ކަމަށް ޔުނިކްސް ސްޕޯޓިން އިން ބުންޏެވެ.

ރޭޝަން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކިކަންކޮޅުތަކުގައި ހޮޓް އެއާ ބެލޫން އަރުވަން ރާވާފައިވާ ކަމަށެވެ. އަދި އެހެން ބައެއް ކުޅިވަރުތައް ވެސް ތައާރަފް ކުރަން ޔުނިކްސް ސްޕޯޓިން އިން ވަނީ ނިންމައިފަ އެވެ.

މިއީ މި ފިތުރު އީދުގައި ބޭއްވި ކުޅިވަރުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ތަޖުރިބާ ކުރަން ބޭނުންވި އަދި އެންމެ އިންތިޒާރު ވެސް ކުރަން ޖެހުނު ހަރަކާތަކަށް ވާނެ އެވެ. އެކަމަކު މިއީ މިކަން ރާއްޖޭގައި ކުރި ފުރަތަމަ ފަހަރު ކަމަށް ވާއިރު، މުޅިން ގޯހެކޭ ވެސް ނުބުނެވޭނެ އެވެ.