03 ޖޫން 2017 - 13:04

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން 25 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ޓަގުބޯޓެއް، މޫސުން ގޯސްވެ ކަނޑުގަދަވުމުން ދަތުރު ނުކުރެވިގެން ހއ. އުލިގަމަށް އިއްޔެ ބަނދަރުކޮށްފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އިންޑިއާގެ ކުންފުންޏަކުން ދުއްވާ "ގޯލްޑަން ޕްރައިޑް" އުލިގަމު އިރުމަތީ ފަރާތުގައި ބަނދަރުކުރީ ދަތުރު ނުކުރެވިގެން ކުއްލި ހާލަތުގައި ކަމަށެވެ. އެ ރަށުގައި ބަނދަރުކުރީ، ޓަގުބޯޓުން އެހީ އަށް އެދުމުން، ކަމާބެހޭ ފަރާތްތަކުގެ ހުއްދައާ އެކު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެތަނުން ބުނިގޮތުގައި މޫސުމް ރަނގަޅުވުމުން ޓަގުބޯޓު ފުރާނެ އެވެ. އެއީ ކޮން ތަނަކަށް ދަތުރުކުރި އެއްޗެއް ކަމެއް އެމްއެންޑީއެފުން ނުބުނެ އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ގަދަވެ ދަތުރުފަތުރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އަދި ގަދަވަޔާ އެކު ބޯކޮށް ވާރޭވެހި ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ބައެއް ރަށްރަށުގެ ގެތަކުގެ ފުރާޅު އެއްލާލުމުން، އެ އާއިލާތައް ވަނީ ވަގުތީ ހިޔާވަހިކަމަށް ބަދަލުކޮށްފަ އެވެ.