ރޯދަ މަހު ސައޫދީގައި ކޮންމެ ދުވަހަކު ފަސް މިލިއަން ރުފިޔާގެ ކާނާ އިސްރާފުވޭ
ރޯދަ މަހު ސައޫދީގައި ކޮންމެ ދުވަހަކު ފަސް މިލިއަން ރުފިޔާގެ ކާނާ އިސްރާފުވޭ

ސައޫދީ އަރަބިއްޔާގައި ރޯދަ މަހު ކޮންމެ ދުވަހަކު، ތައްޔާރުކުރާ ކާނާގެ 30 ޕަސެންޓް ނުވަތަ 1.2 މިލިއަން ރިޔާޟްގެ ކާނާ އިސްރާފުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކިންގް ސައުދު ޔުނިވަސިޓީގެ ކޮލެޖް އޮފް ފުޑް އެންޑް އެގްރިކަލްޗަރަލް ސައިންސަސް އިން ކުރި ދިރާސާގައި ބުނެފައި ވަނީ ސައޫދީ އަރަބިއްޔާގައި ރޯދަ މަހު ކޮންމެ ދުވަހަކު ހަތަރު މިލިއަން ޑިޝް ތައްޔާރުކުރާ ކަމަށާއި އޭގެ ތެރެއިން 30 ޕަސެންޓް އުކާލަންޖެހޭ ކަމަށެވެ. އިސްރާފުވާ މިންވަރު ފައިސާގެ އަދަދުން ބަލާ ނަމަ 1.2 މިލިއަން ރިޔާޟް (320،000 ޑޮލަރު، 4،934،400 ރުފިޔާ) އަށް އަރާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ދިރާސާއިން ދެއްކި ގޮތުގައި ރޯދަ މަހު ކޮންމެ ދުވަހަކު 4500 ޓަނުގެ ކާބޯތަކެތި އުކާލަންޖެހެ އެވެ. މިހާ ގިނަ އަދަދަަކަށް އިސްރާފުވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮޑެތި ޖާފަތްތަކާއި ބުފޭތަކަށް ކާނާ ތައްޔާރު ކުރުމެވެ.

ދިރާސާކުރި ކޮލެޖްގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އެންޑް ރޫރަލް ސޯޝަލޮޖީގެ ޕްރޮފެސަރު ޚުދްރާން ޒަހްރާނީ ވިދާޅުވެފައި ވަނީ 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި އިސްރާފުވެގެން ދާއިރު އޭގެ ތެރެއިން 40 ޕަސެންޓަކީ ފިހާރަތަކާއި އާންމުންނާ ހިސާބުން އިސްރާފުވާ ތަކެތި ކަމަށެވެ. މިކަން ހިނގަމުން ދާއިރު ކޮންމެ ދުވަހަކު މުޅި ދުނިޔޭގެ އެއް ބިލިއަން މީހުން ނިދަނީ ކާނެ އެއްޗެއް ނެތި ހައިހޫނު ކަމުގައިކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ޕްރޮފެސަރު ވިދާޅުވެފައި ވަނީ ކާބޯތަކެތި އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ކާނާ ތައްޔާރުކުރާ މީހުން ވެސް އިސްރާފުކުރުމުގައި ޝާމިލްވާ ކަމަށާއި މިހާ ގިނައިން އިސްރާފު ވަނީ ޕްލޭނެއް ނެތުމުންނާއި ހޭލުންތެރިކަން ވެސް ކުޑަވުމުން ކަމަށެވެ. ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމަށް ސައޫދީ އަރަބިއްޔާގައި ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަށް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ.

ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ ތާޒާކޮށް ހުންނަ ތަކެތި ނޫނީ ކާން ބޭނުން ނުވާ މީހުން ސައޫދީގައި ވަރަށް ގިނަ ކަމަށެވެ. ބާކީވާ ތަކެތި ވެސް ބޭނުންކުރުމުގެ އާދަ ސައޫދީގައި އަށަގަންނުވަންޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. -- އަރަބް ނިއުސް