04 ޖޫން 2017 - 11:51

ޑާކާ (ޖޫން 4) - ބަންގްލަދޭޝް އަށް މިދިޔަ ހަފުތާގައި ޖެހުނު ބާރުގަދަ ތޫފާނުގައި ގެއްލުނު މީހުންގެ ތެރޭން 24 މަސްވެރިއަކު ބޭ އޮފް ބެންގާލުން ސަލާމަތްކޮށްފި އެވެ.
މޯރާގެ ނަން ދީފައިވާ ތޫފާން ޖެހުނުތާ ތިން ދުވަސް ފަހުން ވަނީ 80 މީހަކު ކަނޑުމަތިން ސަލާމަތްކޮށްފަ އެވެ. ކަނޑުމަތިން 24 މަސްވެރިން ނަގާފައި ވަނީ ބަންގްލަދޭޝްގެ ކަނޑުގެ ސިފައިންގެ ދެ އުޅަނދަކަށެވެ. އެ މީހުން ސަލާމަތް ކުރީ ކޮކްސް ބާޒާރާއި ކުތުބްދިއާ އައިލެންޑް ކައިރިންނެވެ. މަސްވެރިން ސަލާމަތް ކުރީ ކަނޑުމަތީ އޮޔާ ދަނިކޮށެވެ.
ތޫފާނުގައި ޖެހިގެން 70 މަސްވެރިއަކު އަދިވެސް ވަނީ ގެއްލިފަ އެވެ. ތޫފާނުގައި ގެއްލުނު މީހުން ހޯދުމަށް ކަނޑުގެ ސިފައިންގެ 18 އުޅަނދަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީހުން ހޯދުމަށް ވައިގެ މަގުން ވެސް ދަނީ ހެލިކޮޕްޓަރާއި މަތިންދާ ބޯޓެއް ބޭނުން ކުރަމުންނެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ވެސް މިދިޔަ ހަފުތާގައި ވަނީ 33 މަސްވެރިން ސަލާމަތްކޮށްފަ އެވެ.
ތޫފާން އަރާތީ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަސްވެރިން މަހަށް ނުނިކުމެ ތިބުމަށް އަންގައިފަ އެވެ. ކޮކްސް ބާޒާރުގެ މަސްވެރިން ތަމްސީލު ކުރާ މެންބަރެއް ކަމަށްވާ މުސްތާގު އަހުމަދު ވިދާޅުވީ މަސްވެރި، އަށް އުޅަނދެއް އަދިވެސް ބަނދަރަށް ނާންނަ ކަމަށެވެ.
ތޫފާން މޯރާގައި ބަންގްލަދޭޝް އިން ވަނީ ހަތް މީހުން މަރުވެ އެތައް ބައެއްގެ ގެދޮރު ގެއްލިފަ އެވެ.