04 ޖޫން 2017 - 12:43

ކާޑިފް، ވޭލްސް (ޖޫން 4) - ފަސް އަހަރަށް ފަހު ސްޕެނިޝް ލީގު ކާމިޔާބުކުރުމަށް ފަހު ޗެމްޕިއަންސް ލީގު ދިފާއުކުރުމުން ރެއާލް މެޑްރިޑްގެ އަސްލު މަގާމަށް އެ ޓީމު ގެންގޮސްދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރެއާލާ ހަވާލުވުމަށް ފަހު ޒިދާން ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގު ދެ ފަހަރާއި ޔުއޭފާ ސުޕަ ކަޕް، ކްލަބް ވޯލްޑް ކަޕާއި ސްޕެނިޝް ލީގު ހޯދައިދީފަ އެވެ. ޒިދާން ބުނީ މި ސީޒަނަކީ އޭނާ އެންމެ ބޭނުންވި ކާމިޔާބީ ހާސިލްކުރެވުނު ފަހަރު ކަމަށެވެ.
"އަހަރެން ބޭނުންވާ ކާމިޔާބީ މި ފަހަރު ހާސިލްކުރެވިއްޖެ. ސްޕެނިޝް ލީގަކީ އަހަރެން މި ސީޒަނަށް ކަނޑައެޅި ފުރަތަމަ އަމާޒު. ޗެމްޕިއަންސް ލީގަކީ ބޯނަހެއް ގޮތުގައި ގަބޫލުކުރަނީ. ރެއާލް އަސްލު އޮންނަންޖެހޭ މަގާމަށް މިހާރު ގެންގޮސްދެވިއްޖެ،" ޗެމްޕިއަންސް ލީގު ފައިނަލުގައި ރޭ ޔުވެންޓަސް އަތުން 4-1 އިން މޮޅުވި މެޗަށް ފަހު ޒިދާން ބުންޏެވެ.
ރެއާލާ އެކު ޒިދާން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އޭނާ ބުނީ އަންނަ ސީޒަނުގައި އެ ޓީމުން ފެންނާނެ ކަމަށާއި އެ ޓީމުގައި އިތުރަށް މަޑުކުރަން ފުރުސަތު ލިބިއްޖެނަމަ މަރުހަބާ ކިޔާނެ ކަމަށެވެ.
"އަހަރެން މި ކްލަބާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތް. އޭގެ މާނަ އަކީ އަންނަ ސީޒަނުގައި އަހަރެން ޔަގީނުންވެސް މި ޓީމުން ފެންނާނެޔޭ. އެކަމު އިތުރަށް މަޑުކުރަން ހުށަހެޅުމެއް ލިބިއްޖެނަމަ މަރުހަބާ ކިޔާނަން. އެކަމަކު އަބަދު މި ޓީމުން ފެންނާނެ ކަމުގެ ޔަގީންކަން ދޭން އުނދަގޫ،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ރެއާލުގައި މިހާރު ތިބި ކޮންމެ ކުޅުންތެރިއަކީ ވެސް އަންނަ ސީޒަނުގައި އޭނާ ބޭނުންވާ ކުޅުންތެރިން ކަމަށާއި އެއްވެސް ކުޅުންތެރިއަކު ކްލަބް ދޫކޮށްނުދިއުމަށް އެދޭ ކަމަށެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޔުވެންޓަސް ޖެހިޖެހިގެން ބަލިވި ފަސް ވަނަ ފަހަރެވެ. އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނީ މިއީ އެ ޓީމުގެ ނިމުން ކަމުގައި ނުދެކޭ ކަމަށެވެ.
"މި ޓީމުގައި ތިބީ ހިތްވަރުގަދަ ކުޅުންތެރިން. މި ވަގުތު މި ކުޅުންތެރިން މާޔޫސްވެފައި ތިބި ނަމަވެސް އަހަރެމެންނަށް އެނގޭ މަސައްކަތް ކޮށްފިނަމަ މި ވަރުގެ ކާމިޔާބީއެއް ހޯދޭނެ ފެންވަރު މި ޓީމުގެ އެބަހުރިކަން. މިއީ ނިމުމެއް ކަމަށް ނުދެކެން. ޔުވެންޓަަސް އަލުން ފެންނާނީ މާ ވަރުގަދަކޮށް،" އަލެގްރީ ބުންޏެވެ.
އޭނާ ބުނީ މިހާރު އޮތް ޔުވެންޓަސް ޓީމަށް ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސްގެން އަންނަ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގަށް ވާދަކުރާނެ ކަމަށެވެ.