ސޮރަޔަސިސް: ލަދުވެތިކަމާ ކުރިމަތިވާ ނާދިރު ބައްޔެއް
ސޮރަޔަސިސް: ލަދުވެތިކަމާ ކުރިމަތިވާ ނާދިރު ބައްޔެއް

އީޒީޖެޓްގެ ފްލައިޓަކަށް އަރަންދިޔަ މީހެއްގެ ހަންގަނޑުގައި ހުރި ބިހިތަކަކާ ބެހޭ ގޮތުން ޗެކިން އެޓެންޑެންޓް ސުވާލުކުރުމުން އެކަން ވަރަށް ބޮޑު މައްސަލައަކަށްވެ އިނގިރޭސި ވިލާތުގެ ނޫސްތަކުގައި ވަނީ ލިޔެފަ އެވެ.

ސޮރަޔަސިސް: ލަދުވެތިކަމާ ކުރިމަތިވާ ނާދިރު ބައްޔެއް
ސޮރަޔަސިސް: ލަދުވެތިކަމާ ކުރިމަތިވާ ނާދިރު ބައްޔެއް

ޕެކަމްގައި ދިރިއުޅޭ ހޮލީ ދިލަން، 26، ފާރޯ ނޫސްތަކަށް ބުނެފައިވާ ގޮތުގައި ޕޯޗްގަލްގެ ލޫޓަން އެއާޕޯޓަށް އޭނާ ދިޔައީ ފާރޯގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށެވެ. އޭނާ ބޯޓަށް އެރުމުގެ ހުއްދަ ދިނުމުގެ ކުރިން ސިއްހީ އަދި ރައްކާތެރިކަމާ ބެހޭ ގޮތުން ޗެކް-އިން އެޓެންޑެންޓް ކަންބޮޑުވުން ފާޅުކުރިކަމަށްވެ އެވެ.

އެސިސްޓެންޓް ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ދިލަން އަކީ ސޮރަޔަސިސް ކިޔާ ހަމުގެ ބައްޔެއް ހުންނަ މީހެކެވެ. މިއީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބޮނޑިބޮނޑިއަށް ބިިހި ނަގަން މެދުވެރިވާ ބައްޔެކެވެ. ދިލަން ބުނެފައި ވަނީ އޭނާގެ ޗުއްޓީއަކަށް ދިޔައީ ބިހިތަކަށް އިރުގެ އަލި ލިބުމުން ރަނގަޅުވާ ކަމަށް މީހުން ބުނާތީ އެވެ.

ސޮރަޔަސިސް އަކީ ދިފާއީ ނިޒާމުގެ މައްސަލައެކެވެ. މި މައްސަލަ ހުންނަ މީހުންގެ ހަމުގެ ސެލްތައް މާ އަވަހަށް ކުއްލިއަކަށް ރިޖެނެރޭޓް ވާން މެދުވެރިވެ އެވެ.

ފާރޯގައި ޗުއްޓީ ހޭދަކުރުމަށްފަހު ލަންޑަނަށް އެނބުރި ދިއުމަށް އޭނާ އީޒީޖެޓް ފްލައިޓަށް އަރަން ދަނިކޮށް ބޯޑިން ޑެސްކް ކްލާކް، ދިލަންއާ އެކު ހުރި އެކުވެރިޔާ ގާތު ނުސީދާކޮށް ބުނެފައި ވަނީ ދިލަންގެ މޫނުގައި ނުވަތަ ހަމުގައި އެއްވެސް މައްސަލައެއް ހުރިތޯ އެވެ. އެކަމާ އޭނާ ވަނީ ހިތްހަމަނުޖެހިފަ އެވެ.

"ޗުއްޓީއެއް ނިންމާލާފައި އެނބުރި ދިޔައިރު އެއްވެސް މޭކަޕެއް ނުކޮށް އަހަރެން ހުރީ ސޮރަޔަސިސްގެ މައްސަލަ ވެސް ވަރަށް ބޮޑުތަން ރަނގަޅުވެފައި ވާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. ނަމަވެސް ކުއްލިއަކަށް އެމީހާ ސުވާލުކުރުމުން ވަރަށް ހިތްހަމަނުޖެހުނު،" ދިލަން ބުނެފައިވެ އެވެ.

ދިލަން ބުނެފައިވާ ގޮތުގައި ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް އެއާލައިންތަކުން ދަތުރު ނުކުރެވޭނެކަން އޭނާއަށް ވެސް އެނގެ އެވެ. ނަމަވެސް ރުޅި އައީ ސުވާލު ކުރި ގޮތުން ކަމަށް އޭނާ ބުނެފައިވެ އެވެ.

ދުނިޔޭގެ އާބާދީގެ ތިން ޕަސެންޓް މީހުންނަށް ސޮރޮޔަސިސް ޖެހިފައި ވެ އެވެ. މި ބަލި ޖެހުމުން ޑިޕްރެޝަން އާއި ހިތުގެ މައްސަލަ އަދި ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ދިލަން އަކީ ސޮރޮޔަސިސް އަށް ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ހިންގުމުގައި އިސްކޮށް އުޅޭ މީހެކެވެ. މި ކެމްޕެއިންގައި މިބައްޔާ މެދު ހޭލުންތެރިކުރުވުމާއި ބައްޔަށް ހުރި ގޮންޖެހުންތައް އަދި ބައްޔާ މެދު ކުރެވޭ ގޯސް ހީތައް ސަމާލުކަމަށް ގެންނަން މަސައްކަތް ކުރެވެ އެވެ.

ދިލަން ބުނެފައިވާ ގޮތުގައި މި ބަލި ހުންނަ މީހުންނާ، ތިހިރީ ކޯޗެއްހޭ ނުވަތަ ކިހިނެއް ވެފަހޭ ސުވާލުކުރުމުން ވަރަށް ލަދުގަނެ އެވެ. އެހެންކަމުން މި ބައްޔާމެދު އެހެން މީހުން ހޭލުންތެރިވީ ވަރަކަށް މިފަދަ ސުވާލުތައް ވެސް ކުރުން ހުއްޓޭނެކަމަށް އޭނާ އުންމީދު ކުރެ އެވެ.

ދިލަންގެ ވާހަކަ ނޫސްތަކުގައި ޖެހުމާ އެކު އީޒީޖެޓް އެއާލައިނުން ބަޔާނެއް ނެރެފައިވެ އެވެ. އޭގައި ބުނެފައި ވަނީ ކަސްޓަމަރުންނާ މުއާމާލަތުކުރަންޖެހޭ މުވައްފުންނަށް ވަރަށް ރަނގަޅަށް ތަމްރީން ދޭ ކަމަށާއި އެހެންވެ ދިލަންގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލާނެ ކަމަށެވެ.