04 ޖޫން 2017 - 15:34

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު، މާފުށީ ބަނދަރު ސަރަހައްދުން މިއަދު ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
އުމުރުން 19 އަހަރުގެ އެ އަންހެންމީހާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިގެން ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް އޭނާގެ ދަބަހުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ އިތުރުން ފުލުހުން ވަނީ މިދިޔަ ބުރާސްފަތިދުވަހު ވެސް އިންޓެލިޖެންސް ރިޕޯޓެއްގެ އަލީގައި، މާފުށީ ފެރީން ވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޯދައިފަ އެވެ. އެ އެއްޗެހި ފެނުނީ ފިލްމް ހުސްކުރި ދަޅަކުން ކަަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.