03 ޖޫން 2017 - 20:01

ޓޫރިޒަމް އިންޑަސްޓްރީގައި ތިމާވެއްޓަށް ބަލައިގެން ދެމެހެއްޓެނިވި ގޮތަކަށް ހިންގާ ތަންތަނަށް ދޭ ބައިނަލްއަގުވާމީ ގްރީން ގްލޯބް ސެޓްފިކެޓް ޖުމޭރާ ވިއްޓަވެލި އަށް ވިދިވިދިގެން ތިން ވަނަ އަހަރު ލިބިއްޖެ އެވެ. ގްރީން ގްލޯބް ސެޓްފިކެޓް ދެނީ ޔުނައިޓަޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އާ ގުޅިގެނެވެ.
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަމިތް މަޖުމްޑާ ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ތިން ވަނަ އަހަރު ގްރީން ގްލޯބް ސެޓްފިކެޓް ލިބުމުން ޖުމޭރާ ވިއްޓަވެލިން ތިމާވައްޓަށް ލިބޭ ގެއްލުން ކުޑަ ކުރަން ކުރާ އެކި މަސައްކަތްތަކަށް އާ ހިތްވަރެއް ލިބިއްޖެ ކަމަށެވެ. އަދި 2011 ވަނަ އަހަރު ރިޒޯޓް ހުޅުވިފަހުން ދެމެހެއްޓެނިވި ޓޫރިޒަމަށް އެ ރިސޯޓުން ސީއެސްއާރް އެކި މަޝްރޫތައް ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރިސޯޓުން ވަނީ އެކި ރަށްރަށާއި ފަރުތައް ސާފު ކުރުމުގެ މަޝްރޫތައް ހިންގައިފަ އެވެ.
ޖުމޭރާ އިން ބުނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރަން އެ ރިސޯޓުން ކުރާ އެންމެ މުހިއްމު އެއް ކަމަކީ ޕްލާސްޓިކް ބޭނުންނުކުރާ ރިސޯޓަކަށް ހެދުން ކަމަށެވެ. އެގޮތުން ޖުމޭރާގެ 'ފެހި ޓީމް' ގެ މަސައްކަތުން 2013 ވަނަ އަހަރު ފެން ބަންދުކުރާ ޕްލާންޓެއް ރިޒޯޓުގައި ހުޅުވައިފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.
"ޓޫރިސްޓުންނާއި މުވައްޒަފުންނަށް ސީދާ ރިޒޯޓުން ފެން ފުޅި ފޯރުކޮށްދޭން ފެށުމުން އަހަރަކު 70،000 ޕްލާސްޓިކް ފެންފުޅި އުކާނުލާ އަލުން ބޭނުން ކުރެވޭ. ފެން ފުޅި ބޭނުންކުރާ މިންވަރު މަދު ކުރަން މި ރިޒޯޓުގައި ފެން ޑިސްޕެންސާ އިތުރު ކުރަން މިހާރު ފަށާފައި. އަދި އެއް ފަހަރު ބޭނުންކޮށް އެއްލާލާ ފުޅީގެ ބަދަލުގައި ރިޔޫސަބަލް ފުޅި ދަނީ ބަހަމުން،" ޖުމޭރާ އިން ބުންޏެވެ.
ޖުމޭރާ ވިއްޓަވެލިން ދަނީ ތިމާވެއްޓަށް ހާއްސަކޮށްގެން ކުރާ އެހެން ކަންކަން ވެސް ފުޅާ ކުރަމުންނެވެ. އެގޮތުން އެ ރިސޯޓުގެ ފަރުގެ ދުޅަހެޔޮކަން އިތުރު ކުރަން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މުރަކަ އާލާ ކުރަން އެ ރަށުގެ ފަޅުތެރޭގައި ވަނީ ކޮރަލް ފްރޭމް ހަރުކޮށްފަ އެވެ. އަދި އެ ރިސޯޓުގެ މެރިން ބަޔަލޮޖިސްޓުން ދަނީ ފަރަށް އަންނަ ބަދަލުތައް ވަރަށް ކައިރިން ބަލައި ފެނުގެ ހޫނުމިން މައްޗަށް ދިއުމަށް މެދުވެރިވާ ގުދުރަތީ ބަދަލެއްކަމަށްވާ އެލް ނީނޯ ގެ އަސަރު ކުޑަ ކުރަން އަބަދުވެސް މަސައްކަތްތައް ކުރަމުންނެވެ. މުރަކަ އާލާކުރުމުގެ އިތުރުން ކަނޑާއި ކަނޑުގެ މާހައުލާ ބެހޭ ތައުލީމު ކުޑަކުދިންނަށާ ފަތުރުވެރިންނަށް ދޭން ޖުމޭރާ ވިއްޓަވެލިން އިސްކަންދެ އެވެ.
ރިޒޯޓުން އަލަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޒަހަމްވެފައި އޮތްވައި ފެންނަ ވެލާ ކަހަނބު ސަލާމަތްކޮށް ފަރުވާ ދޭ ހޯލްޑިންގް ސްޓޭޝަނެއް އެ ރިޒޯޓުގައި ގާއިމް ކުރުމަށްކުރާ މަސައްކަތެވެ. ޔޫއެންޑީޕީ އާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫގެ އުންމީދަކީ ހޯލްޑިންގް ސްޓޭޝަންގެ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަ ކުރަމުން ގޮސް އެތަން ރެސްކިއޫ ސެންޓަރަކަށް ބަދަލުކުރުމެވެ. އަދި ޖަނަވާރަށް ސިއްހީ ފަރުވާ ދޭ ވެޓެރިނޭރިއަން ކްލިނިކެއް ވެސް އެތާނގައި ހުޅުވަން ވަނީ ނިންމައިފަ އެވެ.