ސަލްމާނާއި ކެޓުރީނާގެ ގުޅުން ކުރިޔަށް ވުރެ ބަދަހިވެފައި
ސަލްމާނާއި ކެޓުރީނާގެ ގުޅުން ކުރިޔަށް ވުރެ ބަދަހިވެފައި

ސަލްމާން ޚާނާއި ކެޓުރީނާ ކައިފް އަކީ ކުރިން ރައްޓެހިވެގެން އުޅުނު ދެ މީހުން ނަމަވެސް އެމީހުންގެ އުޅުމާއި ހަރަކާތަކުން އެކަމެއް ނުފެނެ އެވެ. އެ ދެ މީހުން އެކުގައި ކުޅޭ "ޓައިގާ ޒިންދާ ހޭ" ރިލީޒްވާން އަދި ވަރަށް ގިނަ ދުވަސް އޮތް ނަމަވެސް އެމީހުން އެކުގައި ދާދިފަހުން އާއްމުންނާ ބައްދަލުކޮށްފައިވެ އެވެ. އެއީ ބުރާސްފަތި ދުވަހު ހަވީރު އޮތް އައިފާ އެވޯޑް ޕްރެސް މީޓިންގަ އެވެ.

ސަލްމާނާއި ކެޓުރީނާގެ ގުޅުން ކުރިޔަށް ވުރެ ބަދަހިވެފައި
ސަލްމާނާއި ކެޓުރީނާގެ ގުޅުން ކުރިޔަށް ވުރެ ބަދަހިވެފައި

ތިން ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ސަލްމާނާއި ކެޓުރީނާގެ މެދުގައި އޮތް ގާތް ގުޅުން އެތަނަށް ހާޒިރުވެ ތިބި މީހުންނަށް ވަނީ ހާމަވެފަ އެވެ. ސަލްމާން ވަރަށް މަޖާ މިޒާޖެއްގައި އިނދެ ކެޓުރީނާއާ ދިމާކުރި އެވެ. އަދި ބައެއް ފަހަރަށް ކެޓުރީނާ ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭނގޭ ވަރު ކޮށްލި އެވެ.

އެންމެ ފަހުން ޕްރެސް ކޮންފްރެންސް ނިމުމާ ކައިރިވެފައި ވަނިކޮށް، ސަލްމާން ދިމާކުރާތީ އުނދަގޫވޭތޯ ނޫސްވެރިއަކު ކެޓުރީނާއާ ސުވާލު ކުރި އެވެ. އޭނާ ބުނީ އުނދަގޫނުވާ ކަމަށާއި އެކަމުން ފޫހިފިލާ ކަމަށެވެ.

"ސަލްމާނެކޭ ކުރިއަށްދާ ޓީވީ ޝޯއެކޭ އެއްގޮތް. އެހެންވެ ހެވިފައި އިނދެގެން އެ ޝޯ ބެލުން ފަދަ ކަމެއް އޭނާއާ ވާހަކަ ދެއްކުމަކީ،" ކެޓުރީނާ ބުންޏެވެ.

ސަލްމާން ކުރާ ކަންތަކުން ލަދުގަންނަ ހާލަތު ދިމާވޭތޯ އެހުމުން ކެޓުރީނާ ބުނީ އެފަދަ ހާލަތެއް ދިމާނުވާ ކަމަށެވެ.

މި ޕްރެސް ކޮންފަރެންސްގައި ސަލްމާނާއި ކެޓުރީނާއާ އެކު އާލިއާ ބަޓް ވެސް ބައިވެރިވި އެވެ. މިއީ އައިފާ އެވޯޑުގައި އާލިއާ ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ އައިފާ ވީކެންޑް އޮންނާނީ ޖުލައި 13-15 އަށް އެމެރިކާގެ ނިއު ޔޯކްގަ އެވެ. އެވޯޑުދިނުމުގެ ރަސްމިއްޔާތު އޮންނާނީ 15 ގައެވެ.

ކެޓުރީނާ އާއި އާލިއާ އަކީ ވަރަށް ގާތް ދެ އެކުވެރިން ކަމަށްވާތީ، އެވޯޑު ރަސްމިއްޔާތަށް ފަހު އެމީހުން ދާނީ ކޮން ތަނަކަށްތޯ ނޫސްވެރިއަކު އާލިއާ ސުވާލުކުރުމުން ކެޓުރީނާ ގެންދިޔަ ކޮންމެ ތަނަކަށް ވެސް ދާނެ ކަމަށް ބުންޏެވެ. ސަލްމާން އެ ވާހަކަ މެދުކަނޑާލާފައި ބުނީ ކެޓުރީނާ ދާނީ އޭނާ ގެންދިޔަ ތަނަކަށް ކަމަށެވެ. އެވަގުތު އެތަނުގައި ތިބި އިންޑިޔާގެ އަދި އިންޓަނޭޝަނަލް މީޑިއާގެ މީހުން އަތްތިލަބަޑިޖަހަން ފެށި އެވެ.

ސަލްމާނާ އެކު ފިލްމެއް ކުޅޭނީ ކޮން އިރަކުންތޯ މި ޕްރެސް ކޮންފަރެންސްގައި އާލިއާއާ ނޫސްވެރިއަކު ސުވާލުކުރި އެވެ. މައިކު އަތުލާފައި މި ސުވާލުގެ ޖަވާބު ދިނީ ކެޓުރީނާ އެވެ. އޭނާ ބުނީ އާލިއާ ވަރުން ދަވަން އަށް ދީފައި ސަލްމާން އޭނާއަށް ދިނުމަށެވެ. މިއީ ސަލްމާންއާ ދޭތެރޭ އާއްމު ތަނެއްގައި ކެޓުރީނާ މީގެ ކުރިން ކަން ކޮށްފައިވާ ގޮތް ނޫންކަން ނޫސްވެރިން ފާހަގަކުރި އެވެ.

މީގެ ކުރިން ސަލްމާނާއެކު އެއް ސްޓޭޖަކަށް އެރި ނަމަވެސް ކެޓުރީނާ އިންނަނީ ވަރަށް ދުރުގައި އަނގައިން ވެސް ނުބުނެކަން ނޫސްވެރިން ފާހަގަ ކުރި އެވެ. ނަމަވެސް މިފަހަރު އޭނާ ފެނުނީ ވަރަށް ހުޅުވިފައިވާ ހިތަކާ އެކު މީޑިއާ ކުރިމަތީގައި ސަލްމާނާ ސަމާސާކޮށް އޭނާ ދައްކާ ވާހަކަތަކަށް މަޖާ ކުރަނިކޮށެވެ.

ޔާޝްރާޖް ފިލްމްސް އިން އުފައްދާ، ސަލްމާނާއި ކެޓުރީނާ މިހާރު ކުޅެމުންދާ "ޓައިގާ ޒިންދާ ހޭ" އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.