04 ޖޫން 2017 - 07:55

އިންޑިއާގެ ބެންގަލޫރުގެ ޝިވަމޮއްގާގައި ހުންނަ މެކްގެން ސިމްސް ގަވަންމަންޓް ހޮސްޕިޓަލަށް ދިޔަ ދުވަސްވީ އަންހެނަކަށް، އޭނާގެ ބަލި ފިރިމީހާ ބައިންދާނެ ފުރޮޅުލީ ގޮނޑިއެއް ނުލިބުމުން، ފިރިމީހާ ބިންމަތީގައި ދަމާފައި ގެންގޮސްފި އެވެ. މި މަންޒަރު ފެންނަ ވީޑިއޯ އާންމުވުމާ އެކު ހޮސްޕިޓަލުގެ ތިން ނަރުހަކާއި އިތުރު މީހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާ ވީޑިއޯކޮށްފައި ވަނީ އެ ހޮސްޕިޓަލުގައި އެވަގުތު ހުރި މީހެކެވެ. އަންހެން މީހާ ހޮސްޕިޓަލުގެ ކޮރިޑޯތަކުން ފިރިމީހާގެ ދެ ފައިގައި ހިފާފައި ދަމާފައި ގެންދާ މަންޒަރު މި ވީޑިއޯ އިން ފެނެ އެވެ. ފާމިދާ ނަމަކަށް ކިޔާ މި އަންހެންމީހާ ބުނީ އެގޮތަށް ކަންތައް ކުރަން މަޖްބޫރުވީ މެޑިކަލް ޓެސްޓްތަކެއް ހަދަން، 75 އަހަރުގެ އަމީރް ސާބް ގެންދާނެ ފުރޮޅިލީ ގޮނޑިއެއް ނުލިބުމުން ކަމަށެވެ.
ޝިވަމޮއްގާގެ ކޮންގްރެސް އެމްއެލްއޭ ކޭބީ ޕްރަސަންނާ ކުމާރު ޓައިމްސް އޮފް އިންޑިޔާއަށް ވިދާޅުވީ މިފަދަ ހާދިސާތައް ހިނގައިގެން ނުވާނެ ކަމަށާއި އެކަމާ ޒިންމާވާން ޖެހޭ އެންމެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ތިން ނަރުހުންނާއި އިތުރު މީހެއް ސަސްޕެންޑް ކޮށްފައިވާއިރު އެ ހަތަރު މީހުންނަކީ ވެސް އެޖެންސީއަކުން ވަގުތީގޮތުން ގެނެސްފައި ތިބި މީހުންކަން އޭނާ ފާހަގަކުރެއްވި އެވެ.
އުމުރުން ދުވަސްވުމުން ޖެހޭ އެކި ބަލިތަކާއި ފުއްޕާމޭގައި އިންފެކްޝަނެއް ހުރެގެން އަމީރް ސާބް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ޑޮކްޓަރުން އޭނާއަށް ފަރުވާ ދޭންވީ ގޮތް ދެނެގަތުމަށްޓަކައި އަލްޓްރާސައުންޑް ޓެސްޓެއް ހަދަން ލިޔެދިނެވެ. ނަމަވެސް ޓެސްޓްހަދަން، ބިންމަތީގައި ދަމާފައި ގެންދަން ޖެހުމުން ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ވަނީ ހައިރާންވެފަ އެވެ. އަދި މިކަމާ ގުޅިގެން ސަރުކާރާއި ހެލްތު މިނިސްޓަރު ވެސް ވަނީ މި ދެމަފިރިންގެ ކިބައިން މައާފަށް އެދިފަ އެވެ.
ހޮސްޕިޓަލުން ޓައިމްސް އޮފް އިންޑިޔާ އަށް ކިޔައިދިން ގޮތުގައި ފިރިމީހާ ބާއްވާފައި އޮތް ވޯޑުން ތިން ވަނަ ބުރީގައި ހުރި އަލްޓްރާސައުންޑް ހަދާ ތަނަށް ގެންދަން ފުރޮޅުލީ ގޮނޑިއެއް ނުވަތަ ސްޓްރެޗާއެއް ހަމަޖައްސައިދިނުމަށް އެދި އެ ވޯޑުގައި ތިބި މުވައްޒަފުން ގާތު ފާމިދާ ދެ ދުވަސް ވަންދެން އާދޭސް ކުރި އެވެ. ނަމަވެސް އޭނާ ދައްކާ ވާހަކަ އަޑު އިވޭ ކަމަކަށް އެކަކު ވެސް ނުހެދި އެވެ.
އެހެންވެ ފާމިދާ އޭނާގެ ފިރިމީހާ އަށް ހިތްވަރުދީގެން ހިނގާފައި އެ ހިސާބަށް ގެންދެވޭތޯ އުޅުނީ އެވެ. ނަމަވެސް ބަލި ހާލު ހުރި ގޮތުން ހިނގާފައެއް ނުދެވުނެވެ.
"ހަދާނެ ގޮތް ހުސްވެގެން އަހަރެން ފިރިމީހާ ގާތު ބުނިން ތަޅުންގަނޑު މަތީ އޮށޯންނާށޭ. ދެ ފައިގައި ހިފާ ދަމާފައި އަހަރެން ގެންދާނަމޭ. އަހަރެން މިގޮތަށް ފިރިމީހާ ގެންދަން ފެށުމުން އެ މަންޒަރު ފެނުނު ބައެއް މީހުން އަޑުގަދަކޮށް ހަމަނުޖެހުން ހިންގަން ފެށުމުން ހޮސްޕިޓަލުން އައިސް އެހީތެރިކަން ފޯރުކޮށްދިނީ،" ފާމިދާ ބުންޏެވެ.