04 ޖޫން 2017 - 11:40

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު އަބްދުﷲ ވަކިކުރެއްވުމަށްފަހު، ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު އެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުން ޝުކޫރު މަގާމުން ވަކި ކުރެއްވުމަށް ފަހު، އެ މަގާމަށް ޒުހޫރު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ. އަދި ޝުކޫރު އެހެން މަގާމަކަށް ވެސް އަދި އައްޔަން ކުރައްވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒުހޫރު ފުރަތަމަ އަދާކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒުހޫރު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް އެއްވަނަ ދުވަހު އެވެ.
ޒުހޫރު ވެފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މަގާމުތަކަށް މި ސަރުކާރުން އައްޔަން ކުރެއްވި ބޭފުޅާ އެވެ.
ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ޝުކޫރު 2008 ގައި މަގާމުން ވަކިކުރުމަށް ފަހު އަލުން އެ މަގާމަށް އައްޔަންކުރެއްވީ ޖޫން 8، 2014ގަ އެވެ.