މޫސުމަށް ބަދަލު އަންނަކަން ޓްރަމްޕް ގަބޫލް ކުރައްވާ
މޫސުމަށް ބަދަލު އަންނަކަން ޓްރަމްޕް ގަބޫލް ކުރައްވާ

ވޮޝިންޓަން (ޖޫން 4) - މޫސުމަށް ބަދަލު އަންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށާއި އަދި އެކަމުގައި އިންސާނުންގެ ރޯލެއް އޮންނަ ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު ނިއްކީ ހާލީ ވިދާޅުވެއްޖެ އެވެ.

މޫސުމަށް ބަދަލު އަންނަކަން ޓްރަމްޕް ގަބޫލް ކުރައްވާ
މޫސުމަށް ބަދަލު އަންނަކަން ޓްރަމްޕް ގަބޫލް ކުރައްވާ

ޕެރިސް ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިވި ސަބަބާ ބެހޭ ގޮތުން ސީއެންއެންގައި ވާހަކަ ދައްކަވަމުން ހާލީ ވިދާޅުވީ މޫސުމަށް ބަދަލު އަންނަކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމުގައި އެމެރިކާގެ ރޯލެއް އޮތް ކަމަށް ވެސް ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށެވެ. ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވި ނަމަވެސް މޫސުމަށް ބަދަލު އައުމާ ދެކޮޅަށް އެމެރިކާ އިން ކުރާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ހާލީ ވިދާޅުވި އެވެ.

"ޕެރިސް އެއްބަސްވުމުން ވަކިވުމުގެ މާނައަކީ އެމެރިކާ އިން ތިމާވެއްޓަށް އަޅާ ނުލުމެއް ނޫން،" ހާލީ ވިދާޅުވި އެވެ.

ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވީ ކީއްވެތޯ ސުވާލު ކުރުމުން އެކަމުގެ ޒިންމާ ހާލީ އަޅުވާފައި ވަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ އިސްތަށިފުޅުގަ އެވެ. އެކަމަނާ ވިދާޅުވީ ހާސިލް ކުރަން ދަތި ކަންތައްތަކަކަށް އޮބާމާ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

"ޕެރިސް އެއްބަސްވުމުގައި ހުރި ކަންކަމަކީ އެމެރިކާގެ ކުންފުނިތަކަށް ގެއްލުމެއް. ގަވަރުނަރެއްގެ ގޮތުގައި ހުރި އިރު އެކަން އަޅުގަނޑަށް އެނގޭ. އެއީ ހާސިލް ނުކުރެވޭނެ ލަނޑުދަނޑިތަކެއް،" ސައުތު ކޮރޮލީނާގެ ގަވަރުނަރުކަން ކުރެއްވި ހާލީ ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވަނީ މޫސުމަށް ބަދަލު އައުމަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ތިމާވެށި އެއްބަސްވުމަކީ ޗައިނާގެ ރޭވުމަކުން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ޕެރިސް އެއްބަސްވުމުން ވަކިވާކަން އިއުލާން ކުރެއްވުމަށް ޓްރަމްޕް ދެއްވި 2،000 ލަފުޒުގެ ތަގުރީރުގައި ވެސް "މޫސުމަށް ބަދަލު އައުން" އެ ބަސްތައް ބޭނުން ކުރައްވައިފައެއް ނުވެ އެވެ.