އަފްގާނިސްތާން މެޗަށް ފަހު ގައުމީ ޓީމު ތަމްރީން ހަދަން ބެންކޮކަށް
އަފްގާނިސްތާން މެޗަށް ފަހު ގައުމީ ޓީމު ތަމްރީން ހަދަން ބެންކޮކަށް

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އަފްގާނިސްތާނާ ދެކޮޅަށް ދުބާއީގައި އެކުވެރިކަމުގެ މެޗެއް ކުޅޭށާއި ތައިލެންޑުގައި ތަމްރީން ކޭމްޕެއް ފުރިހަމަކުރަން ގައުމީ ފުޓްބޯޅަ ޓީމު މިރޭ ފުރާނެ އެވެ.

ދުބާއީ އަށް މިރޭ ދިއުމަށް ފަހު މާދަމާ ޕްރެކްޓިސް ކުރުމަށް ފަހު އަފްގާނިސްތާނާ ދެކޮޅަށް ނުކުންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ މެޗަށް ފަހު ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމު ތައިލެންޑަށް ފުރާނެ އެވެ. އަދި ހަތަރު ދުވަހު ތަމްރީން ހެދުމަށް ފަހު 11 ވަނަ ދުވަހު ބޫޓާނަށް ދާނެ އެވެ. ބޫޓާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ބޫޓާނުގެ ވެރިރަށް ތިމްޕޫގަ އެވެ.

މި މެޗަށް ނެގި ގައުމީ ސްކޮޑް މިހާރު ވަނީ ފައިނަލްކޮށްފަ އެވެ. ބާކީވީ ނިއު ރޭޑިއަންޓުގެ ޒުވާން ގޯލްކީޕަރު އަބްދުﷲ ޒިމާމާއި މާޒިޔާގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް އަދި ޓީސީ ސްޕޯޓްސް ކްލަބުގެ މުހައްމަދު އައްޒާމެވެ. މީގެ ތެރެއިން އައްޒާމަށް ފުރުސަތު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން މާލޭގައި 3-0 އިން ވަނީ ބަލިވެފަ އެވެ. އޮމާން ވަނީ ފުރަތަމަ މެޗުން ބޫޓާން އަތުން 14-0 އިން މޮޅުވެފަ އެވެ. އޮމާނާއި ފަލަސްތީނަށް ހަ ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ އޮމާނެވެ.

އަންނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ހޯމް އެންޑް އަވޭ އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ ބައްދަލުކުރާ އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ އެންމެ ފަހުން ނުކުތީ 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕުގަ އެވެ. ދެ ޓީމަށް ވެސް ސެމީ ފައިނަލް ކަށަވަރުވެފައި އޮއްވާ ކުޅުނު އެ މެޗު އަފްގާނިސްތާން ކާމިޔާބުކުރީ 4-1 އިންނެވެ. އޭގެ ކުރިން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖެ ވަނީ ޕެނަލްޓީ ޖަހައިގެން އަފްގާނިސްތާން ބަލިކޮށްފަ އެވެ. މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރި މެޗުގައި 2005 ގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ 9-1 އިން މޮޅުވެފަ އެވެ.