05 ޖޫން 2017 - 07:37

ޝްރީދޭވީގެ އަލަށް ރިލީޒްކުރަން ތައްޔާރުވަމުންދާ ފިލްމު "މޮމް"ގައި ޕާކިސްތާނު ދެ އެކްޓަރަކު ކަމަށްވާ އަދުނާން ސިއްދީގީ އާއި ސަޖަލް އަލީ މުހިއްމު ރޯލުތަކެއް ކުޅެފައިވެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ބުނި ގޮތުގައި މި ދެ އެކްޓަރުން ފިލްމުގައި ކުޅެފައިވަނީ ފާހަގަކޮށްލެވޭ ވަރުގެ ރޯލުތަކެކެވެ. އަދި އަވަށްޓެރި ގައުމުގެ ދެ އެކްޓަރުންގެ ޕްރޮފެޝަނަލްކަމާއި ޕާފޯމަންސަށް ބޯނީ ވަރަށް ބޮޑަށް ތައުރީފުކުރި އެވެ.
"އަހަރެމެންގެ ފިލްމުތަކުގައި ވަރަށް ހުނަރުވެރި ދެ އެކްޓަރުން މަސައްކަތް ކޮށްފައިވޭ. ސަޖަލް އާއި އަދުނާން. ނަމަވެސް ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އެމީހުން ބައިވެރި ކުރެވޭނެ ގޮތެއް ވޭތޯ މި އަންނަނީ ބަލަމުން،" އަންހެނުން ޝްރީދޭވީ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގައި ބައިވެރިވި އެކްޓަރުންނާ ބެހޭ ގޮތުން ބޯނީ ބުންޏެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޯނީ ބުނީ ފިލްމުގެ މަސައްކަތް ފެށިއިރު ޕާކިސްތާނު އެކްޓަރުންނަށް ހިންދީ ފިލްމުތަކުގައި ބައިވެރިވުން މަނާ ނޫން ކަމަށެވެ. މަނާ ކުރިއިރު ފިލްމުގެ ޝޫޓިން ގާތްގަނޑަކަށް ނިމި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ފަށާ ހިސާބަކަށް އޮތީ ގޮސްފައި ކަމަށް ވެސް ބޯނީ ބުންޏެވެ. އެހެންވެ އެމީހުން ކުރި މަސައްކަތްތައް ފިލްމުގައި ބަހައްޓަން އޭނާ ނިންމީ އެވެ.
އަންހެނުން ޝްރީދޭވީ އަށް ވެސް ބޯނީ ވަރަށް ތައުރީފު ކުރި އެވެ. އޭނާ ބުނި ގޮތުގައި މިއީ ޝްރީދޭވީގެ ކެރިއަރުގައި ވެސް މިހާތަނަށް އޭނާ ދައްކާފައިވާ އެންމެ މޮޅު ޕާފޯމަންސް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެންގެ އަންހެނުންނަކީ އަހަރެންގެ ދިރިއުޅުމުގެ ރޫހު. އަދި އޭނާއަކީ އަހަރެންގެ މުޅި ދިރިއުޅުން. މިއަދު އަހަރެން މިތާނގައި އިށީނދެ ހެވިފައި އިންދާ ފެނުމުގެ ހުރިހާ ވެސް ޝުކުރެއް ރައްދުކުރަން ޖެހެނީ އޭނާއަށް،" ބޯނީ ބުންޏެވެ.
ރާވީ އުދްޔާވަރް ޑައިރެކްޓްކޮށްފައިވާ "މޮމް" ރިލީޒްކުރާނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ. މިފިލްމުގައި ޝްރީދޭވީ އާއި ޕާކިސްތާނު ދެ އެކްޓަރުންގެ އިތުރުން ނަވާޒުއްދީން ސިއްދީގީ އާއި އަކްޝޭ ކަންނާ މުހިއްމު ރޯލުތައް ކުޅެފައިވެ އެވެ.