ރާޖްކުމާރު ރާއޯ ދެން އެންމެ ބޭނުމީ ނަށާ ފިލްމެއް ކުޅެން
ރާޖްކުމާރު ރާއޯ ދެން އެންމެ ބޭނުމީ ނަށާ ފިލްމެއް ކުޅެން

"ސިޓީލައިޓްސް" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ އެކްޓަރު ރާޖްކުމާރު ރާއޯ މިހާރު ބޭނުމީ ނެށުމުގެ މައްޗަށް ބިނާކޮށްފައިވާ ނަށާ ފިލްމެއް ކުޅެން ކަމަށް އޭނާ ބުނެފި އެވެ.

ރާޖްކުމާރު ބުނި އޭނާ އަކީ ގޮތުގައި އަބަދުވެސް ނަށާ ހިތްވާ މީހެކެވެ. ނަމަވެސް އެކްޓިން ސްކޫލަށް ގޮސް އެތަނުގައި ކިޔަވަން ފެށުމުން އެކްޓްކުރުމަށް ޝައުގުވެރިވީ އެވެ.

އޭނާ ބުނި ގޮތުގައި ފުރުސަތެއް ލިބިއްޖެ ނަމަ، ޑާންސްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް އޭނާ ކުޅެން ބޭނުމެވެ. ރާޖްކުމާރު ބުނި ގޮތުގައި ކުޑައިރުއްސުރެ އެކިއެކި މުބާރަތްތަކާއި ފަންކްޝަންތަކުގައި އޭނާ ވަނީ ނަށާފަ އެވެ. ނަމަވެސް އެކްޓްކުރަން ފެށުމުން އޭނާގެ ނެށުމަށް އޮތް ލޯތްބަށް ހިޔަނި އެޅުނީ ކަމަށް ބުންޏެވެ.

ރާޖްކުމާރު މިހެން ބުނެފައިވަނީ އޭނާގެ އާ ފިލްމު "ބެހެން ހޯގީ ތެރީ" ޕްރޮމޯޓް ކުރުމުގެ ގޮތުން ޒޫމް ޓީވީ ގެ "ޔާރް މެރަ ސުޕަސްޓާ" ގައި ވާހަކަ ދައްކަމުންނެވެ.

"ބެހެން ހޯގީ ތެރީ"ގައި ޝްރޫތީ ހަސަން އާއި ގޯތަމް ގުލާޓީ ވެސް މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.

މިއީ ކުޑައިރުއްސުރެ އަވަށްޓެރިއެއްގެ ގޮތުގައި އުޅޭ އަންހެންކުއްޖެއް ދެކެ ލޯބިވާ މީހެއްގެ ވާހަކަ އެވެ. މިއީ ކޮމެޑީ ފިލްމެއް އޭނާ ކުޅޭ ފުރަތަމަ ފަހަރެވެ. ޖޫން 9 ގައި މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވާއިރު ރާޖްކުމާރު ބުނަނީ ކޮމެޑީ އެކްޓް ޕާފޯމްކުރަން އުނދަގޫ ކަމަށެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ދިޔަ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.