ބޮލީވުޑް ބަތަލާ ނޫތަންގެ އުފަން ދުވަސް ގޫގުލްއިން ފާހަގަކޮށްފި
ބޮލީވުޑް ބަތަލާ ނޫތަންގެ އުފަން ދުވަސް ގޫގުލްއިން ފާހަގަކޮށްފި

ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ނޫތަންގެ 81 ވަނަ އުފަން ދުވަސް ގޫގުލް އިން ފާހަގަކޮށްފި އެވެ. ނޫތަން އުފަންވީ ޖޫން 4، 1936 ގައެވެ. އަދި މަރުވީ ފެބްރުއަރީ 21، 1991ގަ އެވެ.

ބޮލީވުޑް ބަތަލާ ނޫތަންގެ އުފަން ދުވަސް ގޫގުލްއިން ފާހަގަކޮށްފި
ބޮލީވުޑް ބަތަލާ ނޫތަންގެ އުފަން ދުވަސް ގޫގުލްއިން ފާހަގަކޮށްފި

ނޫތަންގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ގޫގުލް އިން ވަނީ ހޯމް ޕޭޖްގައި ނޫތަންގެ އެކި ކަހަލަ ޖަޒުބާތުތައް ދައްކުވައިދޭ ފޮޓޯތަކެއް ޖަހާފަ އެވެ. އަދި އެއާ އެކު ނޫތަން އަށް ތައުރީފުކޮށް ލިޔެފައިވާ ލިޔުންކޮޅެއް ވެސް ޖަހާފައިވެ އެވެ. އެ ލިޔުންކޮޅުގައި ނޫތަން ކުޅުނު ހާއްސަ ބައެއް ފިލްމުތަކުގެ ކެރެކްޓާތަކުގެ ތައާރަފެއް ދީފައިވެ އެވެ. އަދި ނޫތަން އަކީ ސާޅީހަކަށް އަހަރު ހިންދީ ސިނަމާއަށް އަންހެނުންނަށް ޚާއްސަ މައުލޫތަކަށް ފިލްމުތައް ކުޅެފައިވާ، އެ ޒަމާނުގެ ފިރިހެނުން އެކްޓަރުންނާ ނުބައްދަލު ބަތަލާއެއްކަން ވެސް ގޫގުލް އިން ފާހަގަކޮށްފައިވެ އެވެ.

އުމުރުން 13 އަހަރުގައި ނޫތަން ހިންދީ ފިލްމީ ދުނިޔެއަށް ނުކުތީ ކޭ އާސިފްގެ "ހަމާރީ ބޭޓީ" އިންނެވެ. ނޫތަން އަކީ މޮޅު އެކްޓަރެއްގެ އިތުރުން ރީތީގެ ރާނީއެކެވެ. މިސް މަސޫރީ 1952ގެ ތާޖް އޭނާ އަށް ލިބުނެވެ. ނޫތަން ސްވިޓްޒަލެންޑަށް ދިރިއުޅުން ބަދަލުކުރުމަށްފަހު 1950 ގެ އަހަރުތަކުގައި ފިލްމު ކުޅުމާ ދުވަސްކޮޅަކަށް ދުރަށް ދިޔަ ނަމަވެސް ވަރަށް އަވަހަށް އެނބުރި އައިސް ކޮމާންޑަރު ރަޖްނީޝް ބެލްއާ ކައިވެނިކޮށް ފިލްމީ މަސައްކަތް ފެށި އެވެ. ކައިވެންޏަށް ފަހު އޭނާ ކުޅުނު ފިލްމުތަކަކީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކެވެ.

އޭނާ އަކީ ކޮންމެ ކަހަލަ ރޯލަކަށް ވިޔަސް އެއްވެސް އުނދަގުލަކާ ނުލައި ފުރިހަމައަށް އިންސާފުކޮށްލި ބަތަލާއެކެވެ. އޭނާގެ ހުނަރުވެރިކަމުގެ ހެއްކަކަށް ފިލްމުފެއާ އެންމެ މޮޅު ބަތަލާގެ އެވޯޑު ފަސް ފަހަރަށް ލިބިފައިވުން ފުދެ އެވެ. ނަމަވެސް 70 އަދި 80ގެ އަހަރުތަކުގައި ނޫތަންގެ ކެރިއަރަށް އަނެއްކާވެސް ވެއްޓުމެއް އައެވެ. އަދި މަސައްކަތެއް ނެތި ގޭގައި އިންނަން ޖެހޭ ހިސާބަށް ވެސް ދިޔަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރީ ނޫތަންގެ ތަރި އަނެއްކާވެސް އަރާނެ ކަމަށެވެ. އަދި ވަޅުޖަހަމުން ދިޔަ ފިލްމީ ކެރިއަރު އަލުން ކޮޅަށް ޖެހުމުގެ ކުޅަދާނަކަން އޭނާގެ ހުންނާނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު އޭނާއަށް ނުލިބުނީ ކެންސަރު ބަލީގެ ޝިކާރައަކަށް ވުމާ ގުޅިގެންނެވެ. އަދި އުމުރުން 54 އަހަރުގައި ފެބްރުއަރީ 1991 ގައި ކެންސަރު ބަލީގައި ނޫތަން ވަނީ މި ދުނިޔޭ ދޫކޮށްފަ އެވެ.