ދަރިފުޅު ހަރްޝްވަރްދަންދާ އެކު އަނިލް ކަޕޫރުގެ ފިލްމެއް
ދަރިފުޅު ހަރްޝްވަރްދަންދާ އެކު އަނިލް ކަޕޫރުގެ ފިލްމެއް

އަނިލް ކަޕޫރާއި ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ފިލްމެއްގައި ބައްޕަ އަކާއި ދަރިއެއްގެ ރޯލު ކުޅެން ހަމަޖެހިއްޖެ އެވެ. އެ މީހުން އެކުގައި ކުޅެން ހަމަޖެހިފައި ވަނީ އިންޑިއާގެ ޕްރޮފެޝަނަލް ޝޫޓަ އަބިނެވް ބިންދްރާގެ ބައޮޕިކް އެވެ.

މިހާރު އަނިލް އާއި އޭނާގެ ދަރިފުޅު މި ފިލްމު ކުޅެން ސޮއިކޮށްފި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. ހަރްޝްވަރްދަން މި ފިލްމުގައި ކުޅެނީ އޮލިމްޕިކް ހޯދާފައިވާ ޝޫޓާގެ ރޯލެވެ.

މި ފިލްމާ ބެހޭ ގޮތުން އަނިލް ކަޕޫރާ ސުވާލު ކުރި ނޫސްވެރިން ގާތު އޭނާ ބުނީ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ. އަދި ހުރިހާ ކަމެއް ފައިނަލް ނުވާ ކަމަށާއި ފައިނަލް ވީމަ ވާހަކަ ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

އަނިލް ބުނި ގޮތުގައި ހުރިހާ ކަމެއް މިހާރު ދާ ގޮތަށް ކުރިޔަށް ދާ ނަމަ މިއީ ބައްޕަ އާއި ދަރިފުޅު އެކުގައި ފެންނާނެ ފިލްމަށް ވުން ވަރަށް އެކަށީގެންވާ ކަމަށެވެ.

"ދަރިފުޅާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމުން މިހިރީ ވަރަށް އުފަލުން. ނަމަވެސް އަދި ފިލްމާ ބެހޭ ވާހަކަތައް ދައްކަން މާ އަވަސް،" އަނިލް ބުންޏެވެ.

މި ބައޮޕިކްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހު އެވެ. އަދި ފިލްމުގައި ބޮޑަށް ފޯކަސް ކުރާނީ އަބިނެވް އާއި އޭނާގެ ބައްޕައާ ދެމެދު އޮތް ގުޅުމަށް ކަމަށްވެ އެވެ.

އަނިލް އާއި ފިރިހެން ދަރިފުޅުގެ ފިލްމެއްގެ ކުރިން އޭނާ އާއި ބޮޑުބޭބެ ދަރިފުޅު އަރްޖުން ކަޕޫރުގެ ފިލްމެއް ރިލިޒްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. "މުބާރަކަން" ނަމަކަށް ކިޔާ މި ފިލްމަކީ ކޮމެޑީއެކެވެ.

އަނިލް ބުނި ގޮތުގައި އެމީހުން "މުބާރަކަން" ކުޅޭތީ އެންމެ އުފާވާނީ އޭނާގެ މަންމަ އެވެ. ދަރިފުޅަކާއި މާމަ ދަރިފުޅެއް އެއް ފިލްމަކުން ފެނުމުން ޚާއްސަ އުފަލެއް އޭނާގެ މަންމައަށް ލިބޭނެކަމަށް އަނިލް އުންމީދު ކުރެ އެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ "މުބާރަކަން" ރިލިޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.