21 ޖޫން 2016 - 11:56

ޕެރިސް، ފްރާންސް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯމެޓަށް ބަދަލުގެނެސް، 24 ޓީމަށް ވާދަކުރެވޭ ގޮތަށް ބަދަލުކުރުމުން މުބާރާތުގެ ފޯރި ކުޑަވެއްޖެ ކަމަށް ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ ބުނެފި އެވެ.
ޔުއެފާ އިން ވަނީ މި ފަހަރުގެ މުބާރާތުގައި 24 ޓީމަށް ވާދަކުރެވޭ ގޮތަށް މުބާރާތުގެ ފޯމެޓް ބަދަލުކޮށްފަ އެވެ. އެ ބަދަލާ އެކު މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް ފަސް ޓީމެއް ވާދަކުރި އެވެ. ޖަރުމަނުގެ ކޯޗު ލޯ ބުނީ މުބާރާތް ބާއްވަން އެންމެ ރަނގަޅީ 16 ޓީމު ވާދަކުރާ ފޯމެޓް ކަމަށެވެ.
"ޔޫރޯގެ ފޯރި ބޮޑީ 16 ޓީމު ވާދަކުރާއިރު. އެއީ ފުރަތަމަ މެޗުން ފެށިގެން ވެސް ވަރަށް ވާދަވެރި މެޗުތަކެއް ބަލާލަން ލިބޭ. އެކަމަކު ޒަމާނާ އެކު މުބާރާތްތަކަށް ބަދަލު އަންނާނެ. އެކަން އެބަޖެހޭ ގަބޫލުކުރަން،" ލޯ ބުންޏެވެ.
އޭނާ ބުނީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ 24 ޓީމުގެ ތެރެއިން 16 ޓީމަށް އޮތުމުން އާދައިގެ ޓީމުތަކަށް ޑިފެންސިވްކޮށް ކުޅެން ފުރުސަތު ލިބޭ ކަމަށެވެ.
"ދެ ވަނަ ބުރުގެ ޖާގަ އެބަ ލިބޭ ތިން މެޗު އެއްވަރު ކޮށްލައިގެން ވެސް. އެއީ ފުރަތަމަ ބުރުން މި ކަޓަނީ އަށް ޓީމެއް. ބާކީ 16 ޓީމަށް އަދިވެސް ފުރުސަތު ލިބޭ. މިހެންވުމުން އާދައިގެ ޓީމުތަކަށް ލިބޭ އެޑްވާންޓޭޖެއް އެބައޮތް. ހުރިހާ ކުޅުންތެރިން ފަހަތަށް ލައިގެން ކުޅުނަސް ގެއްލުމެއް ނޯވޭ އެ ޓީމުތަކަށް،" 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބު ކޮށްދިން ލޯ ބުންޏެވެ.
އޭނާ ބުނީ ނޮދަން އަޔަލެންޑް މި މުބާރާތުގައި ދައްކާފައިވާ ކުޅުމަށް ބަލާއިރު މިރޭގެ މެޗު ފަސޭހަކޮށްލެވެން ނެތް ކަމަށެވެ.
ޖަރުމަނުގެ ޑިފެންޑަރު މެޓް ހަމެލްސް ބުނީ އެ ޓީމު ކުޅުންތެރިންގެ އަމާޒަކީ މޮޅަކާ އެކީ ގްރޫޕް ސްޓޭޖު ނިންމާލުން ކަމަށެވެ.
ގްރޫޕް ސީގެ އެއް ވަނައިގައި ޖަރުމަނު މި ވަގުތު އޮތީ ދެ ވަނައިގައި އޮތް ޕޮލެންޑާ އެއްވަރަށް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ޖަރުމަނަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި އޮތީ ނޮދަން އަޔަލެންޑެވެ. އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ޔޫކްރޭނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ނޮދަން އަޔަލެންޑުގެ ކޯޗު މާޓިން އޮނީލް ބުނީ ޖަރުމަނު ބަލިކުރެވޭނެ ނޮދަން އަޔަލެންޑުގެ އެބަހުރި ކަމަށާއި ބޭނުމީ ގްރޫޕް އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދުމަށް ކަމަށެވެ.
"ޖަރުމަނަކީ ދުނިޔޭގެ ޗެމްޕިއަން. އެ ޓީމު ބަލިކުރެވޭނީ ހާއްސަ ރޭވުންތަކަކާ އެކު ވަރަށް ސަމާލުވެގެން ކުޅެގެން. އަހަރެމެން ބޭނުމީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން. ޖަރުމަނު ބަލިކޮށްގެން ފަސޭހަކަމާ އެކު ޓާގެޓަށް ވާސިލްވެވެން އެބައޮތް،" އޮނީލް ބުންޏެވެ.
ނޮދަން އަޔަލެންޑާ ދެކޮޅަށް ޖަރުމަނުގެ ރެކޯޑް ރަނގަޅެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން އަށް މެޗުން ޖަރުމަނު މޮޅުވިއިރު، ނޮދަން އަޔަލެންޑު މޮޅުވީ ދެ މެޗުންނެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ޖަރުމަނު މޮޅުވިއިރު އެ ޓީމު ވަނީ 14 ލަނޑު ޖަަހައިފަ އެވެ. އެ މެޗުތަކުން އަޔަލެންޑަށް ޖެހުނީ އެންމެ ދެ ލަނޑެވެ.
ޖަރުމަނާއި ނޮދަން އަޔަލެންޑު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.