ވަންޕްލަސް 2 އަށް އަޕްޑޭޓް ހުއްޓާލައިފި
ވަންޕްލަސް 2 އަށް އަޕްޑޭޓް ހުއްޓާލައިފި

ވަންޕްލަސް 2 އަށް ދޭން ވައުދުވި އަޕްޑޭޓް ދެވެން ނެތް ކަމަށް ވަންޕްލަސް އިން ބުނެފި އެވެ. މާނަ އަކީ ވަންޕްލަސް 2 އަށް، އެންޑްރޮއިޑް 7.0، ނޫގެޓް ނުލިބޭނެ ކަމެވެ.

ވަންޕްލަސް 3 އަދި "ވަންޕްލަސް 3ޓީ" އަށް އަޕްޑޭޓް ފޮނުވާއިރު، ވަންޕްލަސް 2 އަދި "ވަންޕްލަސް އެކްސް" އަށް އަޕްޑޭޓެއް ނުލިބި ދުވަސްވާތީ ކަސްޓަމަރުން ކުރި ޝަކުވާ އަށް ވަންޕްލަސް އިން އެއްވެސް ޖަވާބެއް ނުދެ އެވެ. ސަޕޯޓަރުން ގަބުލުކޮށްގެން ތިބީ، އެ ކުންފުނިން އެންމެ ފަހުން ނެރުނު ފޯނުތަކަށް އަޕްޑޭޓްތައް ތައްޔާރުކުރާތީ މުވައްޒަފުން ބުރަ މަސައްކަތުގައި އުޅެނީ ކަމަށެވެ.

ވަންޕްލަސް 2 ބޭނުންކުރާ މީހުން ކުރި ޝަކުވާތަކަށް ދެ މަސް ދުވަސް ފާއިތުވެ ގޮސްފައި ވާއިރު، ބަޔަކު އެއްޗެކޭ ކިޔާހެން ވެސް އެ ކުންފުންޏަށް ހީނުވެ އެވެ. އެކަމަކު މިހާރު އެ ކަމާ ގުޅޭ ގޮތުން ބަޔާނެއް ވަނީ ނެރެފަ އެވެ.

ވަންޕްލަސް އިން ބުނީ މެނޭޖްމަންޓަށް އިޝާރާތެއް ކުރީތީ އުފާވާ ކަމަށެވެ. މީހުންގެ ޝަކުވާ ވަރަށް މުހިންމު ކަމަށާއި އެ އަޑު އަހަން ބޭނުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވަންޕްލަސް 2 އަށް އަޕްޑޭޓް ދިނުމަކީ ކުރަން ބޭނުން ކަމެއް ނަމަވެސް އެކަން ހުއްޓާލާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ބައެއް ކަހަލަ ހާލަތްތަކުގައި، ބައެއް ޑިވައިސްތަކަށް، އޭގެ ތެރޭގައި ވަންޕްލަސް 2 ވެސް ހިމެނޭ ގޮތަށް ވޮރަންޓީ އަދި ސަޕޯޓް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ވަންޕްލަސް 2 މާކެޓަށް ނެރުނުއިރު އިނީ އެންޑްރޮއިޑް 5.1، ލޮލީޕޮޕް އެވެ. އެ އަށް ފަހު ލިބުނު އަޕްޑޭޓްގައި އެންޑްރޮއިޑް 6.1، މާޝްމެލޯ އަށް ބަދަލުވި އެވެ. އެހެން ނަމަވެސް ކަންތައްތައް ބަދަލުވަމުން ދިޔަ ގޮތުން، އެ ފޯނަށް އެންޑްރޮއިޑް 7.0، ނޫގެޓް ލިބެން ހުރި ރަސްމީ މަގުތައް އެ ވަނީ ބަންދުވެފަ އެވެ.

ވަންޕްލަސް އެކްސް ތައާރުފުކުރީ އެންޑްރޮއިޑް 5.1.1، ލޮލީޕޮޕް އާ އެކު އެވެ. އަދި އެ ފޯނަށް އެންޑްރޮއިޑް 6.1، މާޝްމެލޯ އަޕްޑޭޓް ލިބުނެވެ.

ވަންޕްލަސް އެކްސް އަށް އެންޑްރޮއިޑް 7.0، ނޫގެޓް ލިބޭނެ ކަމެއް އަދި ނޭނގެ އެވެ. އެ ކަމާ ގުޅޭ ގޮތުން ވަންޕްލަސް އިން އަދި އެއްޗެއް ނުބުނެ އެވެ. އަޕްޑޭޓެއް ލިބުން ވެސް އެކަށީގެންވެ އެވެ. އެކަމަކު ހިތަށް ތަދުނުވާނެ ގޮތަކަށް ވިސްނައިގެން ތިބުން ބުއްދިވެރި އެވެ.