04 ޖޫން 2017 - 12:44

ޕާސްޕޯޓް ނެތި ހުޅުމާލޭގައި އުޅެނިކޮށް ހައްޔަރު ކޮށްފައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާލްސް ސޭފަޓްގެ ފައިސާގެ މައްސަލަތަކުގެ ތެރެއިން ތިން ވަނަ މައްސަލައެއްގައި ވެސް ޖޯންއާ އެއްކޮޅަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕާސްޕޯޓް ނެތި ދިރިއުޅެނިކޮށް މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރި ސޭފަޓް އަދިވެސް ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ. އޭނާގެ ވަކީލުން ބުނެފައިވާ ގޮތުގައި ޖޯން އުޅުނީ ދިވެހި ބަޔަކާ ގުޅިގެން ހުޅުމާލޭގައި ގެސްޓްހައުސް ހިންގުމަށެވެ. އެކަމަކު އެކަމުގައި ބައިވެރިވި މީހުން ޖޯން އަތުން ފައިސާ އަތުލުމަށް ފަހު އޭނާގެ ޕާސްޕޯޓް ވަގަށް ނަގައި އޭނާ "މަގުމަތިކޮށްލީ" އެވެ.
ހައި ކޯޓުން ޖޯން އަށް މިއަދު ކާމިޔާބުވީ އޭނާ ހުޅުމާލޭގައި ކުއްޔަށް ހިިފައިގެން އުޅުނު ކޮޓަރީގެ ކުއްޔަށް 74،000 ރުފިޔާ ހޯދަން މީހަކު ދައުވާކުރި މައްސަލައެކެވެ. އެ ފައިސާ ޖޯން ދައްކަން ޖެހޭނެ ކަމަށް ހުޅުމާލޭ ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން ނިންމީ އެ ފައިސާ ޖޯން ދައްކަން ނުޖެހޭނެ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެތަނުގެ ޖޯން ހުރީ ކުލި ދައްކާ ގޮތަށް ނޫން ކަމަށާއި އެތަނުގައި ޖޯން ހުރީ އެތަނުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ކަމަށް ޖޯންގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އެތަނަށް ކުލި ދައްކަން ޖެހޭ ކަމަށް ބުނެ ދައުވާކުރާ ފަރާތުން ހަމައެކަނި ހުށަހެޅީ ރެންޓް ސެޓްލްމަންޓް ނޯޓިހެއް ކަމަށާއި އެކަމަކު އެ ނޯޓިސްގައި ބުނާ އަދަދުތަކާއި އެ ފަރާތުން ދައުވާގައި ހޯދަން އެދޭ އަދަދު ދިމާނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެ އަދަދުތައް ދިމާނުވަނީ ކީއްވެގެން ސާފުކޮށް ދިނުމަށް ތަނުގެ ވެރިފަރާތަށް ފުރުސަތު ދިނަސް އެ ފަރާތަށް އެކަން ސާބިތުކޮށް ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.
މީގެ ކުރިން ޖޯން އާއި އޭނާގެ ވިޔަފާރީގެ ހިއްސާދާރަކާ ޖެހުނު ފައިސާގެ މައްސަލައެއްގައި ޖޯން އަށް ނުލިބި އޮތް 39،000 ޑޮލަރު (ހަ ލައްކަ ރުފިޔާ) ގެ މައްސަަލާގައި ވެސް ޖޯންއާ އެއްކޮޅަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ ޖޯންއާ އެއްކޮޅަށެވެ.
މީގެ އިތުރުން ޖޯންގެ ފަރާތުން އެހެން މީހަކަށް 2،100 ޑޮލަރު(32،000 ރުފިޔާ) ދޭންޖެހޭ ކަމަށް ކަނޑައަޅައި، ޖޯންއާ ދެކޮޅަށް ހުޅުމާލޭ ކޯޓުން ނިންމި މައްސަލައެއްގައި ވެސް ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދޭން ނުޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ.