03 ޖޫން 2017 - 12:58

ލަންޑަން (ޖޫން 3) – ގޯލްކީޕަރަކަށް ވާން ހިތްވަރު ލިބުނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކެމަރޫންގެ ކީޕަރު ތޯމަސް އެންކޯނޯ ދެއްކި ކުޅުމުން ކަމަށް ޔުވެންޓަސްގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

އިޓަލީއާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބުފޮން މިރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ އޭނާގެ ކްލަބް ކެރިއަރުގައި ނުލިބޭ ހަމައެކަނި ބޮޑު ކާމިޔާބީ ހާސިލްކުރާށެވެ.
ކުޑައިރު ފޯވާޑަކަށް ކުޅުނު ބުފޮން މިއަދު ދުނިޔޭގެ އެންމެ މޮޅު އެއް ކީޕަރަކަށް ވެފައިވާއިރު އެކަމުގެ ޝުކުރު އެންކޯނޯ އަށް ވެސް ހައްގުވެ އެވެ.
"(އެ ފަހަރުގެ ވޯލްޑް ކަޕުގައި) ދުނިޔޭގެ ހުރިހާ ލޮލެއް އަމާޒުވެފައި ހުރީ ޑިއޭގޯ މަރަޑޯނާ އާއި ގެރީ ލިނެކާ ފަދަ ކުޅުންތެރިންނަށް. އެކަމަކު އަހަރެން ހުރީ ތޯމަސް އެންކޯނޯ ފެނިފައި އަންތަރީސްވެފައި،" އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕުގެ ހަނދާންތައް އޭރު އުމުރުން 12 އަހަރުގެ ބުފޮން އާކުރި އެވެ. "އެ ފަހަރު އޭނާ ކެމަރޫނަށް ހާސިލްކޮށްދިން ކަންތައްތައް ފެނި އަހަރެން ކީޕަރަކަށް ވާން ހިތްވަރު ލިބުނީ."
ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފް ކެމަރޫނުން އެ ފަހަރު ހޯދިއިރު އެންކޯނޯ މުހިއްމު ދައުރެއް އަދާކުރި އެވެ. ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް ގްރޫޕުގެ އެއް ވަނަ ހޯދިއިރު ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ކޮލަމްބިއާ ބަލިކޮށްގެންނެވެ. ކުއާޓާ އިން ކެޓީ އިތުރު ވަގުތު ކުޅެ އިންގްލެންޑް އަތުން 3-2 އިން ބަލިވެގެންނެވެ.
ބުފޮންގެ އުމުރުން 20 އަހަރުގައި ޕާމާ އަށް ކުޅެނިކޮށް އެންކޯނޯއާ ބައްދަލުވި އެވެ. އަދި އޭގެ އަހަރެއް ފަހުން އެންކޯނޯގެ ވަދާއީ މެޗުގައި ކުޅެން ބުފޮން އަށް ދައުވަތު ދިނެވެ.
"އަހަރެން އޭނާ ގާތު އެދުނިން ކެމަރޫންގައި އަހަރެންގެ ފެއާވެލް މެޗުގައި ކުޅެން. އޭނާ ބުނި އާނ އެކޭ އެއްވެސް މައްސަލައެއް ނެތޭ. އެކަމަކު އަހަރެން ހިޔެއް ނުކުރަން އޭނާ އަތުވެދާނެ ކަމަށް. އެކަމަކު އެންމެ ފަހު ވަގުތު އޭނާ ގުޅި ކެމަރޫނަށް ފުރަން އެއާޕޯޓުގައި ހުރި ވާހަކަ ބުނަން،" އެންކޯނޯ ބުންޏެވެ.
އެންކޯނޯ އާއި ބުފޮން އެންމެ ފަހުން ބައްދަލުވި ފަހަރު ވަނީ އެންކޯނޯގެ ފުރަތަމަ ނަމުން ނަން ދީފައިވާ ބުފޮންގެ ދަރިފުޅު ލުއިސް ތޯމަސްއާ ބެހޭގޮތުން ވާހަކަދައްކައިފަ އެވެ. އެ ފަހަރު އެންކޯނޯ ގާތު ބުފޮން ބުނީ އުމުރުން ނުވަ އަހަރުގެ ލުއިސް ކުޅެނީ ކީޕަރަކަށް ނޫން ކަމަށާއި ފޯވާޑަކަށް ކަމަށެވެ.
ސްޕެއިނުގެ އެސްޕަންޔޯލަށް ގިނަ ދުވަސްތަކެއް ކުޅުނު މިހާރު އުމުރުން 60 އަހަރުގެ އެންކޯނޯ ކުޅުން ހުއްޓާލީ އުމުރުން 41 އަހަރުގަ އެވެ. މިހާރު އުމުރުން 39 އަހަރުގެ ބުފޮން ވެސް ބެލެވޭ ގޮތުގައި ކުޅުން ހުއްޓާލާނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އުމުރުން 40 އަހަރުގަ އެވެ. --ބީބީސީ