21 ޖޫން 2016 - 11:47

ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން (އީ ވޯޓިން) ނިޒާމު ބޭނުން ކުރާނެ ސަރަހައްދުތައް ކަނޑައަޅަން އަންނަ ހަފުތާގެ އަންގާރަ ދުވަހު ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.
ޖެނުއަރީ 14 ގައި ބާއްވާ އިންތިހާބުގެ ތިން ފޮއްޓެއްގައި އީ ވޯޓިން ބޭނުން ކުރަން އިލެކްޝަނުން ވަނީ ނިންމައިފަ އެވެ.
ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އީ ވޯޓިން ކުރިއަށް ގެންދާނެ ސަރަހައްދުތައް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން ނޫން ކަމަށެވެ. ސަރަހައްދުތައް ކަނޑައަޅާނީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީތަކަށް އެއްބަސްވެވޭ ސަރަހައްދުތަކެއްގައި އީ ވޯޓިން ކުރިއަށް ގެންދާނީ. މަޝްވަރާ ބައްދަލުވުމަށް ޕާޓީތަކަށް މިހާރު ވާނީ ދައުވަތު ފޮނުވާފައި،" އަކްރަމް ވިދާޅުވި އެވެ.
އީ ވޯޓިން ބާއްވާނެ ސަރަހައްދުތަކުގެ އިތުރުން އިންތިހާބާ ގުޅޭ އެހެން ކަންކަމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ ލަފާ ހޯދާނެ ކަމަށް ވިދާޅުވި އެވެ. އެ ކޮމިޝަނުން ހުރިހާ ކަމެއް ވެސް ނިންމާނީ، ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމެޓީ އެކުލަވާލަން އެ ކޮމެޓީ އަށް ޕާޓީތަކުން ނަމެއް ފޮނުވަން ވެސް އިލެކްޝަނުން ވަނީ އެދިފަ އެވެ. މިހާ އަވަހަށް ލަފާދޭ ކޮމެޓީ އެކުލަވާލަނީ، އަކްރަމް ވިދާޅުވި ގޮތުގައި، އިންތިހާބުގެ ކަންކަން މަޝްވަރާކޮށްގެން ކުރި އަށް ގެންދިއުމަށެވެ.
ކައުންސިލް އިންތިހާބުގައި އީ ވޯޓިން ފަށަން އިދިކޮޅު ޕާޓީތަކުން ބޭނުމެއް ނުވެ އެވެ. އެކަމަކު އިންތިހާބުގައި ބޭނުންކުރަން ދެ ވައްތަރެއްގެ މެޝިން ވެސް އިލެކްޝަނުން މިހާރު ވަނީ ބަލައިފަ އެވެ.