03 ޖޫން 2017 - 19:01

މެލްބަން (ޖޫން 3) - އޮސްޓްރޭލިއާގެ މެލްބަން އިން ފުރައިގެން ކުއާލަ ލަމްޕޫރަށް ދަތުރު ކުރި މެލޭޝިއާ އެއާލައިންސްގެ ބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކާ ކޮކްޕިޓަށް ވަންނަން މަސައްކަތް ކުރި ސްރީ ލަންކާ މީހާ ކޯޓަށް ހާޒިރުވާން އުރުވެރިވާ ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.
ފްލައިޓް އެމްއެޗް128 ފުރިތާ ބައިގަޑިއިރު ތެރޭ އަނބުރާ މެލްބަން އަށް ޖައްސަން ޖެހުނު ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ލަންކާ މީހާ މަނޮދު މާކްސް ހިންގަން އުޅުނީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ. އަދި އޭނާގެ އަތުގައި ގޮވާ އެއްޗެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
މާކްސް އޮސްޓްރޭލިއާގައި ދިރިއުޅެނީ ކިޔަވާ ކުދިންގެ ވިސާގަ އެވެ. އޭނާ އަށް ވަނީ މަތިންދާ ބޯޓުގައި ބިރުވެރިކަން އުފައްދަން އުޅުނު ކަމަށް ބަލައިފަ އެވެ. ނަމަވެސް އޭނާގެ ސިކުނޑީގެ މައްސަލައެއްގެ ސަބަބުން ކޯޓަށް ހާޒިރުވާން ދަތިކަމަށް ވަނީ އަންގައިފަ އެވެ.
އަނެއްކޮޅުން ބޯޓު މެލްބަން އެއާޕޯޓުގައި ޖެއްސުމަށް ފަހު ފުލުހުން ބޯޓަށް އެރިލެއް ލަސްވުމުގެ ސަބަބުން ވެސް ވަނީ ފާޑުކިޔުން އިތުރުވެފަ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފުލުހުން ބޯޓަށް އެރީ ޖެއްސިތާ 90 މިނިޓް ފަހުންނެވެ. ވިކްޓޯރިއާ ޕޮލިސް ކޮމިޝަނާ ވިދާޅުވީ ފުރަތަމަ އަމަލު ކުރީ އެއީ ޓެރަރިޒަމުގެ ހާދިސާއެއް ކަމަށް ބަލައިގެން ކަމަށެވެ.
މެލޭޝިއާ އެއާލައިންސް އިން ބުނީ އެއާބަސް އޭ330 ބޯޓުގައި 337 ޕަސިންޖަރުން ދަތުރު ކުރި ކަމަށެވެ.