ލިވަޕޫލުގެ އަމާޒު ސަލާ އަށް، އާސެނަލް މާރޭޒަށް
ލިވަޕޫލުގެ އަމާޒު ސަލާ އަށް، އާސެނަލް މާރޭޒަށް

ލަންޑަން (ޖޫން 4) – ރޯމާގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ގަތުމަށް ލިވަޕޫލުން މަސައްކަތްކުރަމުން އަންނައިރު ލެސްޓާ ސިޓީގެ ރިޔާޒް މާރޭޒަށް އާސެނަލުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ރޯމާ އިން ވަނީ ސަލާ އަށް ލިވަޕޫލުން ފުރަތަމަ ހުށަހެޅި 28 މިލިއަން ޕައުންޑުގެ ބިޑް އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު ލިވަޕޫލުން އަންނަނީ ރޯމާއާ އެކު ވާހަކަތައް ބާއްވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޯމާ އިން އޭނާ ވިއްކާލާނީ 35 މިލިއަން ޕައުންޑާއި 40 މިލިއަން ޕައުންޑާ ދެމެދުގެ އަގަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލާ ވަނީ ލިވަޕޫލާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި ލިވަޕޫލުން ރޯމާއާ އެކު އެއްބަސްވުމަކަށް އާދެވެހޭ އަވަހަކަށް އޭނާ އެ ކްލަބަށް ބަދަލުވާނެ އެވެ.

ސްވިޒަލެންޑުގެ އެފްސީ ބަސެލް އިން 2014 ވަނަ އަހަރު 11 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުމުގެ ކުރިން ސަލާ ވަނީ ލިވަޕޫލަށް ސޮއިކުރުމާ ގާތަށް ގޮސްފަ އެވެ.

ޗެލްސީ އަށް އެއް ސީޒަން ކުޅުމަށް ފަހު ލޯނެއްގެ ފަށުން އިޓަލީގެ ފިއޮރެންޓީނާ އާއި ރޯމާ އަށް ކުޅުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ރޯމާއާ ގުޅުނީ މި ސީޒަނުގަ އެވެ. ރޯމާ އިން އިޓާލިއަން ލީގުގެ ދެ ވަނަ ހޯދިއިރު ސަލާ ވަނީ 15 ގޯލް ޖަހައިފަ އެވެ.

ޗެމްޕިއަންސް ލީގަށް ޓީމު ވަރުގަދަކުރަން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް މަސައްކަތްކުރާއިރު އަންނަ ސީޒަނުގެ ޔުރޮޕާ ލީގުގައި ވާދަކުރާ އާސެނަލުން އަންނަނީ ޕްރިމިއާ ލީގަށް އަމާޒުކޮށް ކުޅުންތެރިން ގެންނަން މަސައްކަތްކުރަމުންނެވެ.

އާސެނަލާ އެކު ދާދި ފަހުން ކޮންޓްރެކްޓް އާކުރި ކޯޗު ވެންގާ ބުނީ މާރޭޒް ގެންނަން ޝައުގުވެރިވާ ކަމަށާއި އެކަމަކު މިހާތަނަށް ބިޑްކޮށްފައިނުވާ ކަމަށެވެ.

ލެސްޓާ އަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މާރޭޒް ވަނީ ލެސްޓާ ދޫކޮށްލަން ބޭނުންވާކަން ދާދި ފަހުން އިއުލާންކޮށްފަ އެވެ. މާރޭޒަށް ސްޕެއިނުގެ ބާސެލޯނާ އިން ވެސް މިދިޔަ އަހަރު ޝައުގުވެރިކަން ފާޅުކުރި އެވެ.