ރަޝިއާ ކޯޗު އިސްތިއުފާ ހުށަހަޅައިފި
ރަޝިއާ ކޯޗު އިސްތިއުފާ ހުށަހަޅައިފި

ޕެރިސް، ފްރާންސް (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރަޝިއާ ކެޓުމާ ގުޅިގެން އެ ޓީމުގެ ކޯޗު ލެއޮނިޑް ސްލުސްކީ މަގާމުން އިސްތިއުފާ ދޭން ހުށަހަޅައިފި އެވެ.

ރަޝިއާ އިން ދަށް ވެގެން ގްރޫޕުގެ ދެ ވަނަ ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ޓީމު ދިޔައީ އެންމެ ޕޮއިންޓަކާ އެކު ގްރޫޕުގެ ފުލަށެވެ. އަނެއްކޮޅުން ސަޕޯޓަރުންގެ ހަމަނުޖެހުމާ ގުޅިގެން އެ ޓީމު އޮތީ މުބާރާތުން ވަކިކޮށްފާނެ ކަމުގެ ބިރާ ވެސް ކުރިމަތިވެފަ އެވެ.

ރަޝިއާގެ ގަދަބާރު ސީއެސްކޭއޭ މޮސްކޯގެ ކޯޗުކަން ވެސް ކުރާ ސްލުސްކީ ރަޝިއާ ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެކަމަކު ރަޝިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާ ކޮންމެވެސް އެއް ޓީމަކަށް ހާއްސަވާން އެދިފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ރަޝިއާ ތައްޔާރުކުރުމުގެ ޒިންމާ ބޮޑުވާނެތީ އެވެ.

"ކުރިއަށް ހުރި މުބާރާތްތަކަށް އެހެން މީހަކު ހަވާލުވާން އެބަޖެހޭ،" ސްލުސްކީ ބުންޏެވެ.