27 ޖޫން 2016 - 08:10

މަޝްހޫރު ބުޓީކް ކްލޯޒެޓްގެ ފަހަތުގައިވާ ހީވާގި އަދި ހުނަރުވެރި ފަންނުވެރިޔަކީ ފާތިމަތު ނާއިޝާ އެވެ. ބްރައިޑަލް ގައުން އަދި ކޮންމެ މުނާސަބަތަކަށް ވެސް ހެދުން ފަރުމާކުރަން އެހާމެ ހުނަރުވެރި ޑިޒައިނަރެކެވެ. އިންޑިއާގެ ވިގަން އެންޑް ލެއި ކޮލެޖުން ފެޝަން ޑިޒައިން ޑިގްރީއެއް ހެދުމަށްފަހު 2008ގައި އޭނާގެ އަމިއްލަ ޑިޒައިނާ ލޭބަލް ރާއްޖޭގައި ލޯންޗުކުރި އެވެ.

"ވީނަސް"ގެ ނަމުން ނާއިޝާ ބްރައިޑް ފެއާގައި ތައާރަފުކުރި ބްރައިޑަލް ކަލެކްޝަން ވެސް ވަރަށް ކާމިޔާބެވެ. ރާއްޖޭގައި ބޭއްވި މިސް ފްރާންސް ރީތީގެ މުބާރާތަށް ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ފެޝަން ލައިނެއް ފަރުމާކޮށް ހުށަހަޅައިދީ އެތައް ބައެއްގެ ސަމާލުކަން ހޯދި އެވެ. މިއީ އަނެއްކާވެސް ނާއިޝާގެ ކާމިޔާބީގެ އިތުރު ބޮޅެކެވެ.

"ނާއިޝާޒް އެޓެލިއާ" އަކީ ރާއްޖޭގެ އެންމެ މަގުބޫލު އަދި ޓްރެންޑީ ބުޓީކުގައި ނެރޭ އެންމެ ފަހުގެ ސްޓައިލްގެ ހެދުންތައް ހިމެނޭ ރެޑީ ޓު ވެއާ ކަލެކްޝަނެކެވެ. ރެޑީ ޓު ވެއާ އަކީ ޑިޒައިނަރުން ފަރުމާކޮށްފައިވާ، ގަނެގެން ވަގުތުން ލެވޭނެ ކަހަލަގެ ބާވަތުގެ ހެދުމެކެވެ. ނާއިޝާ އޭނާގެ ކަލެކްޝަނާ ބެހޭގޮތުން "މިހާރު" އަށް މައުލޫމާތުކޮޅެއް ހިއްސާކުރި އެވެ.

މިކަލެކްޝަނާ ބެހޭގޮތުން ކުޑަ ތައާރަފެއް ދެވިދާނެތަ؟

- ނާއިޝާޒް އެޓެލިއާ އަކީ ރެޑީ ޓު ވެއާ ކަލެކްޝަނެއް. މި ކަލެކްޝަން އަމާޒުކޮށްފައި ވަނީ އުމުރުން 15-40 އަހަރާއި ދެމެދުގެ އަންހެނުންނަށް. މި ކަލެކްޝަން ފަރުމާކޮށް ފަހާފައިވަނީ އެކި މުނާސަބަތުތަކަށް ލެވޭގޮތަށް.

މިކަލެކްޝަން ފަރުމާކުރަން ވިސްނީ ކިހިނެއް؟

- އަޅުގަނޑު އަބަދުވެސް ދެކެން ބޭނުންވި ދުވަހެއް މިއީ، އަންހެނުންނަށް ހާއްސަ ކޮލިޓީ ހެދުން ލިބޭނެ ޑިޒައިނާ ލޭބަލެއް އުފައްދަން ބޭނުންވި. ފާއިތު ވެދިޔަ އަހަރުތަކުގައި ވެސް ރެޑީ މޭޑް ހެދުން ވިއްކުމުގެ ވިޔަފާރީގަ މަސައްކަތް ކުރީމަ ދެން ގަސްތުކުރީ ދިވެހިންނަށް ހާއްސަ އެންމެ ޒަމާނީ ހެދުން ކަލެކްޝަނެއް ލޯންޗުކުރަން.
- ނާއިޝާޒް އެޓެލިއާ އިން ކަސްޓަމަރުން އުއްމީދު ކުރަންވީ ކޮން ކަހަލަ ހެދުމަކަށް؟
- އެންމެ ފަހުގެ ސްޓައިލްތަކުގެ ހެދުންތައް. ފޯމަލް އަދި ކެޝުއަލް ވެއާ ހިމެނޭނެ. މި ކަލެކްޝަނުގައި ބޭނުންކޮށްފައިވާ މެޓީރިއަލަކީ އެންމެ ފެންވަރު ރަނގަޅު މެޓީރިއަލް، އަދި ހާއްސަކޮށް މި ކަލެކްޝަނަށް އިމްޕޯޓުކޮށްގެން ގެނެސްފައިވާ މެޓީރިއަލެއް.
- ނާއިޝާޒް އެޓެލިއާގެ ރެޑީ ޓު ވެއާ އެހެން ބުޓީކްތަކުން ނުވަތަ ފިހާރަތަކުން ލިބެން ހުންނާނެތަ؟
މި ކަލެކްޝަން ލިބެން ހުންނާނީ ހަމައެކަނި ކްލޯޒެޓް އިން. އެކަމަކު ކައިރި މުސްތަގުބަލެއްގައި އެހެން ފިހާރަތަކުންވެސް ލިބެން ހުންނާނެ.
ނާއިޝާ ބްރައިޑަލް ގައުން ވެސް ފަރުމާކުރޭ. އެހެންވީމަ ރެޑީ ޓު ވެެއާ ފެށުމަށް ފަހު ބްރައިޑަލް ގައުން ފަރުމާކުރުމުގެ ހިދުމަތް ހުއްޓާލާނަންތަ؟
- ބްރައިޑަލް ގައުން ފަރުމާކޮށްދިނުމުގެ ހިދުމަތް ކުރިއަށްގެންދާނަން، އެކަމެއް ހުއްޓައެއް ނުލާނަން. އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް އޮތްތާގަ ބްރައިޑަލް ލައިނެއް ވެސް ތައާރަފުކުރަން، އޭރުން ކަސްޓަމަރުން ޕްރީ އޯޑާ ނުކޮށް ވަގުތުން ޑިޒައިނާ ބްރައިޑަލް ގައުނެއް ގަނެގެން ލެވޭނެ.
ނާއިޝާގެ ރެޑީ ޓު ވެއާ ކަލެކްޝަންގެ ފޮޓޯތައް ނަގާފައިވަނީ، ފަންކޮގްރެފިކްގެ ފަންކޮ އެވެ. މޭކަޕް ކޮށްފައި ވަނީ ގްލެމް ސެލޮންގެ ނަދާ އެވެ. މޮޑެލް ކުރީ ލައިޝާ އަބްދުﷲ އެވެ.