އެއްވެސް ޓީމެއް ދެކެ ޖެހިލުމެއްނުވޭ: ހޮޖްސަން
އެއްވެސް ޓީމެއް ދެކެ ޖެހިލުމެއްނުވޭ: ހޮޖްސަން

ސެއިން-އެޓިއެން، ފްރާންސް (ޖޫން 20) - ގްރޫޕް ސްޓޭޖު ތިން މެޗުގައި ވެސް އިންގްލެންޑުގެ ފަރާތުން ފެނުނީ އެޓޭކިން ގޭމެއް ކަމަށާއި އެއްވެސް ޓީމެއް ދެކެ ޖެހިލުމެއްނުވާ ކަމަށް އެ ޓީމުގެ ކޯޗު ރޮއީ ހޮޖްސަން ބުނެފި އެވެ.

ރޭގެ މެޗުން ސްލޮވާކިއާއާ ލަނޑެއް ނުޖެހި އެއްވަރުވުމުން އިނގިރޭސިން ގްރޫޕް ނިންމާލީ ދެ ވަނައިގަ އޮވެ އެވެ. ހޮޖްސަން ބުނީ ރޭގެ މެޗުގައި އެ ޓީމުން މޮޅުވާން ވަރަށް ހިވްވަރުކުރި ކަމަށާއި ނަސީބު އެހީނުވީ ކަމަށެވެ.

"މޮޅުވާން ބޭނުންވާ ކުޅުން ޓީމުގެ ފަރާތުން ފެނުނު. ތިރީސް ޝޮޓު ގޯލަށް ޖެހި. ގްރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ދިޔައީ އެޓޭކާއި ޑިފެންސުގެ ކުރިމަތިލުންތަކެއް. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެޓޭކިން ގޭމެއް ޓީމުގެ ފަރާތުން ފެންނާތީ. ނޮކައުޓް ބުރުގައި އޭގެ ނަތީޖާ ފެންނާނެ،" ކުރިން އިންޓަ އާއި ލިވަޕޫލަށް ކޯޗުކޮށްދިން ހޮޖްސަން ބުންޏެވެ.

ސްލޮވާކިއާއާ ދެކޮޅަށް އިނގިރޭސިން ނުކުތީ ޓީމުގެ ފުރަތަމަ އެގާރަ އަށް ހަ ބަދަލެއް ގެނެސްގެންނެވެ. ހޮޖްސަން ބުނީ މެޗުން މޮޅުނުވެވުނީ އެ ބަދަލުތަކުގެ ސަބަބުން ނޫން ކަމަށެވެ.

"ބަދަލު ގެނެސްގެން ޓީމުގެ ކުޅުމަކުން ތަފާތެއް ފެނުނުތަ؟ އަހަރެންނަށް ފެނުނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިންލެންޑުން ޑޮމިނޭޓް ކޮށްގެން ކުޅުނުތަން،" ހޮޖްސަން ބުންޏެވެ.

އިނގިރޭސިން ގްރޫޕް ދެ ވަނައިގައި ނިންމުމުން މުބާރާތުގެ ކުއާޓާ ފައިނަލަށް އެ ޓީމު ގޮސްފިނަމަ ފްރާންސާ ދެ ކޮޅަށް ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ. ހޮޖްސަން ބުނީ ވަކި ޓީމަކާ ދެކޮޅަށް ކުޅެން ޖެހިލުމެއްނުވާ ކަމަށެވެ.

"ނޮކައުޓް ބުރަށް ނުކުންނައިރު ވަރުގަދަ ޓީމުތައް މުޅިން އޮންނާނީ. ވަކި ޓީމަކާ ކުޅެން ބޭނުންވެގެން ނޫޅެން. އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވޭ،" ހޮޖްސަން ބުންޏެވެ.

ދެ ވަނަ ބުރުގައި އިނގިރޭސިން ކުޅެން ޖެހޭނީ ގްރޫޕް އެފްގެ ދެ ވަަނައިގަ އެވެ. ގްރޫޕް އެފްގެ ދެ ވަނައިގައި މި ވަގުތު އޮތީ އައިސްލޭންޑެވެ.