03 ޖޫން 2017 - 16:10

ޔުނައިޓެޑް ނޭޝަންސް (ޖޫން 3) - ނޯތު ކޮރެއާ އިން ތަކުރާރުކޮށް މި އަހަރު މިސައިލް ޓެސްޓް ކުރުމާ ގުޅިގެން އެ ގައުމުގެ ވަކި ބަޔަކާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ނޯތު ކޮރެއާގެ ހަތަރު އޮގަނައިޒޭޝަނަކާއި 14 މީހެއްގެ މުދާ ހިފެހެއްޓުމާއި އެ މީހުން ދަތުރު ކުރުން މަނާކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި ގައުމުން ބޭރުގައި ނޯތު ކޮރެއާ އިން ހިންގާ ޖާސޫސީ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ވެސް ހިމެނެ އެވެ. ބްލެކް ލިސްޓް ކުރި އެހެން މީހުންގެ ތެރޭގައި ނޯތު ކޮރެއާގެ ވޯކާސް ޕާޓީގެ ސީނިއާ މެންބަރުންނާއި އެ ގައުމުގެ އަސްކަރީ ޕްރޮގްރާމްތަކަށް ފަންޑު ކުރާ ކުންފުނިތަކުގެ ވެރިން ހިމެނެ އެވެ.
ނޯތު ކޮރެއާ އިން މިސައިލް ޓެސްޓް ކުރަމުން ދަނީ އދ.ގެ ގަރާރުތަކާ ޚިލާފަށެވެ. ނޯތު ކޮރެއާ އިން ބުނަމުން ދަނީ އެ ގައުމުން މިސައިލް ޓެސްޓް ކުރަނީ އެމެރިކާ އިން ކުރިމަތިކޮށްފާނެ ބިރަކުން ދިފާއުވުމަށް ތައްޔާރަށް ތިބުމުގެ ގޮތުން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޯތު ކޮރެއާގެ މިސައިލް ޓެސްޓުގެ މައްސަލާގައި އެމެރިކާގެ ކެތްތެރިކަން މިހާރު ކޮޅުންލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރެއާ ޕެނިންސުލާ އަށް ވަނީ އެމެރިކާ އިން މަނަވަރުތައް ފޮނުވައިފަ އެވެ.
ނޯތު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ސަލާމަތީ މަޖިލީހުން އެ ގައުމާ ދެކޮޅަށް އެންމެ ފުރަތަމަ ދަތިކުރުމުގެ ފިޔަވަޅު އެޅީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކުރަން ފަށައިފަ އެވެ.