ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމުން ދުނިޔޭގެ ރުޅިވެރިކަން
ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމުން ދުނިޔޭގެ ރުޅިވެރިކަން

ވޮޝިންޓަން (ޖޫން 2) - ޕެރިހުގައި ގާއިމްކުރި ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާން ކުރެއްވުމާ އެކު ބައިނަލްއަގުވާމީ ގޮތުން އެކަން ކުށްވެރި ކުރަން ފަށައިފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒުގެ ތަރުޖަމާން ވިދާޅުވީ އެއީ ވަރަށް ހިތާމަހުރި ނިންމުމެއް ކަމަށެވެ. ޔޫރަޕިއަން ޔޫނިއަން އިން ބުނެފައި ވަނީ "މިއީ ދުނިޔެ އަށް ހިތާމަހުރި ދުވަހެއް" ކަމަށެވެ.

އެކަމަކު އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރުންނާއި ކޯލް އިންޑަސްޓްރީގެ ފަރާތްތައް ދަނީ އެ ނިންމުމަށް ތާއީދު ކުރަމުންނެވެ.

ޕެރިސް ތިމާވެށި އެއްބަސްވުމުން ވަކިވާކަން އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެއީ އެމެރިކާ އަށް ދީފައިވާ "އަދަބެއް" ކަމަށެވެ. އަދި އެއްބަސްވުމުގައި އެމެރިކާ ބައިވެރިވުމުން އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ. ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ތިމާވެށީގެ އާ އެއްބަސްވުމަކަށް ނުވަތަ ޕެރިސް އެއްބަސްވުމަށް ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޕެރިސް އެއްބަސްވުމުން ވަކިވާ ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ އޭގެ ސަބަބުން އެމެރިކާގެ ޖީޑީޕީން ތިން ޓްރިލިއަން ޑޮލަރު ގެއްލި، 6.5 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެތީ ކަމަށެވެ. އަދި ވާދަވެރި އިގްތިސާދުތައް ކަމަށްވާ ޗައިނާ އާއި އިންޑިއާ އަށް އޭގެ ފައިދާ ކުރާ ކަމަށެވެ. ޓްރަމްޕް އަދި ވިދާޅުވީ އޭނާ އަދާކުރައްވަމުން ދަނީ އެމެރިކާ އާއި އެމެރިކާ ރައްޔިތުން ރައްކާތެރި ކުރުމުގެ ޒިންމާ ކަމަށެވެ.

ޕެރިސް އެއްބަސްވުމުން ވަކިވުމުގެ ޓައިމްސްކޭލެއް ޓްރަމްޕް ނުދެއްވަ އެވެ. ނަމަވެސް އެ އެއްބަސްވުމުން ގައުމެއް ވަކިވާ ނަމަ، އެ ގައުމެއް އެއްބަސްވުމުގައި ބައިވެރިވި ތާރީޚުން ފެށިގެން ތިން އަހަރުގެ ނޯޓިސް ދޭން ޖެހެ އެވެ. ޕެރިސް އެއްބަސްވުމުގައި އެމެރިކާ ބައިވެރިވެފައި ވަނީ ނޮވެމްބަރު 16، 2016 ގަ އެވެ. އެއްބަސްވުމުން ވަކިވުމުގެ ޕްރޮސެސް އަށް އަހަރެއްހާ ދުވަސް ހޭދަވާނެތީ ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވެވޭނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ކަމަށް ބެލެވެ އެވެ.

ޕެރިސް އެއްބަސްވުމުގައި ބައިވެރިވުމަށް ނިންމެވި ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ޓްރަމްޕުގެ ނިންމެވުމަށް ވަގުތުން ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާން ވިދާޅުވީ ޓްރަމްޕުގެ ސަރުކާރުން "ކުރިމަގާ ދެކޮޅު ހަދާ" ކަމަށެވެ.

ޓްރަމްޕުގެ ނިންމެވުމަށް ހިތްހަމަނުޖެހުނު އެއް ގައުމަކީ ކެނެޑާ އެވެ. ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އެއީ ވަރަށް މާޔޫސް ކުރުވި ނިންމެވުމެއް ކަމަށެވެ. އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވަނީ ޕެރިސް އެއްބަސްވުމަކީ ކުރިމަގުގެ ޖީލުތަކުގެ ސަލާމަތް ކަމަށް ވިދާޅުވެފަ އެވެ.

ފްރާންސްގެ އާ ރައީސް އެމެނުއަލް މެކޮން ވިދާޅުވީ ޓްރަމްޕުގެ ނިންމެވުމަށް އިހްތިރާމް ކުރައްވާ ކަމަށާއި އެކަމަކު "އެ ހެއްދެވީ އެމެރިކާ އާއި ދުނިޔެ އަށް ގޯހެއް" ކަމަށެވެ. ޖަޕާނުގެ ފިނޭންސް މިނިސްޓަރު ޓާރޯ އަސޯ ވިދާޅުވީ ދެރަވުމަށް ވުރެ ބޮޑަށް އޭނާ ކޯފާވެއްޖެ ކަމަށެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުން އެންމެ ބޮޑު ގެއްލުމެއް ލިބޭ ކުދި ޖަޒީރާ ގައުމުތަކުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މާޝަލް އައިލެންޑްސްގެ ރައީސް ހިލްޑާ ހީން ވިދާޅުވީ އެއީ މޫސުމަށް ބަދަލު އައުމުގެ ގެއްލުމުގެ ކުރީގައި އުޅޭ ގައުމުތައް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޕެރިސް އެއްބަސްވުމާ މެދު އަލުން މަޝްވަރާ ކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ނަމަވެސް ފްރާންސް، ޖަރުމަން އަދި އިޓަލީ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

މީގެ ދެ އަހަރު ކުރިން ޕެރިހުގައި ބޭއްވި ސަމިޓުގައި އެކުލަވާލި ޕެރިސް އެގްރީމެންޓަކީ ތިމާވެށި ހިމާޔަތް ކުރުމަށް ދުނިޔޭގެ އެންމެ ގިނަ ގައުމުތައް އެކަތިގަނޑަކަށްވި ފުރަތަމަ އެއްބަސްވުމެވެ. ޕެރިސް އެއްބަސްވުން ތަންފީޒު ކުރަން 55 ގައުމުގެ ސޮއި ބޭނުންވި ނަމަވެސް މި އެއްބަސްވުން ވަނީ 147 ގައުމަކުން ތަސްދީގު ކޮށްފަ އެވެ.

ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ޕެރިސް އެއްބަސްވުމަކީ ޗައިނާގެ ރޭވުމަކުން ކޮށްފައިވާ ވަރަށް ބޮޑު ހީލަތްތެރި ރޭވުމެއް ކަމަށެވެ. މިދިޔަ އަހަރުގެ އިންތިޚާބުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ޕެރިސް އެއްބަސްވުން ބާތިލް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ މޫސުމަށް ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭހެވެ. ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން އެއްބަސްވެފައި ވަނީ ދުނިޔޭގެ އެވްރެޖް ހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވެ ހިފެހެއްޓުމަށެވެ.