03 ޖޫން 2017 - 23:46

މާލޭގެ ފުރަތަމަ އަންހެން މޭޔަރުގެ ގޮތުގައި ކުރީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މިރޭ މޭޔަރު ކަމަށް އިންތިޚާބުކޮށްފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޝިފާ މާލޭގެ މޭޔަރު ކަމަށް އިންތިޚާބުކުރީ މާލޭ ސިޓީ ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުމަށް ފަހު، ބޭއްވި ޖަލްސާގައި އެ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ ވޯޓުންނެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބުކުރީ ނިމި ދިޔަ ދައުރުގައި އެ ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި ޝަމާއު ޝަރީފެވެ. އޭނާ އިންތިޚާބުވީ 12 މެމްބަރުންގެ ވޯޓުންނެވެ.
އެ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ކައުންސިލަރުން ހުވާ ކުރުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ކައުންސިލަރުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އެ ރަސްމިއްޔާތަށް ދައުލަތުގެ އިސްވެރިންނަށް ދައުވަތު ދީފައި ވިޔަސް ސިވިލް ސާވިސް ކޮމިޝަން ރައީސް ޑރ. އަލީ ޝަމީމް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާއެއްގެ އިސް ބޭފުޅަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
އެކަމަކު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އެ ހަފުލާގައި ބައިވެރިވެ ވަޑައިގަތެވެ. މާލޭ ސިޓީ ކައުންސިލަށް ސަރުކާރު ކޯލިޝަނަށް ކާމިޔާބުވި ހަމައެކަނި ގޮނޑި ކާމިޔާބުކުރީ ޑީއާރުޕީގެ ކެންޑިޑޭޓެކެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ދާއިރާތަކުގެ އަޣުލަބިއްޔަތު ނެގީ އެމްޑީޕީންނެވެ. އަލަށް ހޮވުނު ހުރިހާ ކައުންސިލަރުން ހުވާ ކުރުން އެކި ރަށްރަށުގައި މިއަދާއި މިރޭ ކުރިއަށް ގެންދިޔަ އެވެ.