04 ޖޫން 2017 - 14:08

ނިއު ދިއްލީ (ޖޫން 4) - ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު މުސްލިމް އާބާދީ އޮތީ އިންޑިއާގައި ނަމަވެސް އެ ގައުމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ފައިގަދަ ކުރެވޭ ގޮތެއް ނުވި ކަމަށް ހޯމް މިނިސްޓަރު ރަޖްނާތު ސިންގް ވިދާޅުވެއްޖެ އެވެ.
އައިއެސްގެ ނުރައްކަލުން ސަލާމަތް ކުރުމަށް އިންޑިއާ އިން ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި މި ގޮތުން އައިއެސް އަށް ހަމްދަރުދީވި 90 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"މުސްލިމުންގެ އާބާދީ އަށް ބަލާއިރު އިންޑިއާ އަކީ ދެ ވަނަ. އެކަމަކު މުސްލިމުންގެ އެހާ ބޮޑު އާބާދީއެއް އޮތް އިރު ވެސް އައިއެސް އަށް އިންޑިއާގައި ފައިގަދަ ކުރެވޭ ގޮތެއް ނުވި،" ނިއު ދިއްލީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޖްނާތު ސިންގް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން އިންޑިއަން މުޖާހިދީން ޖަމާއަތުގެ ފަސް މެންބަރަކަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށެވެ.
ރަޖްނާތު ސިންގް މިމޭރުމުން ވާހަކަ ދެއްކެވި އިރު ވެރިކަން ކުރާ ބީޖޭޕީން ވަނީ އައިއެސް އިން އޭޝިއާގައި އަތްގަދަ ކުރަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ. އަވަށްޓެރި ބަންގްލަދޭޝްގައި އައިއެސް އިން ވަނީ 2015 ވަނަ އަހަރުގެ ފަހުން ބައެއް ހަމަލާތައް ދީފަ އެވެ. އޭގެ ތެރޭގައި ޑާކާގެ ކެފޭއެއްގެ ތެރޭގައި މިދިޔަ އަހަރު ހަމަލާދީ 22 މީހުން މަރާލި ހާދިސާ ހިމެނެ އެވެ.